Roadha Mihaaru
19 ޕޮއިންޓުގެ ފަރަގެއް: ވެންގާ އުއްމީދުގައި

19 ޕޮއިންޓުގެ ފަރަގެއް: ވެންގާ އުއްމީދުގައި

14 ޑިސެމްބަރ 2017

ލަންޑަން (ޑިސެމްބަރު 14) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ހަތް ވަނައިގައި އޮތް އާސެނަލާ ދެމެދު 19 ޕޮއިންޓުގެ ފަރަގެއް އޮތް ނަމަވެސް އާސެނަލުން ލީގުގެ އުއްމީދު ދޫކޮށް ނުލާ ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޑިސެމްބަރު 14) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ހަތް ވަނައިގައި އޮތް އާސެނަލާ ދެމެދު 19 ޕޮއިންޓުގެ ފަރަގެއް އޮތް ނަމަވެސް އާސެނަލުން ލީގުގެ އުއްމީދު ދޫކޮށް ނުލާ ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ސިޓީ އެއް ވަނައިގައި އޮތީ 17 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. ރޭ ވެސްޓް ހޭމް ޔުނައިޓެޑާ އެއްވަރުވެ އާސެނަލް ލީގުގެ ހަތް ވަނަ އަށް ވެއްޓުނުއިރު، އެ ޓީމަށް 17 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ.

މިދިޔަ ހަފްތާގެ މެޗުތަކަށް ފަހު އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީގެ ކޯޗު އެންޓީނިއޯ ކޮންޓޭ އާއި ލީގަށް މި ފަހަރު އެންމެ ބޮޑަށް ވާދަކުރާނެ ކަމަށް ބެލެވުނު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ލީގުގެ އުއްމީދު ގާތްގަނޑަކަށް އެ ޓީމުތަކަށް ގެއްލިފައިވާ ކަމަށް ބުނެފަ އެވެ.

"އެއީ ސުރުހީތަކަށް ވަރަށް ރަނގަޅު ވާހަކަތަކެއް. އެެކަމު އަހަރަމެންގެ އުއްމީދު ދޫކޮށެއް ނުލަން. 19 ޕޮއިންޓުގެ ފަރަގެއް އޮތަސް އެއީ ބަދަލުވާވާރުގެ ކަމެއް ނޫން،" ޗެލްސީ އާއި ޔުނައިޓެޑް ލީގުގެ ރޭހުން ގާތްގަނޑަކަށް ބޭރުވެފައިވާ ވާހަކަ ބުނެފައިވުމުން އާސެނަލުން ލީގަށް ކުރާ އުއްމީދާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ވެންގާ ބުންޏެވެ.

"ސިޓީ އޮތީ ވަރަށް ކުރީގައި އެއީ އެ ޓީމަށް އެޑްވާންޓޭޖެއް. އެކަމަކު އެ ޓީމަށް ވެސް އަބަދަކު ހުރިހާ މެޗަކުން މޮޅެއް ނުވެވޭނެ. ދެން ހުރި ޓީމުތަކަށް އޮތީ ހިތްވަރާ އެކު އުއްމީދު ދޫކޮށްނުލުން. އެ ޓީމުތަކުގެ ތެރޭގައި އާސެނަލް ޔަގީނުން ވެސް އެބައޮތް،" ވެންގާ ބުންޏެވެ.

އޭނާ ބުނީ ދިގު ލީގެއްގައި ކުރިއަށް ގިނަ މެޗުތަކެއް ހުއްޓައި ލީގު ދެބައި ނުވަނިސް ކުރަން ހުރި މަސައްކަތް ބޭކާރުވާ ކަހަލަ ވާހަކަ ދެއްކުމަކީ އޭގެ ގޯސް އަސަރު މުޅި ކްލަބަށް ކުރާ ކަމެއް ކަމަށެވެ.

"ތާވަލަށް ބަލަންވީ މިހާރަކު ނޫން. ލީގު ދެބައިވީމަ. މިސާލަކަށް ޖެނުއަރީ މަހުގައި ވެސް މި އަށް ވުރެ ތަފާތުކޮށް ޓޭބަލް ފެނިދާނެ،" ލީގުގެ ހަތް ވަނައިގައި އާސެނަލް އޮތުމުން ކަންބޮޑުވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ވެންގާ ޖަވާބު ދިނެވެ.

އާސެނަލްގެ ކުރީގެ ކުޅުންތެރިއާ މާޓިން ކިއޯން ރޭގެ މެޗަށް ފަހު ބުނީ ވެންގާ އަށް ކުރިއަށް ހުރި މެޗުތަކުގައި އެ ޓީމުގެ ނަތީޖާތައް ރަނގަޅު ނުކުރެވިއްޖެނަމަ އޭނާ ވަކިކުރުމުގެ ކޮންމެވެސް ވަރެއްގެ ފުރުސަތެއް އެބައޮތް ކަމަށެވެ. އަދި މިހާރު އާސެނަލް ދައްކާ ކުޅުމުގެ ސަބަބުން އަންނަ ސީޒަނުގައި ވެސް އެ ޓީމު ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމުގެ ބިރު ބޮޑު ކަމަށެވެ.