Roadha Mihaaru
އެމްޓީޑީސީ ފައިދާ، ރިސޯޓެއް ވިއްކާލުމުން، އިތުރުވެއްޖެ

ނިޔާމަ ރިސޯޓް ވިއްކާލުމުން ލިބުނު ފައިދާއާ އެކު އެމްޓީޑީސީގެ ފައިދާ މައްޗަށް

31 އޮކްޓޯބަރ 2016

ނިޔާމަ މޯލްޑިވްސް ރިސޯޓް ވިއްކާލުމުން ލިބުނު ފައިދާއާ އެކު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ފައިދާ 2.83 މިލިއަން ޑޮލަރު (43.6 މިލިއަން ރުފިޔާ) އަށް އިތުރުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ނިޔާމަ މޯލްޑިވްސް ރިސޯޓް ވިއްކާލުމުން ލިބުނު ފައިދާއާ އެކު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ފައިދާ 2.83 މިލިއަން ޑޮލަރު (43.6 މިލިއަން ރުފިޔާ) އަށް އިތުރުވެއްޖެ އެވެ.

ރައްޔިތުންގެ ހިއްސާ އޮވެގެން ޓޫރިޒަމް ވިޔަފާރިކުރަން ސަރުކާރުން އުފެއްދި ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބުނު ފައިދާގެ މިންވަރު ވަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16.9 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އަދި މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ލިބުނު ފައިދާގެ މިންވަރު 9.2 މިލިއަން ރުފިޔާ އިތުރު ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.

އެމްޓީޑީސީގެ ތިން ވަނަ ކުއާޓަރުގެ ރިޕޯޓްގައިވާ ގޮތުން އާމްދަނީގެ ގޮތުގައި އެއް މިލިއަން ޑޮލަރު ލިބުނު ނަމަވެސް ނިޔާމަ ވިއްކާލުމުން ފައިދާގެ ގޮތުގައި 4.6 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި ކުންފުނި ހިންގުމުގެ ހަރަދު ކެނޑުމަށް ފަހު ހިންގުމުގެ ފައިދާގެ ގޮތުގައި 2.8 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ވެސް ރިޕޯޓުން ދައްކަ އެވެ.

ނިޔާމަ މޯލްޑިވްސްގެ ނަމުގައި ދ. އެނބޫދޫފުއްޓާއި އޮޅުވެލީގައި ހިންގާ ރިސޯޓު، އެ ރަށް ހިންގާ އޯ ޕްލަސް އީ ހޮލްޑިން އަށް 23.3 މިލިއަން ޑޮލަރު (359.2 މިލިއަން ރުފިޔާ) އަށް ވިއްކާލަން އެމްޓީޑީސީން ނިންމީ މިދިޔަ އޯގަސްޓް 16 ގަ އެވެ.

އެ ކުންފުނިން ތިން ވަނަ ކުއާޓަރުގައި އެއްވެސް ޓެކްސްއެއް ދައްކާފައި ނެތުމުން ސާފު ފައިދާގެ ގޮތުގައި 2.83 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި ހިއްސާއަކަށް ފައިދާގެ ގޮތުގައި ޖެހުނީ 0.08 ސެންޓް އެވެ.