Roadha Mihaaru
ތިނަދޫ ޖަލްސާ: ސައިޒު ބޮޑީ ކޮން ބައެއްގެ؟

ތިނަދޫ ޖަލްސާ: ސައިޒު ބޮޑީ ކޮން ބައެއްގެ؟

26 ނޮވެމްބަރ 2017

ގދ. ތިނަދޫގައި މިދިޔަ ހަފުތާ ބަންދުގައި ސިޔާސީ ވާދަވެރިކަމާއި ފޯރި ގަދަ އެވެ. ސަރުކާރުގެ ސަޕޯޓަރުންނާއި އިދިކޮޅު މީހުން އަދިވެސް ބޯ ގުނަނީ އެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ޖަލްސާ ބޭއްވި އިރު، އޭގެ ތެރެ އިން ސައިޒު ބޮޑީ ކޮން ބައެއްގެ ޖަލްސާގައިތޯ ބަލާށެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގދ. ތިނަދޫގައި މިދިޔަ ހަފުތާ ބަންދުގައި ސިޔާސީ ވާދަވެރިކަމާއި ފޯރި ގަދަ އެވެ. ސަރުކާރުގެ ސަޕޯޓަރުންނާއި އިދިކޮޅު މީހުން އަދިވެސް ބޯ ގުނަނީ އެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ޖަލްސާ ބޭއްވި އިރު، އޭގެ ތެރެ އިން ސައިޒު ބޮޑީ ކޮން ބައެއްގެ ޖަލްސާގައިތޯ ބަލާށެވެ.

ވެރިކަން ކުރާ ޕީޕީއެމުން ބުނި ގޮތުގައި ތިނަދޫ ޖަލްސާ އިން ހަމަ ރަނގަޅަށް ވެސް ސަރުކާރުގެ ސައިޒު ދައްކާލެވިއްޖެ އެވެ. ރައީސް އަބްދުﷲ ޔާމީނަށް އޮތް ތާއީދު ވެސް މިހާރު ފެންނާނެ އެވެ. އިދިކޮޅުން ބުނާ ގޮތުގައި، ސަރުކާރުގެ ގިނަ ވަޒީރުންތަކެއް ތިނަދު އަށް ވަޑައިގެން، ޖަލްސާ އަށް މީހުން ގެންދިޔައީ ވަޒީފާގެ ބިރު ދައްކައިގެންނެވެ. އިދިކޮޅު ޕާޓީތަކުގެ މީހުން ނުކުތީ އެއްވެސް މަޖުބޫރު ކަމެއް ނެތި، ހިތާ ރޫހުން ކަމަށެވެ. އެހެންވެ، ސައިޒު ބޮޑީ އެ ޖަލްސާގައި ކަމަށް އެ މީހުން ބުނެ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވީ "ހެއްޔޯސާ" ޖަލްސާއަކީ ތިނަދޫގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ސިޔާސީ ހަރަކާތަށްވެ ނިމިއްޖެ ކަމަށެވެ. އެއީ ރެކޯޑު އަދަދެއް ކަމަށް ސިފަ ކުރައްވަމުން ނިހާން ވިދާޅުވީ އެ ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު 3،000 އަށް ވުރެ މަދު ނުވާނެ ކަމަށެވެ.

ޖަލްސާގެ ސައިޒާ ގުޅޭ ގޮތުން އިދިކޮޅު މީހުންނަށް ރައްދު ދެއްވަން ނިހާން ކުރެއްވި ޓުވީޓެއް.

އޭނާގެ މި ވާހަކަ އަށް ތާއީދުކޮށް ޓުވީޓްކުރި ސަރުކާރުގެ ސަޕޯޓަރުން ބުނީ "ތިނަދޫ ޖަލްސާ ވަރަށް ހަބޭސް" ކަމަށާއި މުޅި ތިނަދޫ އޮތީ ރައީސް ޔާމީނާ އެކު ކަމަށެވެ. އެ އަދަދަށް މީހުން ނުކުތީ، ތިނަދު އަށް ރައީސް ޔާމީން ގެނެސްދެއްވާ ތަރައްގީ ބަލައިގަންނާތީ ކަމަށް ވެސް އެ މީހުން ދެކެ އެވެ.

މި ވާހަކަ އަށް ރައްދު ދީ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، ޖަލްސާ އަށް މީހުން ނެރުނީ ވަޒީފާގެ ބިރު ދައްކައިގެންނެވެ. ބިރު ދައްކައިގެން ނެރުނު މީހުންނާއި އަމިއްލަ އިހްތިޔާރުގައި ނުކުތް އަދަދު ގުނާލުމުން "ހަގީގީ ސައިޒު ފެންނާނެ" ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.

އިދިކޮޅު ޖަލްސާ އަށް މީހުން ނުކުތީ އެއްވެސް މަޖުބޫރު ކަމެއް ނެތި ކަމަށް ވިދާޅުވެ، ޝާހިދު ކުރެއްވި ޓުވީޓެއް.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު ވިދާޅުވީ ތިނަދޫގައި ރައީސް ޔާމީނަށް ތާއީދު ނެތް ކަން އަނެއްކާ ވެސް ސާފުވެފައިވާ ކަމަށެވެ. އެ ޖަލްސާ އަށް ތިނަދޫން ނުކުތީ 240 މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކަނޑައަޅާފައިވާ ތިނަދޫ މެމްބަރު އަބްދުﷲ އަހްމަދު ކުރެއްވި ޓުވީޓެއް.

އަނެއް ބަޔަކު ބުނާ ގޮތުގައި، ޖަލްސާގައި ގިނަ މީހުން ތިބި ކަމަށް ފޮޓޯ އިން ފެނުނީ މާލެ އާއި ހުވަދު އަތޮޅުގެ އެކި ރަށްތަކުން މީހުން ގެންގޮސްގެންނެވެ. ތިނަދޫން އެ ޖަލްސާ އަށް ނުކުތީ މަދު ބައެއް ކަމަށް ވެސް އެ މީހުން ބުންޏެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވި ގޮތުގައި ތާއީދު އޮތް މިންވަރު ތިނަދޫ ރައްޔިތުން ދައްކާނީ ވޯޓުންނެވެ. ކަންކަން ހިނގާފައިވާ ގޮތާއި ވާނުވާ ވެސް ތިނަދޫގެ ރައްޔިތުންނަށް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. ތާއީދު އޮތީ ކޮން ބަޔަކަށް ކަން ރައްޔިތުން ދެން ވެސް ދައްކާނީ ވޯޓުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ޖަލްސާގެ ސައިޒާ ގުޅޭ ގޮތުން ކޮންމެ ބަޔަކު ވެސް ވާހަކަ މި ދައްކަނީ، އެ ބަޔަކު މޮޅުކޮށްފަ އެވެ. ޖަލްސާގައި ނަގާފައިވާ ފޮޓޯއަކުން ތާއީދު އޮތް މިންވަރެއް ނޭނގޭނެ އެވެ. ޑިމޮކްރަސީގައި ހަގީގީ ސައިޒު ފެންނާނީ ވޯޓު ފޮށީގެ ނަތީޖާ އިންނެވެ.