Roadha Mihaaru
"ފްރީ ޓްރޭޑް އެގްރީމެންޓަކީ ސިޔާސީ އެއްބަސްވުމެއް"

ފްރީ ޓްރޭޑް އެގްރީމެންޓަކީ ސިޔާސީ އެއްބަސްވުމެއް: އެމްޑީޕީ

30 ނޮވެމްބަރ 2017

ޗައިނާއާ އެކު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު ވާ ސިޔާސީ އެއްބަސްވުމެއް ކަމަށް އެމްޑީޕީން މިއަދު ތުހުމަތުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޗައިނާއާ އެކު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު ވާ ސިޔާސީ އެއްބަސްވުމެއް ކަމަށް އެމްޑީޕީން މިއަދު ތުހުމަތުކޮށްފި އެވެ.

އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޗައިނާއާ އެކު ވާ މި އެއްބަސްވުމުގެ މާ ބޮޑު މައުލޫމާތެއް ރައްޔިތުންނާއި މަޖިލީހުގެ މެމްބަރުންނާ ހިއްސާ ވެސް ނުކޮށް، އަވަސް އަރުވާލައިގެން އެކަން ނިންމުމުން ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމަށެވެ.

މީގެ ތިން އަހަރު ކުރިން ފެށިިގެން މަޝްވަރާ ކުރަމުން އަންނަ އެ އެއްބަސްވުމުގައި ސޮއި ކުރަން ކެބިނެޓުން އިއްޔެ ނިންމައި، އެއްބަސްވުން ދިރާސާކޮށް އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމެޓީ އަށް ފޮނުވާފަ އެވެ. އެކަމަކު 1000 ސޮފުހާގެ ހިމެނޭ އެއްބަސްވުން ކޮމެޓީން ފާސްކުރީ އެންމެ ބައި ގަޑިއިރުގެ ތެރޭގަ އެވެ.

ކުއްލި ގޮތަކަށް މަޖިލީހަށް ހުށަހަޅައި، އަދި އަވަސް އަރުވާލައިގެން މި މައްސަލައިގައި ގޮތެއް ނިންމި ކޮމެޓީގެ ބައްދަލުވުން ވެސް ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ.

އެމްޑީޕީން ބުނީ އެއްބަސްވުމުގައި ވަރަށް ޓެކްނިކަލް ތަފްސީލުތައް ހުރި ކަމަށާއި އެ ކަންކަން ރަނގަޅަށް ދިރާސާ ކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ކަމުގައި ވިޔަފާރި ދާއިރާގެ ތަޖުރިބާކާރުންގެ މަޝްވަރާ ވެސް މުހިއްމު ވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ބުނި ގޮތުގައި ބޮޑަށް ޗައިނާ އަށް ފައިދާވާ ގޮތަށް އޮތް މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ގެއްލުން ލިބުން އެކަށީގެންވެ އެވެ. އަދި މިއީ ޗައިނާގެ ދަރަނީގެ ދަލުގައި ރާއްޖެ ވަރުގަދަ އަށް ޖެހި، ގައުމުގެ ޕްރެޝަރު ބޮޑުވެ އަދި ސަރަހައްދީ އެހެން ގައުމުތަކާ އެކު އޮތް ގުޅުމަށް ބުރޫއަރާފާނެ ކަމެއް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ވަނީ މި އެއްބަސްވުމުގެ ސަބަބުން އިގްތިސާދީ ގޮތުން ރާއްޖެ އަށް ފައިދާވާ މިންވަރު ބެލުމަށް، އެކަށީގެންވާ ދިރާސާއެއް ހެދެންދެން، އެއްބަސްވުމުގައި ސޮއިނުކުރަން ސަރުކާރަށް ގޮވާލައިފަ އެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން، އެހެން ގައުމުތަކާއެކު ރާއްޖޭން ބާއްވާ ސިޔާސީ ގުޅުން ބަލިކަށި ވިޔަނުދިނުމަށް ވެސް އެދިފައި ވެ އެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއާ އެކު ސޮއި ކުރަން ދިވެހި ސަރުކާރުން ނިންމި އިރު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ވިދާޅުވީ ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރީމަންޓެއް ގާއިމް ކުރުމަށް ކުރާ މަސައްކަތުގައި، އެއްބަސްވުމުގައި ސޮއިކުރަން ނިންމުމަކީ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު "ކޮންސިއުމާ މާކެޓް"ގައި އެއްވެސް ޑިއުޓީއަކާ ނުލައި، މަހުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.