Roadha Mihaaru
ތޫފާނުގައި ގެއްލުނު މީހުން ހޯދަން ސިފައިން ނުކުމެއްޖެ

ތޫފާނުގައި ލަންކާ އާއި އިންޑިއާ އިން ގެއްލުނު މީހުން ހޯދަން ސިފައިން ނުކުމެއްޖެ

02 ޑިސެމްބަރ 2017

ޓަމިލް ނާޑޫ (ޑިސެމްބަރު 2) - އިންޑިއާ އާއި ސްރީ ލަންކާ އަށް އެރި ތޫފާން އޮޗީގައި ގެއްލުނު މީހުން ހޯދަން ދެ ގައުމުގެ ކަނޑުގެ ސިފައިން އޮޕަރޭޝަނެއް ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޓަމިލް ނާޑޫ (ޑިސެމްބަރު 2) - އިންޑިއާ އާއި ސްރީ ލަންކާ އަށް އެރި ތޫފާން އޮޗީގައި ގެއްލުނު މީހުން ހޯދަން ދެ ގައުމުގެ ކަނޑުގެ ސިފައިން އޮޕަރޭޝަނެއް ފަށައިފި އެވެ.

ތޫފާނުގައި އިންޑިއާ އިން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ދެކުނުގެ ޓަމިލް ނާޑޫ އާއި ޓްރިވެންޑްރަމް އަދި މަލިކަށެވެ. ޓަމިލް ނާޑޫން އެކަނި ވެސް ވަނީ 13 މީހުން މަރުވެފަ އެވެ.

ތޫފާނުގެ ބާރު ދަށްވި ނަމަވެސް މަހަށް ނުކުތް ގިނަ މީހުންނަށް ވީގޮތެއް އަދި ނޭނގެ އެވެ. އެ މީހުން ސަލާމަތް ކުރަން އިންޑިއާގެ ކަނޑުގެ ސިފައިން ވަނީ އޮޕަރޭޝަނެއް ފަށައިފަ އެވެ. ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ތޫފާން ދަތުރުކުރަމުން ދާނީ އުތުރުން މުމްބާއީ އާއި ގުޖްރާތާ ދިމާލަށް ކަމަށް އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ވަނީ ބުނެފަ އެވެ.

ތޫފާނުގައި ޓަމިލް ނާޑޫ އިން ވަނީ 13 މީހުން މަރުވެފައި.

ތޫފާނުގައި ޓަމިލް ނާޑޫ އިން ވަނީ 13 މީހުން މަރުވެފައި.

ކެރެލާ އާއި މަލިކު ހިމެނޭ ސަރަހައްދުން ހާލުގައި ޖެހުނު 531 މަސްވެރިން ސަލާމަތްކޮށްފައިވާ ކަމަށް ކެރެލާގެ ޗީޕް މިނިސްޓަރު ޕިނަރައި ވިޔަޖަން ވިދާޅުވި އެވެ. ތޫފާނުގައި މަރުވި މީހުންގެ އާއިލާތަކަށް 10 ލައްކަ ރުޕީސް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ޗީފް މިނިސްޓަރު ވަނީ އިއުލާން ކުރައްވައިފަ އެވެ.

ޓްރިވެންޑްރަމާއި ކޮލަމް ސަރަހައްދުގެ އައްސޭރިން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އިންޑިއާގެ ކޯސްޓްގާޑައި ވައިގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. ޓަމިލް ނާޑޫން ވަނީ 60 މަސްވެރިން ގެއްލިފަ އެވެ.

ލަންކާގެ ދެކުނާއި މެދުތެރޭގެ ސަރަހައްދުތަކުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ސިފައިން މިހާރު ވަނީ ނުކުމެފަ އެވެ. ތޫފާނުގައި ލަންކާ އިން ވަނީ ހަތް މީހުން މަރުވެފަ އެވެ. ހާލުގައި ޖެހުނު މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ސިފައިންގެ 12 ޓީމަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.