Roadha Mihaaru
ޔުނައިޓެޑް ބަލިވިއިރު، ބާސެލޯނާ ދެ ވަނަ ބުރަށް

ޔުނައިޓެޑް ބަލިވިއިރު، ބާސެލޯނާ ދެ ވަނަ ބުރަށް

23 ނޮވެމްބަރ 2017

ޒިއުރިކް، ސްވިޒަލެންޑް (ނޮވެމްބަރު 23) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން 1-0 އިން ބަސެލް އަތުން ބަލިވިއިރު، ޔުވެންޓަސްއާ ލަނޑެއް ނުޖެހި އެއްވަރުވެ ބާސެލޯނާ މުބާރާތުގެ ދެ ވަނަ ބުރުން ޖާގައެއް ހޯދައިފި އެވެ.

ޒިއުރިކް، ސްވިޒަލެންޑް (ނޮވެމްބަރު 23) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން 1-0 އިން ބަސެލް އަތުން ބަލިވިއިރު، ޔުވެންޓަސްއާ ލަނޑެއް ނުޖެހި އެއްވަރުވެ ބާސެލޯނާ މުބާރާތުގެ ދެ ވަނަ ބުރުން ޖާގައެއް ހޯދައިފި އެވެ.

ރޭގެ މެޗުން ޕޮއިންޓެއް ހޯދައިގެން ޔުނައިޓެޑަށް މުބާރާތުގެ ދެ ވަނަ ބުރުން ޖާގައެއް ހޯދުމުގެ ފުރުސަތު އޮތެވެ. އެހެން ނަމަވެސް ބަލިވުމުން އެ ޓީމަށް ވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ. ގްރޫޕް އޭގެ އެއް ވަނައިގައި ޔުނައިޓެޑް އޮތީ ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބަސެލް އާއި ތިން ވަނައިގައި އޮތް ސީއެސްކޭއޭ މޮސްކޯ އަށް ލިބިފައިވަނީ ފަސް މެޗުން ނުވަ ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ބެންފީކާ އަށް ޕޮއިންޓެއް ނުލިބެ އެވެ.

ޔުނައިޓެޑް ކަޓާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުން އަމިއްލަ ދަނޑުގައި ސީއެސްކޭއޭ އަތުން ހަތް ގޯލުގެ ތަފާތަކުން ބަލިވެެ، ބެންފީކާ އަތުން ބަސެލް މޮޅުވެއްޖެނަމަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. ރޮމެލޫ ލުކާކޫ އާއި މަރުއާން ފެލައިނީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނުއިރު، މާކޯސް ރޯހޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގައި ފެނިގެންދިޔަ ހަަމައެކަނި ފަހު މިނިޓްގައި ބަސެލް އަށް ކާމިޔާބު ކޮށްދިނީ މިކައެލް ލަންގް އެެވެ. މި މެޗުގެ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޒަލަޓާން އިބްރަހިމޮވިޗް ކުޅެން އެރިއިރު، އޭނާ ވަނީ އެންމެ ގިނަ ކްލަބްތަކަށް ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ރެކޯޑް ހަދައިފަ އެވެ. ޔުނައިޓެޑަކީ އިބްރަހިމޮވިޗް މި މުބާރާތުގައި ކުޅޭ ހަތް ވަނަ ކްލަބެވެ. މީގެ ކުރިން އޭނާ ވަނީ އަޔަކްސް، ޔުވެންޓަސް، އިންޓަ، ބާސެލޯނާ، އޭސީ މިލާން އަދި ޕީއެސްޖީ އަށް މި މުބާރާތުގައި ކުޅެފަ އެވެ.

ރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މެޗުން ބަލިވީ އަމިއްލަ އަށް ހެދުނު ގޯސްތަކަކުން ކަމަށެވެ.

"އަހަރެމެން ފުރަތަމަ ހާފުގައި ވަރަށް މޮޅަށް ކުޅުނު. ފަހެއް ނޫނީ ހަ ވަރަކަށް ގޯލު ޖެހެން ވެސް ދިޔަ. އެކަމަކު އޭގެއިން އެއްވެސް ފުރުސަތެއް ބޭނުން ނުކުރެވި އެންމެ ފަހު މިނިޓްގައި އަނެއް ޓީމުން ލަނޑު މި ޖެހީ. މިއީ އަހަރެމެންނަށް އަމިއްލަ އަތުން ދޫކޮށްލެވުނު މެޗެއް،" މޮރީނިއޯ ބުންޏެވެ.

ލިއޮނަލް މެސީ ބެންޗުން ފެށި މެޗުން ޔުވެންޓަސްއާ ބާސެލޯނާ އެއްވަރުވިއިރު، މިއީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޖެހިޖެހިގެން ދެ މެޗު ބާސެލޯނާ ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުން ބާސެލޯނާ އެއްވަރުވީ ރަށުންބޭރުގައި އޮލިމްޕިއާކޯސްއާ އެވެ.

ގްރޫޕް ޑީގެ އެއް ވަނައިގައި ބާސެލޯނާ އޮތީ ފަސް މެޗުން 11 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ލިބިފައިވަނީ ފަސް މެޗުން އަށް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ސްޕޯޓިން ވަނީ ރޭ ކުޅުނު މެޗުން 3-1 އިން އޮލިމްޕިއާކޯސް ބަލިކޮށްފަ އެވެ. ސްޕޯޓިން އަށް ވަނީ ފަސް މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް އޮލިމްޕިއާކޯސް އަށް ފަސް މެޗުން ވަނީ އެއް ޕޮއިންޓެވެ.