ޗައިނާއާއެކު މިނިވަން ވިޔަފާރީގެ ގުޅުން ގާއިމް ކުރުމަށް ރާއްޖެ އިން ސޮއިކުރުމަށްޓަކައި، އެކުލަވާލާފައިވާ "ބޮޑު އެއްބަސްވުން" ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމެޓީން އެންމެ ބައިގަޑިއިރުގެ ތެރޭގައި ދިރާސާކޮށް ނިންމައި، އެ އެއްބަސްވުން ކުރިއަށް ގެންދަން މިއަދު ފާސްކޮށްފި އެވެ.
29 ނޮވެމްބަރ 2017
ޗައިނާއާއެކު މިނިވަން ވިޔަފާރީގެ ގުޅުން ގާއިމް ކުރުމަށް ރާއްޖެ އިން ސޮއިކުރުމަށްޓަކައި، އެކުލަވާލާފައިވާ "ބޮޑު އެއްބަސްވުން" ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމެޓީން އެންމެ ބައިގަޑިއިރުގެ ތެރޭގައި ދިރާސާކޮށް ނިންމައި، އެ އެއްބަސްވުން ކުރިއަށް ގެންދަން މިއަދު ފާސްކޮށްފި އެވެ.
މިއަދު މެންދުރު 2:30 ގައި ކުއްލި ގޮތަކަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ "ޚާއްސަ ޖަލްސާ" އަށް، ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރުމާ މެދު ގޮތެއް ނިންމުމަށް ސަރުކާރުން ހުށަހެޅުމުން އެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވީ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށެވެ. އެކަމަކު ކުއްލި ގޮތަކަށް މަޖިލީހަށް ހުށަހެޅި، އަދި އަވަސް އަރުވާލައިގެން މި މައްސަލާގައި ގޮތެއް ނިންމި ކޮމެޓީގެ ބައްދަލުވުން ވެސް ވަނީ ސިއްރުކޮށްފަ އެވެ.
"ފްރީ ޓްރޭޑް އެގްރީމެންޓް ބިޓްވީން ދަ ގަވަމެންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަމެންޓް އޮފް ދަ ރިޕަބްލިކް އޮފް ދަ މޯލްޑިވްސް" ގައި ސޮއިކުރުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ރުހުން ދިން އިރު، އެ އެއްބަސްވުމުގައި ހިމެނޭ ކަރުދާހުގެ އަދަދު 500 އަށް ވުރެ ގިނަ ކަމަށް އެނގިފައިވެ އެވެ. ނަމަވެސް އެ އެއްބަސްވުމުގައި ހިމެނޭ ކަންކަން ކޮމެޓީގެ މެމްބަރުން ވަކިވަކިން ބައްލަވައި ދިރާސާ ކުރެއްވި ކަމެއް ކޮމެޓީގެ ރިޕޯޓުން ސާފެއް ނުވެ އެވެ.
ރިޕޯޓުގައިވާ ގޮތުން މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެ މިނިސްޓްރީގެ ކަމާ ބެހޭ ބޭފުޅުންނާ ކޮމެޓީން ބައްދަލުކޮށް، ފްރީ ޓްރޭޑް އެގްރީމަންޓާ ބެހޭ ގޮތުން މަޝްވަރާ ކުރި އެވެ. އަދި އެ މައްސަލަ ކޮމެޓީން ނިންމުމުގެ ކުރިން، ފްރީ ޓްރޭޑް އެގްރީމަންޓުގައި ރާއްޖެ އިން ސޮއިކުރުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަރުދާހުގެ ކޮޕީ އަށް ރިއާޔަތް ކޮށްފައިވާ ކަމަށް ކޮމެޓީ ރިޕޯޓުގައި ވެ އެވެ.
އެހެން ގައުމަކާ އެކު ފުރަތަމަ ފަހަރަށް ރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ކެބިނެޓުން ނިންމައި، އެ އެއްބަސްވުމުގައި އެތައް ސަތޭކަ އަށް ވުރެ ގިނަ ކަރުދާސް ހިމެނޭއިރު، އޭގައި ހިމެނޭ ކަންކަން ކޮމެޓީގެ މެމްބަރުން ތަފުސީލްކޮށް ބެއްލެވި ކަމެއް ނޭނގެ އެވެ.
ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރަން ފެނޭތޯ ބެލުމަށް މަޖިލީހަށް ހުށަހެޅި މައްސަލާގައި ގައުމީ ސަލާމަތުގެ ކޮމެޓީގެ ޕީޕީއެމް ކޯލިޝަންގެ މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމީ އެގޮތަށް ފާސް ކުރުމަށެވެ. އަދި މިރޭ އޮންނަ ޖަލްސާގައި ރިޕޯޓު ހުށަހަޅައި މަޖިލީހުން ފާސްކުރުމާ މެދު ގޮތެއް ނިންމާނެ އެވެ.
ކޮމެޓީ ބައްދަލުވުމަށް ވަޑައިގެންނެވީ ކޮމެޓީގެ މުގައްރިރު އަދި ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ރިޒާ އާއި ބިލެތްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު މުބީނާއި މާވަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަޒްހާން ފަހުމީ އާއި ގެމަނަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖަމީލް އުސްމާނާއި އިސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ރަޝީދާއި ހޮޅުދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ މުހައްމަދާއި އެމްޑީއޭގެ ނައިބު ލީޑަރު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފެވެ.
އިދިކޮޅު މެމްބަރުންގެ ތެރެއިން ކޮމެޓީއަށް ވަޑައިގެންނެވީ މައްޗަންގޮޅީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި ޖުމްހޫރީ ޕާޓީގެ ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރެވެ.
ފްރީ ޓްރޭޑް އެގްރީމެންޓުގައި ރާއްޖެއިން ސޮއިކުރުމާ މެދު މަޖިލީހުން ރުހުން ހޯދުމުގެ ކަންކަން ސަރުކާރުން އަވަސް އަރުވާލައިގެން އަދި ކުއްލި ގޮތަކަށް ކުރިއަށް ގެންދާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއާ އެކު ސޮއިކުރަން ދިވެހި ސަރުކާރުން ނިންމިއިރު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރީމަންޓެއް ގާއިމް ކުރުމަށް ކުރާ މަސައްކަތުގައި، އެއްބަސްވުމުގައި ސޮއިކުރަން ނިންމުމަކީ މަސްވެރިކަމާއި ޓޫރިޒަމްގެ ދާއިރާ އަށް ލިބުނު ވަަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު "ކޮންސިއުމާ މާކެޓް"ގައި އެއްވެސް ޑިއުޓީ އަކާ ނުލައި، މަހުގެ ބާވަތްތަކުގެ ވިޔަފާރި ކުރެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
ބޮޑު އެއްބަސްވުން ގާއިމްކުރަން މަޖިލީހުން ރުހުން ދީފި
ރާއްޖެ-ޗައިނާ އެއްބަސްވުމުގެ މައްސަލަ ކޮމެޓީއަށް
ޗައިނާގެ އެފްޓީއޭ އާއި ޑިއުޓީ ދަށްވުމާ ގުޅުމެއް ނެތް
ޗައިނާގެ އެފްޓީއޭ އަންނަނީ ރިވިއު ކުރަމުން: ފައްޔާޒު
އެފްޓީއޭ އޮތް ގޮތަށް ކުރިއަކަށް ނުގެންދާނަން: ފައްޔާޒު
އެފްޓީއޭ ތަންފީޒުނުވަނީ "ޕަވަސްޓްރަގުލް"އާ ހެދި:ސައީދު
ޗައިނާ އިން ލޯނު ނެގީ ލުއިވުމުން: ޖިހާދު
މިއީ އިންޑިއާ އަށް ކުޅެދޭ ޑްރާމާއެއް: ތޯރިގު
ކޮރޯނާވައިރަަސް އިން ޓޫރިޒަމަށް ހިޔަނި އެޅިއްޖެ: ރައީސް
އެފްޓީއޭއާއެކު އަންނަ އަހަރު 4 މިލިއަން ޑޮލަރު ގެއްލޭ