Roadha Mihaaru
މެޗު އެއްވަރުވިއިރު ބާސާގެ ހިތްހަމަނުޖެހުން ރެފްރީ އަށް

މެޗު އެއްވަރުވިއިރު ބާސެލޯނާގެ ހިތްހަމަނުޖެހުން ރެފްރީ އަށް

27 ނޮވެމްބަރ 2017

ވެލެންސިއާ، ސްޕެއިން (ނޮވެމްބަރު 27) - ސްޕެނިޝް ލީގުގެ އެންމެ ކުރީގައި އޮތް ވެލެންސިއާ އާއި ބާސެލޯނާ 1-1 އިން އެއްވަރުވިއިރު، ގޯލެއްގެ މައްސަލައިގައި ބާސެލޯނާ އިން މެޗުގެ ރެފްރީންނާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ވެލެންސިއާ، ސްޕެއިން (ނޮވެމްބަރު 27) - ސްޕެނިޝް ލީގުގެ އެންމެ ކުރީގައި އޮތް ވެލެންސިއާ އާއި ބާސެލޯނާ 1-1 އިން އެއްވަރުވިއިރު، ގޯލެއްގެ މައްސަލައިގައި ބާސެލޯނާ އިން މެޗުގެ ރެފްރީންނާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.

ރޭގެ މެޗު އެއްވަރުވުމާ އެކު ބާސެލޯނާ އިން ވަނީ ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑު ދަމަހައްޓައިފަ އެވެ. ބާސެލޯނާ އަށް 13 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަަނައިގައި އޮތް ވެލެންސިއާ އަށް ވަނީ 13 މެޗުން 31 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ލިއޮނަލް މެސީ ފުރަތަމަ ހާފުގައި ފޮނުވާލި ބޯޅަ ގޯލު ރޮނގު ހުރަސްކުރި ނަމަވެސް އެ ބޯޅަ ގޯލު ރޮނގު ހުރަސްކުރިތަން ރެފްރީ އަށް ނުފެނުމުން އެއީ ގޯލެއް ކަމަށް ނުނިންމަ އެވެ. ޔޫރަޕްގެ ވަރުގަދަ ގިނަ ލީގުތަކުގައި ގޯލް ލައިން ޓެކްނޮލޮޖީގެ އެހީ ހޯދަމުން އަންނައިރު، ސްޕެނިޝް ލީގުގައި ގޯލްލައިން ޓެކްނޮލޮޖީ ތައާރަފްކުރަން ރަސްމީ ސިފައެއްގައި އެއްބަސްވުމަކަށް ނާދެވެ އެވެ.

އެއީ ގޯލެއް ކަމަށް ނުނިންމުމުން ބާސެލޯނާގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

މި މެޗުގެ 60 ވަނަ މިނިޓްގައި ވެލެންސިއާ އިން ލީޑު ނެގީ ރޮޑްރީގޯ ޖެހި ގޯލުންނެވެ. ބާސެލޯނާ އަށް އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ މެޗު ނިމެން އަށް މިނިޓަށްވެފައި ވަނިކޮށް މެސީ ދިން ބޯޅައަކުން، ވެލެންސިއާގެ ކުރީގެ ކުޅުންތެރިޔާ ޖޯޑީ އަލްބާ އެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ ހުރިހާ އުނދަގޫތަކާ އެކު ވެސް އެ ޓީމުގެ ކުޅުންތެރިން ކުރި ހިތްވަރު ފެނިފައި ލިބުނު ހިތްހަމަ ޖެހުން ބޮޑު ކަމަށެވެ.

"މެސީ ޖެހީ ގޯލެއްކަން އަހަރެމެންނަށް ވަރަށް ސާފު. އެކަމަކު ފެނިގެން ދިޔަ ކަންތައްތަކަށް ބަލާއިރު އަހަރެމެންނަށް މި މެޗުގައި ވަރަށް އުނދަގޫ ހާލަތްތަކެއް މެދުވެރިވި. އެކަމަކު އެ ހުރިހާ ކަމަކުން އަރައިގަނެ ޕޮއިންޓެއް ނަމަވެސް ހޯދަން ކުޅުންތެރިން ކުރި މަސައްކަތް ފެނުނު. އެއީ ހިތްހަމަ ޖެހުމެއް،" ވަލްވޭޑޭ ބުންޏެވެ.

ރޭގެ މެޗަށް ފަހު ބާސެލޯނާގެ ކުޅުންތެރިން ވަނީ ސްޕެނިޝް ލީގުގައި ގޯލް ލައިން ޓެކްނޮލޮޖީގެ އެހީ ހޯދަން ފެށުން އަވަސްކުރަން ޖެހޭ ކަމަށް ބުނެފަ އެވެ.