Roadha Mihaaru
މުޒާހަރާތަކަށް ފަހު އޮތީ ކޮން މިސްރާބެއް؟

މުޒާހަރާތަކަށް ފަހު އޮތީ ކޮން މިސްރާބެއް؟

01 އެޕްރީލް 2018

ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ 1 ގައި ނެރުނު އަމުރާ އެކު، އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމެވެ. ވެރިކަން ބަދަލުކޮށްފައި ނޫނީ "ލޮލު ފިޔައެއް" ނުޖަހާނެ ކަމާއި މުޒާހަރާތައް ހުއްޓުމަކަށް ނުގެންނާނެ ކަމަށް ބުނާ ބުނުން ތަކުރާރުކުރި އެވެ. ކޮންމެ މީހެއްގެ ދުލުގެ ކުރިއަށް އައީ މިކަން ނިމުމަކަށް ގެންނަން ވެއްޖެ ކަމެވެ. ރިޔާސީ އިންތިޚާބަކަށް ބަލާނެ ކަމެއް ނެތެވެ. މިހާރު ވެސް ލަސްވެއްޖެ ކަމާއި އިންތިޚާބުގެ ކުރިން ކޮޅެއްގައި ޖައްސަން ވެއްޖެކަމެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ 1 ގައި ނެރުނު އަމުރާ އެކު، އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމެވެ. ވެރިކަން ބަދަލުކޮށްފައި ނޫނީ "ލޮލު ފިޔައެއް" ނުޖަހާނެ ކަމާއި މުޒާހަރާތައް ހުއްޓުމަކަށް ނުގެންނާނެ ކަމަށް ބުނާ ބުނުން ތަކުރާރުކުރި އެވެ. ކޮންމެ މީހެއްގެ ދުލުގެ ކުރިއަށް އައީ މިކަން ނިމުމަކަށް ގެންނަން ވެއްޖެ ކަމެވެ. ރިޔާސީ އިންތިޚާބަކަށް ބަލާނެ ކަމެއް ނެތެވެ. މިހާރު ވެސް ލަސްވެއްޖެ ކަމާއި އިންތިޚާބުގެ ކުރިން ކޮޅެއްގައި ޖައްސަން ވެއްޖެކަމެވެ.

މިދިޔަ ޖެނުއަރީ 25 ވަނަ ދުވަހުގެ ރޭ މ. ކުނޫޒުގައި އޮތް ޖަލްސާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވާހަކަފުޅުން ރިޔާސީ އިންތިޚާބުގެ ކުރިން ވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން ބޭނުންވާ ކަން ދޭހަވި އެވެ. އެ ވާހަކަފުޅާ އެކު އިދިކޮޅު ފަރާތްތަކުގެ މަންޒަރު ސާފުވި އެވެ. "މިކަން ނިމުނު ގޮތަކަށް ނިންމާލަންވީ" ކަމަށް ގަބޫލުކުރި ބަޔަކު ތިއްބެވެ.

އެކަމަކު، މައުމޫން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ބައެއް ފަނޑިޔާރުންނާއި ސިޔާސީ ބޭފުޅުން ހައްޔަރުކުރުމާ އެކު، އިދިކޮޅު ފަރާތްތަކުގެ ރާގު ކޮންމެވެސް ވަރަކަށް ބަދަލުވާން ފެށި އެވެ. ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އިދިކޮޅު އެމްޑީޕީން ހާމަކުރި އެވެ. ކޮންމެ ރެއަކު މާލޭގައި މުޒާހަރާ ކުރުމުގެ ބަދަލުގައި ކުނޫޒާއި އެމްޑީޕީ ހަރުގޭގައި ޖަލްސާތައް ބާއްވަން ފެށި އެވެ. އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިޚާބާ ދިމާލަށް ދިއުމަށް މިސްރާބު ޖެހީ ކަމަށް ބެލެވުނެވެ.

ވެރިކަން ކުރާ ޕީޕީއެމުން ގަބޫލުކުރާ ގޮތުގައި އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ދަނީ ދުވަހެއް ދުވަހަކަށް ފަނޑުވަމުންނެވެ. ރިޔާސީ އިންތިހާބުގެ ކުރިން އެމީހުން ވިއްސިވިހާލިވެގެން ދާނެ އެވެ. އެއް ކެންޑިޑޭޓެއްގެ މަޝްވަރާތައް ފެށުމާއި މުޒާހަރާތައް ޖަލްސާތަކަށް ބަދަލުވުމަކީ އޭގެ ހެއްކަކަށް އެ ޕާޓީގެ އިސް ބޭފުޅުން ދެކެވަޑައިގަނެ އެވެ.

އިދިކޮޅު ހަރަކާތުގެ ބައިވެރިން ޖަލްސާގައި ބައިވެރިވަނީ ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިދިކޮޅު ހަރަކާތުގެ ބައިވެރިން ޖަލްސާގައި ބައިވެރިވަނީ ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވި ގޮތުގައި ފެބްރުއަރީ 1 ގެ އަމުރާ އެކު އިދިކޮޅު މީހުން ގޮވާލި "45 ގޮވާލުމަކަށް" ރައްޔިތުން އިޖާބަ ދީފައެއް ނެތެވެ. އެމީހުން ގަބޫލުކުރާ އަދަދަށް މީހުން ބައިވެރިނުވީ "ނުސިޔާރު" ކަމެއް ހުރީމާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު އިސްވެ ތިބެގެން، ކުއްލި ގޮތަކަށް ނެރުނު އަމުރަކީ ސައްހަ އަމުރެއް ނޫންކަން އަދި ރަނގަޅު ހެޔޮ ނިޔަތެއްގައި ނެރުނު އަމުރެއް ނޫން ކަން ގިނަ ރައްޔިތުން އެއޮތީ ގަބޫލުކޮށްފައި. އެ ނެރުނު ވަގުތުން ފެށިގެން އޭގައި ހުރި ކަންތައްތަކާ ހަމައަށް،" ނިހާން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން "ގަނޑުކޮށް" ނެރުނު އަމުރުން، އިދިކޮޅު ފަރާތްތަކުން ކުރަން މިއުޅުނީ "ބަޣާވާތެއް" ކަން ރައްޔިތުންނަށް ސާފުވި ކަމަށް ނިހާން ގަބޫލުކުރައްވަ އެވެ. އަދި ރައްޔިތުން ބަޣާވާތުގައި ބައިވެރިވާން ބޭނުން ނުވި ކަން ހާމަވި ކަމަށް ވެސް އޭނާ ދެކެވަޑައިގަނެ އެވެ.

އިދިކޮޅު ފަރާތްތަކުން ދެކެނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ސަރުކާރުން ތަންފީޒު ނުކުރިޔަސް، އެއީ އިދިކޮޅު ހަރަކާތަށް ލިބުނު ކާމިޔާބެއްގެ ގޮތަށެވެ. އޭގެ ފަހުން ބޭއްވި މުޒާހަރާތަކުން ސަރުކާރު ވަރަށް ބޮޑަށް ސައިޒްވި ކަމަށް އެ މީހުން ގަބޫލުކުރެ އެވެ. މިދިއަ މަހު 16 ގައި ބޭއްވި މުޒާހަރާ އިން ރައްޔިތުން ތިބި ގޮތް ފެނި ސަރުކާރު ބިރުގަނެއްޖެ ކަމަށް ވެސް ބުނެ އެވެ.

އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅަކު ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ވަރަށް ބޮޑަށް ބަލިކަށިވެފައި ކަމަށެވެ. އޭގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުގެ ވިސްނުން ބަދަލުނުވާ ކަމަށާއި ބަންދުގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދޫކޮށްލައި، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު 12 މެމްބަރަށް ފުރުސަތު ދީފި ނަމަ، މަޖިލީހުގެ ތެރެއިން ރައީސް ޔާމީން ވައްޓާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބަޑީގެ ވަޒަނާއި މަދު ސިފައިންތަކެއް ތިބީމަ ހިފެހެއްޓިފައި އޮތީ. އެއީ ވަގުތުކޮޅެއްގެ ކަމެއް. އިންތިހާބުގެ ކުރިން އެ ކަން ހިނގާނެ،" ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާ ވަކިކުރެވޭނެ ގޮތުގެ މިސާލު ނަންގަވައި އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގެ އަޣުލަބިއްޔަތު ލިބުނީ، ވެރިކަމުން ވައްޓާލީ."

މަގުމަތިން ކަމެއް ނުވުމުން، އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ޖަލްސާތައް ފެށުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ނިހާން ވިދާޅުވި އެވެ. ޕީޕީއެމުން މިހާރު ބަލަމުން ދަނީ އިދިކޮޅުން ނެރޭނެ ކެންޑިޑޭޓެއް ނުވަތަ ކެންޑިޑޭޓުން ތަކަކަށެވެ. އެގޮތުން ނިހާން ގެންދަވަނީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް އެމްޑީޕީގެ ޓިކެޓް ހައްގު ކަމަށް ވިދާޅުވަމުންނެވެ.

ޕީޕީއެމުން ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ބޭނުންވާ ތިން ފެކްޝަނެއް އެބަ އޮތެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ބަޔަކާއި އިބޫގެ ފަހަތުގައި ތިބި ބަޔަކާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވެރިކަމަށް ގެންނަން ބޭނުންވާ ބައެކެވެ.

އެހެންކަމުން "އެއް ކެންޑިޑޭޓަކު ނެރެން އިދިކޮޅު ފަރާތްތަކަށް ފަސޭހައެއް ނުވާނެ،" ނިހާން ވިދާޅުވި އެވެ.

"އެއް ކެންޑިޑޭޓަކު އެތެރެއިން [ޕާޓީއެއްގެ ތެރެއިން] ދައްކަން އުޅުނަސް މައްސަލަ ޖެހޭނެ. އަޅުގަނޑުމެންގެ ތެރޭގައި ނެތް އެ ކަހަލަ އެއްވެސް މައްސަލައެއް."

ރައީސް އަބްދުﷲ ޔާމީނާއި ނިހާން (ވ) އަދި ޖަމީލް އުސްމާން (މ). - ފައިލް ފޮޓޯ: މިހާރު

ރައީސް އަބްދުﷲ ޔާމީނާއި ނިހާން (ވ) އަދި ޖަމީލް އުސްމާން (މ). - ފައިލް ފޮޓޯ: މިހާރު

އެކަމަކު އަނެއްކޮޅުން އިދިކޮޅު ހަރަކާތް ވެސް އޮތީ ވަރުގަދަކޮށެވެ. ރިޔާސީ ކެންޑިޑޭޓެއްގެ ކަންކަން ދުރުގައި ބާއްވާފައި، އިދިކޮޅު ލީޑަރުން އަދިވެސް އިސްކަން ދެއްވަނީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނާށެވެ.

ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަހު ޖަލުގައި ހުންނެވުމަށް ފަހު ނުކުމެވަޑައިގެން، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ "މިހާރު ކުރަމުން ދާ މަސައްކަތް ނިންމަން ވެއްޖެ" ކަމަށެވެ.

ރައީސް ޔާމީން ވެރިކަމުގައި ހުންނަވައިގެން ގައުމު އިސްލާހު ނުކުރެވޭނެ ކަމަށާއި ކުރަންވީ ކަމަކީ ރައީސް ޔާމީން ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ކަމަށް ވެސް ވިދާޅުވި އެވެ.

ސުވާލު އޮތީ އެ މަސައްކަތް ކާމިޔާބުވާނެތޯ ނުވަތަ ނޫންތޯ އެވެ. މުޒާހަރާތައް މަޑުޖެހިލުމުން ދެން އަނެއްކާވެސް މި ފެންނަނީ އިދިކޮޅު ޕާޓީތަކުގެ އެތެރޭގެ ހަރަކާތްތަކެވެ. އެއީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ފިޔަވަޅުތަކެވެ. އެކަން ޖުމްހޫރީ ޕާޓީންނާއި އެމްޑީޕީން ވެސް ގެންދަނީ ކުރިއަށެވެ.

ކެންޑިޑޭޓެއް/ކެންޑިޑޭޓުން ނެރޭނެ ގޮތްތަކާއި، އިދިކޮޅު ލީޑަރުންނަށް އެއްބަސްވެވެވޭނެ/ނުވެވޭނެ ކަންކަން ކަނޑައެޅޭނެ ދުވަސް އޮތީ މާ ދުރަކު ނޫނެވެ. ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އެ މަންޒަރު ފެންނާނެ އެވެ.