Roadha Mihaaru
ޗެލްސީ، ސެވިއްޔާ، ބާސާ އަދި ޔުވެންޓަސް އަނެއް ބުރަށް

ޗެލްސީ، ސެވިއްޔާ، ބާސެލޯނާ އަދި ޔުވެންޓަސް އަނެއް ބުރަށް

25 ނޮވެމްބަރ 2020

ލަންޑަން (ނޮވެމްބަރު 25) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޗެލްސީ އާއި ސެވިއްޔާ އާއި ބާސެލޯނާ އަދި ޔުވެންޓަސް ބާކީ ދެ މެޗު ނުކުޅެ އޮއްވައި މުބާރާތުގެ އަނެއް ބުރުގެ ޖާގަ ޔަގީންކޮށްފި އެވެ.

ލަންޑަން (ނޮވެމްބަރު 25) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޗެލްސީ އާއި ސެވިއްޔާ އާއި ބާސެލޯނާ އަދި ޔުވެންޓަސް ބާކީ ދެ މެޗު ނުކުޅެ އޮއްވައި މުބާރާތުގެ އަނެއް ބުރުގެ ޖާގަ ޔަގީންކޮށްފި އެވެ.

ގްރޫޕް އީގައި ރޭ ކުޅުނު މެޗުގައި ޗެލްސީ ވަނީ ރަށުންބޭރުގައި ފްރާންސްގެ ރެން އަތުން 2-1 އިން މޮޅުވެފަ އެވެ. ރަޝިއާގެ ކްރަސްނޯޑާ އަތުން ސެވިއްޔާ މޮޅުވީ ވެސް 2-1 އިންނެވެ. އެ ގްރޫޕްގެ އެއް ވަނައިގައި އޮތް ޗެލްސީ އާއި ދެ ވަނައިގައި އޮތް ސެވިއްޔާ އަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ރެން އާއި ހަތަރެއްގައި އޮތް ކްރަސްނޯޑާ އަށް ހަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ގްރޫޕް ޖީގައި ރޭ ބާސެލޯނާ ވަނީ ރަށުން ބޭރުގައި ޔޫކްރޭނުގެ ޑިނަމޯ ކިއޭވް އަތުން 4-0 އިން މޮޅުވެ އެ ޓީމުގެ ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައިފަ އެވެ. ބާސެލޯނާ އެއް ވަނައިގައި އޮތީ ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އެވެ. ފަހަތުން އަރައި ހަންގޭރީގެ ފެރެންސްވަރޯސް އަތުން 2-1 އިން މޮޅުވެ ޔުވެންޓަސް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހަމަކޮށްފަ އެވެ. ތިން ވަނައިގައި އޮތް ޑިނަމޯ އާއި ހަތަރެއްގައި އޮތް ފެރެންސްވަރޯސް އަށް ލިބިފައިވަނީ ހަތަރު މެޗުން އެއް ޕޮއިންޓެވެ.

ރެން ދަނޑުގައި ރޭ ކުޅުނު މެޗުގައި ޗެލްސީ އަށް ލީޑުނަަގައިދިނީ އިނގިރޭސި ވިންގް ކަލުމް ހަޑްސަން-އޮޑޯއި އެވެ. މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ރެންގެ ސެރޫ ގިރާސީ ލަނޑެއް ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައިވަނިކޮށް ޗެލްސީ މޮޅުކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް އެވެ.

ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ ދެ މެޗު ބާކީ އޮއްވައި އަނެއް ބުރުގެ ޖާގަ ކޮލިފައިވުމަކީ މިހާ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހިފައިވާ ދަނޑިވަޅެއްގައި ލިބިގެންދިޔަ ފަސޭހައެއް ކަމަށެވެ. އަދި މިހާރު ކުރިމަތިވަމުން އަންނަ ބޮލުގެ ރިހުމަކީ އަނިޔާއިން ރަނގަޅުވެ ހުރިހާ ކުޅުންތެރިން ވެސް މޮޅަށް ކުޅެމުއްދާތީ ފުރަތަމަ އެގާރައެއް ނެގުމުގައި ކުރިމަތިވާ އުނދަގޫތައް ކަމަށް އޭނާ ބުންޏެވެ. އޭނާ އިތުރަށް ބުނީ މަގާމުތަކުގެ ވާދަވެރިކަން ބޮޑުނަމަ އޭގެ ފައިދާ އޮތީ ކްލަބަށް ކަމަށާއި ކުޅުންތެރިން ވެސް އެކަން ޕޮޒިޓިވްކޮށް ނެގުން މުހިއްމު ކަމަށެވެ.

ފެރެންސްވަރޯސް ދެ ކުޅުންތެރިން ކައިރިން ޔުވެންޓަސްގެ ރޮނާލްޑޯ ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފެރެންސްވަރޯސް ދެ ކުޅުންތެރިން ކައިރިން ޔުވެންޓަސްގެ ރޮނާލްޑޯ ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

އިވާން ރަކިޓިޗްގެ މޮޅު ގޯލުން ސެވިއްޔާ ލިޑުނަގާފައިވަނިކޮށް ކްރަސްނޯޑާ އަށް ދެ ވަނަ ހާފުގައި އެއްވަރުކޮށްދިނީ ސޯސާ ކަމްޕޯސް އެވެ. އިތުރު ވަގުުތުގައި ސެވިއްޔާ މޮޅުކޮށްދިން ގޯލު ޖެހީ މުނީރް އެލް ހައްދާދީ އެވެ.

ލިއޮނަލް މެސީ އާއި ފްރެންކީ ޑި ޔޯން އަށް އަރާމުކުރަން ފުރުސަތު ދިނުމަށް ފަހު ރޭ ބާސެލޯނާ އިން ވަނީ ޑިނަމޯ ދަނޑުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ބާސެލޯނާ އިން ހަތަރު ގޯލު ޖެހީ ވެސް މެޗުގެ ދެ ވަަނަ ހާފުގަ އެވެ. ފުރަތަމަ ގޯލު ޖެހީ އެމެރިކާގެ ފުލްބެކް ސާޖިނިއޯ ޑެސްޓް އެވެ. އޭގެ ފަހުން ޑެންމާކުގެ މާޓިން ބްރައިތުވެއިޓު ބާސެލޯނާ އަށް އިތުރު ދެ ގޯލު ޖަހައިދިންއިރު ބާސެލޯނާގެ ފަހު ގޯލު އިތުރު ވަގުތުގައި ކާމިޔާބުކުރީ އެންޓޮއިން ގްރީޒްމަން އެވެ.

ރޭގެ މެޗުގައި ބާސެލޯނާ އިން ނެރުނު ފުރަތަަމަ އެގާރަ އަކީ 2011 އަށް ފަހު ޗެމްޕިއަންސް ލީގުގެ މެޗަކަށް ބާސެލޯނާ އިން ނެރުނު އެންމެ ޒުވާން ފުރަތަމަ އެގާރަ އެވެ.

ޔުވެންޓަސް ދަނޑުގައި ފުރަތަމަ ލީޑުނެގީ ފެރެންސްވަރޯސް އިންނެވެ. މެޗުގެ 19 ވަނަ މިނިޓްގައި މި ގޯލު ޖެހީ މީރްތޯ އުޒުނީ އެވެ. ފުރަތަމަ ހާފުގެ 35 ވަނަ މިނިޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް އެއްވަރުކޮށްދީފަ އެވެ. ފެރެންސްވަރޯސް އިން ރަނގަޅު ޑިފެންސިވް ގޭމެއް ކުޅުނު މި މެޗުގައި ޔުވެންޓަސް މޮޅުވީ އިތުރު ވަގުތުގައި އަލްވާރޯ މޮރާޓާ ޖެހި ގޯލުންނެވެ.