Roadha Mihaaru
ނިހާނަށް ރައްދު: "ތިނަދޫ ރައްޔިތުން ނުހުއްޓުވޭނެ"

ނިހާނަށް ރައްދު: "ބިރުދެއްކިއަސް ތިނަދޫ ރައްޔިތުން ނުހުއްޓުވޭނެ"

22 ނޮވެމްބަރ 2017

ގދ. ތިނަދު އަށް އިސްކަންދެއްވައިގެން ރައީސް އަބްދުﷲ ޔާމީން ކޮށްދެއްވި ކަންކަމާ މެދު އެ ރަށުގެ ރައްޔިތުން ވިސްނުން ނުގެންގުޅޭ ނަމަ، "ދެން އަޅާ ފިޔަވަޅުން އަޅުގަނޑުމެން ވެސް ވިސްނުން ބަދަލުކުރަން ޖެހިދާނެ" ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން ދެއްކެވި ވާހަކައަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގދ. ތިނަދު އަށް އިސްކަންދެއްވައިގެން ރައީސް އަބްދުﷲ ޔާމީން ކޮށްދެއްވި ކަންކަމާ މެދު އެ ރަށުގެ ރައްޔިތުން ވިސްނުން ނުގެންގުޅޭ ނަމަ، "ދެން އަޅާ ފިޔަވަޅުން އަޅުގަނޑުމެން ވެސް ވިސްނުން ބަދަލުކުރަން ޖެހިދާނެ" ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން ދެއްކެވި ވާހަކައަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ތިނަދު އަށް އުފަން ނިހާން، އެ ރަށުގެ ރައްޔިތުންނަށް ނިސްބަތް ކުރައްވައި ދެއްކެވި ވާހަކައަށް އެންމެ ބޮޑަށް ފާޑުވިދާޅުވީ، ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ.

މި ސަރުކާރުގައި ތިނަދޫގައި ހިންގާފައިވާ މަޝްރޫއުތަކުގެ "ކަލަ ގޮވައި، ރައްޔިތުންނަށް އިންޒާރު ދެއްވުމަކީ"، ދެ މެމްބަރުން ސިފަކުރެއްވި ގޮތުގައި، ނިހާން ކުރެއްވި ލަދުހުތުރު ކަމެކެވެ. ތިނަދޫގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދިޔައީ، ރައީސް ޔާމީންގެ ހެޔޮފުޅުކަމުން ނޫން ކަމަށާއި ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ރައްޔިތުންގެ ފައިސާ އިން ކަމަށް ވެސް ދެ މެމްބަރުން ވިދާޅުވި އެވެ.

މެމްބަރު އަބްދުﷲ އަހްމަދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ/މަޖިލިސް

މެމްބަރު އަބްދުﷲ އަހްމަދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ/މަޖިލިސް

ތިނަދު އަށް ވަކި ކަންތައްތަކެއް ކޮށްދީފައިވާތީވެ، އޭގެ ބަދަލުގެ ގޮތުގައި މިވެނި ކަމެއް ނުކުރެވޭނެ ކަމަށް ބުނެ ރައްޔިތުންނަށް ބިރުދައްކައި އިންޒާރު ދެއްވުމަކީ، ދެ މެމްބަރުން ވިދާޅުވި ގޮތުގައި، ނިހާން ކުރެއްވައިގެންވާނެ ކަމެއް ނޫނެވެ.

"ތިނަދު އަށް ކޮށްދެއްވި ކަންކަމަކީ ރައީސް ޔާމީން ވެގެން ކޮށްދެއްވި ކަންކަމެއް ނޫން. އެ މަޝްރޫއުތައް ހިންގީ ތިނަދޫ މެމްބަރުންގެ އާދޭސްތަކާ އެކު ބަޖެޓުގައި ހިމަނައިގެން،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިނަދޫ ރައްޔިތުން ތިބީ ނިހާން މެދުވެރިކޮށް، ސަރުކާރުން ދައްކާ ބިރަށް "ސިހޭ ގޮތަކަށް ނޫން" ކަމަށެވެ. އިސްލާހީ މަސައްކަތާ އެކު ތިނަދޫ ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތިނަދޫގައި ތިބެނީ އިސްލާހަށް ލޯބިކުރާ ރައްޔިތުންތަކެއް. އެ ރައްޔިތުން ނުހުއްޓުވޭނެ. ފާސިގުންނާއި ޚާއިނުންނާއި ބާގީންގެ ކިބައިން ތިނަދޫ ލޮބުވެތި ރައްޔިތުން ސަލާމަތްވެއްޖެ،" އަބްދުﷲ ވިދާޅުވި އެވެ.

ސައުދުﷲ ވިދާޅުވި ގޮތުގައި ނިހާން ދައްކަވާ ވާހަކަތަކުން "ތިނަދޫ ރައްޔިތުން ލަދުގަނެ" އެވެ. ތިނަދު އަށް ނިސްބަތްކުރައްވައި، އޭނާ ރޭ ވެސް ދެއްކެވީި އެ މަގާމުގައި ހުންނަވައި އެއްގޮތަކަށް ވެސް ދައްކަވަން ޖެހޭ ޒާތުގެ ވާހަކަތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް ޔާމީން ކުރައްވާ ކަންކަމާ މެދު ތިނަދޫ ރައްޔިތުން ހިތްހަމަނުޖެހުނީމަ، ކަލަ ގޮވަންވީކީ ނޫން. ތިނަދޫގައި ފަށާފައިވާ ގިނަ މަޝްރޫއުތަކަކީ އެކި ސަރުކާރުތަކުން ކުރިން ވެސް ކުރިއަށް ގެންދަން ނިންމާފައި ހުރި މަޝްރޫއުތަކެއް،" ސައުދުﷲ ވިދާޅުވި އެވެ.

ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ. މުއްސަނދިން އަތުން އިންކަމް ޓެކްސް ނެގުމަކީ މި ދަނޑިވަޅުގައި މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ. މުއްސަނދިން އަތުން އިންކަމް ޓެކްސް ނެގުމަކީ މި ދަނޑިވަޅުގައި މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިނަދޫގައި ބިމުގެ ދަތިކަން ކުރިމަތިވެފައި ނުވާއިރު ވެސް އެ ރަށުގެ ބިން ހިއްކައިދީ ޖާގަ ތަނަވަސްކޮށްދީފައިވާ ކަމަށް ނިހާން ވިދާޅުވި ވާހަކަ ވެސް ސައުދުﷲ ދޮގުކުރެއްވި އެވެ.

"ތިނަދޫގައި ފްލެޓް އަޅާފައި ވަނީ ވެސް ގްރީން ޒޯނެއްގެ ގޮތުގައި ހަދާފައިވާ ތަންތަނުގައި. އެހެންވީމަ ބިން ހިއްކުމޭ ކިޔައިގެން ވެސް ނިހާން ދެއްކެވީ ހަގީގަތާ ޚިލާފު ވާހަކަތަކެއް،" ސައުދުﷲ ވިދާޅުވި އެވެ.

ނިހާން ވިދާޅުވެފައި ވަނީ ގާތްގަނޑަކަށް 11،700 މީހުން ހިމެނޭ ގދ. އަތޮޅަށް އަންނަ އަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހާއްސަކޮށްފައިވާ ކަމަށެވެ. އެކަމަކު އެއަށް ވުރެ މާ ގިނަ މީހުން އުޅޭ ލ. އަތޮޅަށް އަންނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި 400 މިލިއަން ރުފިޔާ ހަމަނުވާ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މިކަމާ މެދު ވިސްނައި، އިދިކޮޅު ހަރާކްތަކަށް ތިނަދޫގެ ރައްޔިތުން ނުނިކުތުމަށް އޭނާ ގޮވާލެއްވި އެވެ.

އިހްލާސްތެރިކަމެއް ހުރި ތިނަދޫގެ އެއްވެސް ރައްޔިތަކު، ނިހާން ވިދާޅުވި ގޮތުގައި، އަންނަ ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ޕާޓީތަކުން ތިނަދޫގައި ބާއްވާ ޖަލްސާއަށް ނުދާނެ އެވެ.