Roadha Mihaaru
ސީރިޔާގެ ސުލްހައިގެ ވާހަކަތައް ފަނުފުލުން

ސީރިޔާގެ ސުލްހައިގެ ވާހަކަތައް ފަނުފުލުން

17 ޑިސެމްބަރ 2017

ސީރިޔާގެ ދާޚިލީ ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ހޯދުމުގެ ގޮތުން، ސީރިޔާގެ އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދު ޖެނީވާގައި އެންމެ ފަހުން ފެށި ސުލްހައިގެ ވާހަކަތައް ވެސް ދެ ފަރާތުގެ ދެބަސްވުންތަކުގެ ތެރެއަށް ފަނުފުލުން ހިނދިއްޖެ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ސީރިޔާގެ ދާޚިލީ ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ހޯދުމުގެ ގޮތުން، ސީރިޔާގެ އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދު ޖެނީވާގައި އެންމެ ފަހުން ފެށި ސުލްހައިގެ ވާހަކަތައް ވެސް ދެ ފަރާތުގެ ދެބަސްވުންތަކުގެ ތެރެއަށް ފަނުފުލުން ހިނދިއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދެ ފަރާތުގެ ދެމެދު ދެކެވުނު ވާހަކަތައް ނާކާމިޔާބުވީ އިދިކޮޅު ފަރާތްތަކުން ކުރިމަތިކުރާ ޝަރުތުތަކާ ހެދި ކަމަށް ސީރިޔާ ސަރުކާރުގެ ވަފްދުން ބުނެ އެވެ. އަނެއްކޮޅުން އެމެރިކާ އިން އަނެއްކާ ވެސް ސީރިޔާ ސަރުކާރަށް ގޮވާލާފައިވަނީ އިދިކޮޅު ފަރާތްތަކާ އެކު ސުލްހައިގެ ވާހަތަކުގައި ބައިވެރިވުމަށެވެ.

ދެ ފަރާތުގެ ދެމެދުގައި އެންމެ ފަހުން މި ބޭއްވީ ސުލްހައިގެ ވާހަކަތަކުގެ އަށް ވަނަ ބުރުގެ މަޝްވަރާތަކެވެ. އދ. ގެ އިސްނެގުމަށް ކުރިއަށް ގެންދާ މި މަޝްވަރާތަކުގައި އިސްވެ އުޅުއްވަނީ އދ،ގެ ސުލްހައިގެ މަންދޫބު ސްޓެފަން ޑި މިސްޓޫރާ އެވެ.

ޑި މިސްޓޫރާ ވިދާޅުވާ ގޮތުގައި ސުލްހައިގެ އިތުރު ވާހަކަތަކެއް ވީހާ އަވަހަށް ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެންމެ ފަހުން ބޭއްވި ސުލްހައިގެ ވާހަކަތައް ނާކާމިޔާބު ވުމަކީ ރަނުގެ ފުރުސަތެއް ގެއްލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސީރިޔާގެ ޚާރިޖީ ވުޒާރާއާ ހަވާލާދީ ސީރިޔާގެ ރަސްމީ ނޫސް އޭޖެންސީ ސަނާ އިން ބުނި ގޮތުގައި ސުލްހައިގެ ވާހަކަތައް ނާކާމިޔާބުވީ ސީރިޔާ ސަރުކާރުގެ ސަބަބުން ކަމަށް ޑި މިސްޓޫރާ ދައްކަވާ ވާހަކަތަކަކީ ވަކި ފަރާތަކަށް ބުރެގެން ދައްކަވާ ވާހަކަތަކެކެވެ. ދޚިލީ ހަނގުރާމަ ހުއްޓުމަށްޓަކައި އިޚްލާސްތެރިކަމާ އެކު މަސައްކަތް ކުރާ ފަރާތްތަކާ އެކު ސީރިޔާ ސަރުކާރުން އަބަދު ވެސް މުއާމަލާތު ކުރާނީ އީޖާބީ ގޮތެއްގަ އެވެ.

ޚާރިޖީ ވުޒާރާ އިން ބުނި ގޮތުގައި ސުލްހައިގެ ވާހަކަތަކުގެ މަންދޫބެއްގެ ދޮތުގައި ހުންނަވައިގެން ޑި މިސްޓޫރާ ވާހަކަ ދައްކަވަން ވާނީ ވަކި ފަރާތަކަށް ބުރަވުމެއް ނެތި އިޚްލާސްތެރިކަމާ އެކުގަ އެވެ.

ސީރިޔާ ސަރުކާރުން ބުނާ ގޮތުގައި އިދިކޮޅު ފަރާތްތަކާ އެކުގައި ސުލްހައިގެ އިތުރު މަޝްވަރާތަކެއްގައި ދެން ބައިވެރިވާނީ، އިދިކޮޅު ފަރާތްތަކުން އެންމެ ފަހުން ސައޫދީ އަރަބިއްޔާގައި އާންމު ކުރި ބަޔާނުގައިވާ ވާހަކަތައް އަނބުރާ ގެންދިއުމުންނެވެ. އެ ބަޔާނުގައި އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ހަނގުރާމަ ހުއްޓައި ސުލްހަ ގާއިމުކުރެވޭނީ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު މަގާމުން ވަކިވެވަޑައިގަތުމުންނެވެ.

ސީރިޔާގެ ސުލްހައިގެ ވާހަކަތަކުގެ ނުވަ ވަނަ ބުރުގެ މަޝްވަރާތައް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް ޑި މިސްޓޫރާ ވަނީ ކަނޑައަޅުއްވައިފަ އެވެ.