Roadha Mihaaru
ޑެމްބެލޭގެ މޮޅު ކުޅުން ބާސާ އިން ބިލްބާއޯ ބަލިކޮށްފި

ޑެމްބެލޭގެ މޮޅު ކުޅުން ބާސެލޯނާ އިން ބިލްބާއޯ ބަލިކޮށްފި

24 އޮކްޓޯބަރ 2022

ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކް ބިލްބާއޯ އަތުން 4-0 އިން ބާސެލޯނާ ރޭ މޮޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކް ބިލްބާއޯ އަތުން 4-0 އިން ބާސެލޯނާ ރޭ މޮޅުވެއްޖެ އެވެ.

މި ނަތީޖާއާ އެކު ބާސެލޯނާ އޮތީ 28 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި 31 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ. ތިން ވަނައިގައި އޮތީ 23 ޕޮއިންޓާ އެކު އެތުލެޓިކޯ މެޑްރިޑެވެ.

އަމިއްލަ ދަނޑުގައި ބާސެލޯނާ ކުޅުނު މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ އޮސްމާނޭ ޑެމްބެލޭ އާއި ސާޖި ރޮބާޓޯ އާއި ރޮބަޓް ލެވޮންޑޮސްކީ އަދި ފެރަން ޓޮރޭސް އެވެ.

މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ އެއް ލަނޑު ޖަހައި ތިން ގޯލް ޖަހަން މަގުފަހިކޮށްދިން ޑެމްބެލޭ އެވެ.

ބިލްބާއޯގެ ކޯޗަކީ ބާސެލޯނާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވާޑޭ އެވެ. މިއީ ބާސެލޯނާ އަށް ސްޕެނިޝް ލީގު ދެ ފަހަރު ކާމިޔާބުކޮށްދިން ވަލްވާޑޭ ބާސެލޯނާއާ ދެކޮޅަށް ނުކުތް ފުރަތަމަ މެޗެވެ.

ވަލްވާޑޭ ބުނީ މިއީ އޭނާގެ ޓީމަށް ގޯސް ދުވަހެއް ކަމަށާއި ބާސެލޯނާ އިން އަދަބު ދީފި ކަމަށެވެ.

ބާސެލޯނާގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ބުނީ ބިލްބާއޯ އިން ނުކުންނާނީ ވަރުގަދަކޮށް ކަން އެނގޭ ކަމަށާއި އެހެންވެ އެ ޓީމާ ވާދަކުރަން ބާސެލޯނާ އިން ވަރުގަދަ ކުޅުމެއް ދެއްކީ ކަމަށެވެ.

"އަހަންނަށް ޔަގީން (ކޯޗު) ޒަވީ އުފާވާނެކަން. އަމާޒަކީ ފުރިހަމަ ކުޅުމެއް ދައްކައިގެން މޮޅުވުން. އެކަން ކާމިޔާބުވުމުން ޓީމުގެ ފެންވަރު މަތިވާނެ،" ބުސްކެޓްސް ބުންޏެވެ.