Roadha Mihaaru
މިސްކިތް ސަރަހައްދު ތަރައްގީކުރާނީ ގެއްލުން ނުވާ ގޮތަށް

ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު ތަރައްގީ ކުރާނީ އާސާރީ ތަކެއްޗަށް ގެއްލުން ނުލިބޭ ގޮތަށް: ހައުސިން

26 ނޮވެމްބަރ 2017

މާލޭ ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު ތަރައްގީކުރާނީ އެ ސަރަހައްދުގައި ހުރި އާސާރީ އެއްވެސް އެއްޗަކަށް ގެއްލުން ނުލިބޭ ގޮތަށް ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭ ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު ތަރައްގީކުރާނީ އެ ސަރަހައްދުގައި ހުރި އާސާރީ އެއްވެސް އެއްޗަކަށް ގެއްލުން ނުލިބޭ ގޮތަށް ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހުކުރު މިސްކިތް ހިމެނޭ ސަރަހައްދުން ބައެއް، ބަގީޗާއެއްގެ ގޮތުގައި ތަރައްގީކޮށް، އެތަނުގައި ކެފެޓޭރިއާއެއް ހަދަން ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. މިއީ، ސަރުކާރުން ރާއްޖޭގެ ތާރީހީ ބިނާތަކާއި ތާރީހީ ތަންތަން ނައްތާލަން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބުނެ، ތާރީހަށް ލޯބިކުރާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެއް ބަޔަކު ބުނިގޮތުގައި ތަރިކަ ހިމާޔަތްކުރަން ސަރުކާރުން އަހައްމިއްޔަތު ކަމެއް ނުދެ އެވެ. ރާއްޖޭގެ ތާރީޚީ މުހިއްމު ބިނާތަކަށް ގެއްލުންވާ ގޮތަށް މީގެކުރިން ވެސް ސަރުކާރުން އަމަލުކޮށްފައިވާ ކަމަށާއި ހުކުރު މިސްކިތް ސަރަހައްދަށް ގެންނަން އުޅޭ ބަދަލުން ތަރިކަތަކަށް ގެއްލުންވާނެ ކަމަށް ވެސް އެ މީހުން ދަނީ ބުނަމުންނެވެ.

އެކަމަކު ހައުސިން މިނިސްޓްރީން މި ތުހުމަތުތައް ދޮގުކުރެ އެވެ. އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެތަން ތަރައްގީކުރާއިރު އެ ސަރަހައްދުގައި ހުރި ތާރީޚީ އަދި އާސާރީ އެއްވެސް އެއްޗަކަށް ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ދޭ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ތަރައްގީ ކުރަނީ މުލިއާގޭ ކުރިމަތީގައި ކުރިން ވެސް ބަގީޗާއެއްގެ ގޮތުގައި އޮތް ސަރަހައްދެވެ.

ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު. ބެލެވޭ ގޮތުގައި ތަރައްގީ ކުރަނީ މި ސަރަހައްދު. - ފޮޓޯ: މިހާރު

ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު. ބެލެވޭ ގޮތުގައި ތަރައްގީ ކުރަނީ މި ސަރަހައްދު. - ފޮޓޯ: މިހާރު

ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ހުކުރު މިސްކިތަކީ މާލެ އަންނަ ޓޫރިސްޓުން އެންމެ އާންމުކޮށް ޒިޔާރަތް ކުރާ އެއް ތަނެވެ.

ހުކުރު މިސްކިތް ހުރި ސަރަަހައްދަށް ގެންނަން އުޅޭ ބަދަލަށް ފާޑުވިދާޅުވެ، ގާނޫނީ ވަކީލު ހުސްނުއް ސުއޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެތަނުގެ ގޯތިތެރޭގައި ހުރި ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ މަގުބަރާ ހިމެނޭ ގޮތަށް، މަހާނަތައް ތަޅާލައިގެން ނެގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެއީ ދިވެހިންގެ ތަރިކައިގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށް ވިދާޅުވެ އެތަން ހިމާޔަތް ކުރުމަށް ސުއޫދު ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ސަރުކާރުން ތަރައްގީ ކުރަން ނިންމި ސަރަހައްދުގައި، ހުކުރު މިސްކިތް ޑިޒައިންކުރި ދެ ބޭފުޅުންގެ މަހާނަ ވެސް ހިމެނެ އެވެ. އަދި ގައުމު ދެކެ ލޯބިވުމަކީ ތާރީހީ އަދި އާސާރީ ތަރިކަ ތަޅައި ސުންނާފަތި ކުރުންތޯ ކުރީގެ އެޓާނީ ޖެނެރަލް ކަން ވެސް ކުރެއްވި ސުއޫދު، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ޓެގު ކުރައްވައި ޓުވިޓާގައި ސުވާލުކުރެއްވި އެވެ.

ސުއޫދު މިއަދު ކުރެއްވި ޓުވީޓު.

މާލޭގައި މިހާރު ހުރި އެންމެ ތާރީހީ ބިނާތަކުގެ ތެރޭގައި މާލޭ ހުކުރު މިސްކިތް ހިމެނެ އެވެ. އެއީ ރާއްޖޭގެ ތާރީހު ރަމްޒުކޮށްދޭ ބިނާއެކެވެ. ރާއްޖޭގެ ފަންނުވެރިންގެ ކަވި މަސައްކަތްތައް ދައްކުވައިދޭ ތަނެކެވެ. ރާއްޖޭގެ އެކި ރަށްރަށުން ހިރިގާ ނަގައިގެން މާލެ ގެނެސް، ހުކުރު މިސްކިތް ބިނާ ކުރަން ފެށީ 1066ހ. ގަ އެވެ. އެއީ މީގެ 372 އަހަރު ކުރި އެވެ.

ސުއޫދު މިއަދު ކުރެއްވި ޓުވީޓު.

މާލޭ ހުކުރު މިސްކިތަކީ އުތީމު ދަރިކޮޅުގެ ފަސްވަނަ ރަސްކަލުން ސުލްތާނު އިބްރާހީމު އިސްކަންދަރު ބިނާ ކުރެއްވި މިސްކިތެކެވެ. މި މިސްކިތުގެ ދާލައަކީ ރާއްޖޭގައި ރަސްމީ ސިފައެއްގައި ތައުލީމު ފެތުރުމަށް އެންމެ ފުރަތަމަ ބޭނުން ކުރެވުނު މަދަރުސާ އެވެ. އިސްލާމީ މަރުކަޒު ހުޅުވުމާ ހަމައަށް، ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ގޮތުގައި ހުރީ ވެސް ހުކުރު މިސްކިތެވެ.