Roadha Mihaaru
އެފްޓީއޭގައި ސޮއިނުކުރުމަށް ޖޭޕީން ސަރުކާރަށް ގޮވާލައިފި

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިނުކުރަން ޖޭޕީން ސަރުކާރަށް ގޮވާލައިފި

04 ޑިސެމްބަރ 2017

ޗައިނާއާ އެކު ރާއްޖެ އިން ސޮއިކުރަން ނިންމާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށްދޭ އެއްބަސްވުމެއް ނޫން ކަމަށް ބުނެ، އެ އެއްބަސްވުމުގައި ސަރުކާރުން ސޮއި ނުކުރުމަށް އިދިކޮޅު ޖުމްހޫރީ ޕާޓީން މިއަދު ގޮވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޗައިނާއާ އެކު ރާއްޖެ އިން ސޮއިކުރަން ނިންމާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށްދޭ އެއްބަސްވުމެއް ނޫން ކަމަށް ބުނެ، އެ އެއްބަސްވުމުގައި ސަރުކާރުން ސޮއި ނުކުރުމަށް އިދިކޮޅު ޖުމްހޫރީ ޕާޓީން މިއަދު ގޮވާލައިފި އެވެ.

ރާއްޖެ އާއި ޗައިނާ އިން ސޮއިކުރަން ނިންމާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އާ ގުޅިގެން ޖޭޕީން ނެރުނު ބަޔާނެއްގައި ވަނީ އެއްބަސްވުމަށް އަމަލު ކުރުމުގައި ކުރަން ޖެހޭ އެންމެހައި ކަންކަން ތަރުތީބު ކުރުން ވަގުތުން ހުއްޓާލުމަށް ގޮވާލައިފަ އެވެ. އަދި މަޖިލީހުގެ ސައްހަ ޖަލްސާއަކުން ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރުހުން ހޯދުމަށް ފަހު މެނުވީ އެއްބަސްވުމުގައި ސޮއިކުރުމާއި އެއްބަސްވުމާ ގުޅޭ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ޗައިނާ ސަރުކާރަށް ޖޭޕީން ވަނީ ގޮވާލައިފަ އެވެ.

ޖޭޕީން ބުނި ގޮތުގައި މިފަދަ މައްސަލަތަކަކީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ކުރާ ބާވަތުގެ ކަންތައްތަކެވެ. އެކަމަކު، ސަރުކާރުން މަޖިލީހަށް ހުށަހަޅައި ރުހުން ދިން އިރު، އެއްބަސްވުން މަޖިލީހުގެ މެމްބަރުންނަށް ދައްކާފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދު ފަންތި އާއި ބޮޑެތި ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެފައިވެ އެވެ.

އެއްބަސްވުމުގެ ސަބަބުން، މި ދާއިރާތަކުން ވިޔަފާރި ކުރާ ރާއްޖޭގެ ވިޔަފާރިތައް ހަލާކުވެގެން ގޮސް، ރާއްޖޭގެ އިގްތިސާދު ހަމައެކަނި އެންމެ ގައުމެއްގެ ކޮންޓްރޯލްގެ ދަށަށް ހިނގައިދާނެތީވެ، އެކަމާ ޖޭޕީން ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެހެންކަމުން ރައްޔިތުންނާ ގުޅުން ހުރި ހާއްސާސީ މިކަހަލަ ކަންކަން ސަރުކާރުން ކުރުމުގެ ކުރިން މާ ފުޅާކޮށް ރާއްޖޭގެ ވިޔަފާރިވެރިންނާއި ސިޔާސީ ޕާޓީތަކާއި މި ނޫން ވެސް މުއައްސަސާތަކާއި އަމިއްލަ ފަރުދުންނާއެކު މަޝްވާރަ ކުރާ ޖެހޭނެ،" ކަމަށް ޖޭޕީގެ ބަޔާނުގައިވެ އެވެ.

ޖޭޕީން ބުނި ގޮތުގައި ޗައިނާއާ އެކު ރާއްޖޭން މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރަން މަޖިލީހުން ރުހުން ދިނީ ގާނޫނުއަސާސީއާ ހިލާފަށެވެ. އެއްބަސްވުމަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ފަދަ ކަންކަން ހިމެނޭ އެއްބަސްވުމަކަށް ވާއިރު، އެ ފާސް ކުރަން ބާއްވާ ޖަލްސާއެއްގައި 45 މެމްބަރުން ތިއްބަވަން ޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ނަމަވެސް މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި އެ އެއްބަސްވުމަށް ރުހުން ދޭން ވޯޓު ދެއްވީ 30 މެމްބަރުންނެވެ. އެ ޖަލްސާ އަށް 40 މެމްބަރުން ވެސް ވަޑައެއް ނުގަންނަވަ އެވެ.

އެހެންވެ ޖޭޕީން ބުނީ އެއްބަސްވުމަށް ރުހުން ދިނުމަށް ހުށަހަޅައި، ފާސް ކުރުމަކީ ބާތިލް، އެ މައްޗަށް އަމަލު ކުރުން ހުއްދަވެގެން ނުވާ ނިންމުމެއް ކަމަށެވެ.

ޖޭޕީން ބުނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް މިހާ އަވަސްކޮށްލައިގެން އެއްބަސްވުމަށް ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުން ވަކި ފަރާތަކަށް ފައިދާ ކުރުވަނިވި ގޮތަކަށް ކުރި މި އަމަލަކީ ޗައިނާ ސަރުކާރަށް މިކަން ހިނގައިދިޔަ ގޮތް އޮޅުވާލައިގެން ކުރި ކަމެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން ދިވެހިންނަށް ލިބިދާނެ ގެއްލުމާއި ފައިދާގެ މައުލޫމާތު ސަރުކާރުން ހިއްސާކޮށްފައި ނުވާތީ މިކަމުގައި ފޮރުވިފައިވާ ކިތަންމެ ސިއްރެއް ހުންނާނެ ކަމަށް ވެސް ޖޭޕީން ނެރުނު ބަޔާނުގައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ޗައިނާ އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި އަންނަ ބުދަ ދުވަހު ފުރާވަޑައިގަންނަވާ އިރު، އެ ގައުމާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އެކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފަ އެވެ.

ނަމަވެސް ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ދެ ގައުމުން ސޮއިކުރާނެ ކަމެއް އަދިއެއް ނޭނގެ އެވެ.