Roadha Mihaaru
އާތުރައިޓިސް ހުންނަ މާބަނޑު މީހުން ސަމާލުވާން ޖެހޭ

އާތުރައިޓިސް ހުންނަ މާބަނޑު މީހުން ސަމާލުވާން ޖެހޭ

13 ޑިސެމްބަރ 2017

ރިއުމެޓޮއިޑް އާތުރައިޓިސް ހުންނަ އަންހެނުންނަށް ލިބޭ ދަރިންނަށް ކުޑައިރު އާއި ފުރާވަރުގައި ބައެއް ކަހަލަ ބޮޑެތި ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ރިއުމެޓޮއިޑް އާތުރައިޓިސް ހުންނަ އަންހެނުންނަށް ލިބޭ ދަރިންނަށް ކުޑައިރު އާއި ފުރާވަރުގައި ބައެއް ކަހަލަ ބޮޑެތި ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

އޮޑެންސް ޔުނިވަސިޓީ ހޮސްޕިޓަލުގެ ޑރ. ލައިން ޖޯލްވިން އިސްކޮށް ހުންނަވައިގެން ކުރި މި ދިރާސާ ޑެންމާކްގެ މުޅި އާބާދީއަށް އަމާޒުކުރި އެވެ. މި ދިރާސާގައި، މިދިޔަ 25 އަހަރު ތެރޭގައި ޑެންމާކްގައި އުފަންވި ހުރިހާ ކުދިންގެ ސިއްހީ ހާލަތު ވަރަށް ގިނަ ދުވަސްތަކަކަށް ބެލި އެވެ.

މީގެ ތެރޭގައި ރިއުމެޓޮއިޑް އާތުރައިޓިސް ހުރި އަންހެނުންނަށް ލިބުނު 2106 ކުދިން ވެސް ހިމެނެ އެވެ. އަދި އެ ބަލި ނެތް އަންހެނުންނަށް ލިބުނު 1،378،539 ކުދިން ވެސް ހިމެނެ އެވެ.

ރިސާޗަރުންނަށް ފާހަގަކުރެވުނު ގޮތުގައި ބަލިވެ އިނުމުގެ ކުރިއްސުރެ މައިމީހާގެ ރިއުމެޓޮއިޑް އާތުރައިޓިސް ހުރިނަމަ އެމީހުންނަށް ލިބޭ ކުދިންނަށް ކުޑައިރު އަދި ފުރާވަރުގައި ބޮޑެތި ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެ އެވެ. ޚާއްސަކޮށް ތައިރޮއިޑް މައްސަލަތައް ކުރިމަތިވުމުގެ ނުރައްކާ 2.2 ޕަސެންޓް އިތުރެވެ. އަދި އެޕިލެޕްސީ ނުވަތަ ވެއްޓޭބަލި ޖެހުމުގެ ފުރުސަތު 1.6 ގުނަ އިތުރުވެ އެވެ. އަދި މަންމަގެ ގައިގައި ހުރި ރިއުމެޓޮއިޑް އާތުރައިޓިސް ކުއްޖާއަށް ވެސް ޖެހުމުގެ ނުރައްކާ 2.2 ޕަސެންޓަށް އިތުރުވެ އެވެ.

ޖާނަލް އާތުރައިޓިސް ކެއާ އެންޑް ރިސާޗްގައި ޝާއިއުކުރާ މި ލިޔުމުގައި ޑރ.ޖޯލްވިން ވިދާޅުވެފައިވާ ގޮތުގައި ރިއުމެޓޮއިޑް އާތުރައިޓިސް ހުންނަ އަންހެނުންނަށް ލިބޭ ކުދިންނަށް ވަރަށް ޅަ އުމުރުއްސުރެ ވަރަށް ބޮޑެތި ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވުމަކީ ސީރިއަސް ކަންބޮޑުވުމެކެވެ. އަދި މިއީ އެކުދިންގެ މުސްތަގްބަލަށް ކުރިމަތިވާނެ ވަރަށް ނޭދެވޭ މައްސަލަ އެކެވެ.

"މި ހޯދުމުން ފެނުނު ނަތީޖާގެ ސަަބަބުން އަހަރެމެންގެ އިލްތިމާސަކީ މާބަނޑުމީހާގެ ރިއުމެޓޮއިޑް އާތުރައިޓިސް ހުރި ނަމަވެސް އެމީހުންނަށް ލިބޭ ދަރިންނަށް ތައިރޮއިޑް، އެޕިލެޕްސީ އަދި އާތުރައިޓިސްގެ މައްސަލަތައް ދިމާވެދާނެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުން،" ޑރ. ޖޯލްވިން ވިދާޅުވި އެވެ.