Roadha Mihaaru
ސޭވް ދަ ބީޗްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

ސޭވް ދަ ބީޗްގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

21 ނޮވެމްބަރ 2017

ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށް ވާ "ސޭވް ދަ ބީޗް"ގެ 10 ވަނަ އަހަރީ ދުވަސް ގިނަ ހަރަކާތްތަކަކާ އެކު ފާހަގަކޮށްފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށް ވާ "ސޭވް ދަ ބީޗް"ގެ 10 ވަނަ އަހަރީ ދުވަސް ގިނަ ހަރަކާތްތަކަކާ އެކު ފާހަގަކޮށްފި އެވެ.

އެ ޖަމިއްޔާގެ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި "މޫދު މަޖާ" ގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހަރަކާތްތަކުގެ ތެރޭގައި ތިމާވެއްޓަށް ހޭލުންތެރި ކުރުވުމާއި ވިލިމާލޭ ގޮނޑުދޮށް ސާފުކުރުން ހިމެނެ އެވެ.

ގޮނޑުދޮށް ސާފު ކުރުމުގައި 80 ވޮލެންޓިއަރުން ބައިވެރިވިއިރު، ނެގި ކުނީގެ ބަދުރަން 255.5 ކިލޯ އަށް އަރަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ޕްލާސްޓިކް ކަމަށް ސޭވް ދަ ބީޗުން ބުނެ އެވެ.

ސޭވް ދަ ބީޗްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަަރަކާތްތަކުގެ ތެރެއިން.

ސޭވް ދަ ބީޗްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަަރަކާތްތަކުގެ ތެރެއިން.

ވިލިމާލޭގެ ގޮނޑުދޮށް ސާފުކުރުމުގެ އިތުރުން ޔޫއެންޑީޕީއާ ގުޅިގެން ބޭއްވި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްގައި 12 ކުދިންގެ މައްޗަށް ހިމެނޭ ފަސް ގްރޫޕަކުން ބައިވެރިވި އެވެ.

ގިނަ އަދަދެއްގެ ސްޕޮންސަރުންނާ އެކު ކުރިއަށް ގެންދިޔަ އިވެންޓްގައި، ގިނަ ދާއިރާތަކެއްގެ ތަޖުރިބާކާރުން މައުލޫމާތު ދިނެވެ. އަދި މި ހަރަކާތްތަކުގައި ބައިވެރިވި މީހުންގެ ތެރެއިން 99 ޕަސެންޓް މީހުން ބޭނުންކުރީ ތިމާވެއްޓާ ރައްޓެހި ތަކެތި ކަމަށް ސޭވް ދަ ބީޗުން ބުންޏެވެ.

ސޭވް ދަ ބީޗަކީ 2007 ގައި ހަސަން އަހުމަދު ކިޔާ މީހަކު އިސްނައިގެން އުފެއްދި ޖަމިއްޔާއެކެވެ. ގޮނޑުދޮށްތައް ސާފުކޮށް، ތިމާވެއްޓާ ގުޅޭ މައުލޫމާތުތައް ފޯރުވައިދީ، އެކަމުގައި ހަރަކާތްތެރިވާނެ މީހުން ތަމްރީން ކުރަން އެ ޖަމިއްޔާ އިން އަންނަނީ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ.