Roadha Mihaaru
މި ލިބުނީ ކެރިއަރުގައި އެންމެ ބޭނުންވި އެވޯޑް: ރިޝްމީ

މި ލިބުނީ ކެރިއަރުގައި އެންމެ ބޭނުންވި އެވޯޑް: ރިޝްމީ

26 ނޮވެމްބަރ 2017

ސާކް ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބުމަކީ ފިލްމީ ކެރިއަރުގައި އެންމެ ބޭނުންވި އެވޯޑް ކަމަށާއި ފިލްމް "ވިޝްކާ" އާ ދޭތެރޭ ވަރަށް ފަހުރުވެރިވާ ކަމަށް ބަތަލާ އަދި ޕްރޮޑިއުސަރު އައިޝަތު ރިޝްމީ މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސާކް ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބުމަކީ ފިލްމީ ކެރިއަރުގައި އެންމެ ބޭނުންވި އެވޯޑް ކަމަށާއި ފިލްމް "ވިޝްކާ" އާ ދޭތެރޭ ވަރަށް ފަހުރުވެރިވާ ކަމަށް ބަތަލާ އަދި ޕްރޮޑިއުސަރު އައިޝަތު ރިޝްމީ މިއަދު ބުނެފި އެވެ.

ސާކް ގައުމުތަކުން ފިލްމްތައް ވާދަ ކުރާ ފެސްޓިވަލްގައި ރިޝްމީ ހޯދި ކާމިޔާބީއަކީ ރާއްޖޭގެ ބަތަލާއަކަށް ބޭރުގެ ފެސްޓިވަލެއްގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. ފެސްޓިވަލްގައި މި ފަހަރު ރާއްޖޭން ހަމައެކަނި "ވިޝްކާ" ވާދަކޮށް، ރިޝްމީ އެވޯޑް ހޯދި އިރު، ފެސްޓިވަލްގެ ފީޗާ ފިލްމް ކެޓަގަރީގައި 17 ފިލްމް ވާދަ ކުރި އެވެ. އަދި ކުރު ފިލްމް ކެޓަގަރީގައި ހަތް ފިލްމް ވާދަ ކުރިި އެވެ.

އޭގެ ތެރޭގައި މި ސަރަހައްދުގައި އެންމެ ވަރުގަދަ ފިލްމްތައް ހަދާ އިންޑިއާ ވެސް ހިމެނެ އެވެ.

ފެސްޓިވަލްގައި ރިޝްމީ އަށް އެވޯޑް ލިބުނުކަން އިއުލާން ކުރި ވަގުތުކޮޅު.

ރިޝްމީ ބުނީ މާޗް 8 ގައި ރިލީޒް ކުރި "ވިޝްކާ" ގެ މަސައްކަތް ފެށި އިރު ވެސް، ވިސްނުމަކަށްވެފައި އޮތީ ސާކް ފިލްމް ފެސްޓިވަލްގައި ފިލްމް ބައިވެރިކޮށްގެން ފާހަގަކުރެވޭ ވަރުގެ ކާމިޔާބީއެއް ހޯދުން ކަމަށެވެ. އެކަމަކު ފިލްމަށް ލިބުނީ އުންމީދު ކުރި ވަރަށް ވުރެ މާ ބޮޑު ކާމިޔާބީއެއް ކަމަށް ބުންޏެވެ.

"މީގެ ވާހަކަ ލިޔުނީ ވެސް އެ ވިސްނުން ބަހައްޓައިގެން. ބޭނުންވީ ސްޓްރޯންގް ފީމޭލް ކެރެކްޓާއެއް ދައްކުވައިދޭ ކަހަލަ ފިލްމެއް ހަދަން. އިރާދަކުރެއްވިއްޔާ އެކަން މިއޮތީ ވަރަށް ބޮޑަށް ކާމިޔާބު ކުރެވިފައި. އެކަމަކު މި ވަރުގެ ކާމިޔާބީއެއް ލިބޭނެ ކަމަކަށް ފުރަތަމަ އުންމީދެއް ނުކުރަން. އެކަމަކު ހަމަ އެކްސްޕެކްޓޭޝަންތަކާ އެކު ފެސްޓިވަލަށް އައީ،" އަބްދުﷲ ވިޝާމްގެ ވާހަކައަކަށް، މަހުދީ އަހުމަދު ސްކްރީންޕްލޭ ލިޔުނު ފިލްމާ ބެހޭ ގޮތުން ރިޝްމީ ބުންޏެވެ. "އެކްޓްރެސްއެއްގެ ހައިސިއްޔަތުން ރާއްޖެ އަށް ހޯދައި ދެވޭނެ އެންމެ ބޮޑު ކާމިޔާބީ ރިޝްމީ އަށް ހޯދައި ދެވިއްޖެ ކަމަށް މިހާރު ގަބޫލު ކުރަނީ."

އޭނާ ބުނީ މި ކާމިޔާބީގައި މުޅި "ވިޝްކާ" ގެ ކްރޫގެ ހިއްސާ ބޮޑު ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޑައިރެކްޓަރު އަދި "ވިޝްކާގެ ބަތަލު ރަވީ ފާރޫގާއި ވިޝާމަށް ޝުކުރު އަދާކުރާ ކަމަށް ބުންޏެވެ.

ރިޝްމީ ސާކް ފިލްމް ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ އެވޯޑާ އެކު.

ރިޝްމީ ސާކް ފިލްމް ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ އެވޯޑާ އެކު.

"ވިޝާމަކީ އެންމެ ފުރަތަމަ މި އެވޯޑް ރިޝްމީ އަށް ލިބޭނެ ކަމަށް ގަބޫލު ކުރި އެކަކު. މީގެ ވާހަކަ ލިޔުނު އިރު ވެސް އޭނާ އެ ވާހަކަ ދެއްކި،" ރިޝްމީ ބުންޏެވެ. "އޭނާ ބުނި ރިޝްމީ އަށް ތިކަން ވާނޭ. އަދި ރަވީ ވެސް ވަރަށް ކުރިއްސުރެ ވެސް އެހެން ބުނަމުން ދިޔަ."

މިހާތަނަށް ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ ބަތަލާ ބުނީ ރާއްޖޭގެ އެވޯޑެއްގައި މިހާތަނަށް އެންމެ މޮޅު ބަތަލާގެ އެވޯޑް ނުލިބި އޮއްވައި، އިންޓަނޭޝަނަލް ފެސްޓިވަލެއްގައި އެވޯޑް ލިބުމަކީ އެންމެ އުފާވި ކަންތައް ކަމަށެވެ.

"ކެރިއަރުގައި އަސްލު އެންމެ ބޭނުންވި އެވޯޑް މި ލިބުނީ. މިއީ ކުރިއަށް ދާން ވެސް ލިބުނު ވަރަށް ބޮޑު ހިތްވަރެއް،" އޭނާ ބުންޏެވެ. "ވަަރަށް އުފާވެ އަދި ހަމަ އެހާމެ ޕްރައުޑްވެފައި މިހުރީ."

މި ކާމިޔާބީއާ އެކު ރާއްޖޭން ބޭރުގެ ފިލްމަކުން ފުރުސަތެއް ލިބިއްޖެ ނަމަ، ބޭނުން ހިފާނެތޯ އެހުމުން ރިޝްމީ ބުނީ "ހަމަ ފިލްމެއް ކުޅެލަން ހުށަހެޅުމެއް ގަބޫލެއް ނުކުރާނެ" ކަމަށެވެ.

"ރިޝްމީއަކީ އަބަދު ވެސް ވަރަށް ޗޫޒީ މީހެއް ކުޅޭނެ ފިލްމެއް ސިލެކްޓް ކުރާ އިރު. އެހެންވީމަ ދިމާލަކުން އަދި އޮފާއެއް އަޔަސް، ރިޝްމީ އަށް ކަމުދާ ކަހަލަ ކެރެކްޓާއެއް ކުޅެން ލިބިއްޖެއްޔާ ނޫނީ ގަބޫލެއް ނުކުރާނަން،" ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާ ބުންޏެވެ. "ވާހަކައަކީ ހަމަ އޮފާއެއް ލިބުނީމަ ފިލްމެއް ކުޅެލާކަށް އެކަމެއް ނުކުރާނަން. ހިތްހަމަޖެހޭ ވަރުގެ އެއްޗެއް ވިއްޔާ އެ އެއްޗަކާ ދޭތެރޭ ސީރިއަސްކޮށް ވިސްނާނަން."

ސާކް ފިލްމް ފެސްޓިވަލްގައި ރާއްޖެ ކާމިޔާބީތަކެއް ހޯދަމުން އަންނަ އިރު، ރިޝްމީ މުހިއްމު ރޯލެއް ކުޅުނު އެހެން ފިލްމަކަށް ވެސް މީގެ ކުރިން ފާހަގަކުރެވޭ ކާމިޔާބީއެއް ލިބިފައިވެ އެވެ. އެއީ ސާކް ފިލްމް ފެސްޓިވަލްގައި 2015 ގައި ބައިވެރި ކުރި އަލީ ސީޒަންގެ "އިންސާނާ" އެވެ. އެ އެ އަހަރު އެ ފިލްމަށް ބްރޯންޒް މެޑެލް ލިބިފައިވެ އެވެ. އަދި މިދިޔަ އަހަރު ވެސް ރިޝްމީގެ ފިލްމެއް ފެސްޓިވަލްގައި ވާދަ ކުރި އެވެ. އެއީ ރަވީ ޑައިރެކްޓްކޮށް، ރިޝްމީ ބަތަލގެ ރޯލް ކުޅުނު މިކޮއެ ބައްޕަ ބައޭބައޭ" އެވެ. އެކަމަކު މިދިޔަ އަހަރަކީ ރާއްޖެ އަށް ކާމިޔާބު އަހަރެއް ނޫނެވެ.