Roadha Mihaaru
އެމެރިކާގެ އުދުވާނަށް ބަދަލު ހިފާނަން: ހަނގުރާމަވެރިން

އެމެރިކާގެ އުދުވާނަށް ބަދަލު ހިފާނަން: ހަނގުރާމަވެރިން

26 މާޗް 2023

އެމެރިކާ ސިފައިން ދޭ ކޮންމެ ހަމަލާއަކަށް، އެ ހަމަލާއަކާ އެންމެ އެކަށީގެންވާ ގޮތަކަށް ރައްދު ދީ ބަދަލު ހިފުމުގެ ގާބިލުކަން އެބަހުރި ކަމަށް، ސީރިޔާގައި އުޅޭ އީރާނަށް ތާއީދުކުރާ ހަނގުރާމަވެރިން ބުނެފި އެވެ.

އެމެރިކާ ސިފައިން ދޭ ކޮންމެ ހަމަލާއަކަށް، އެ ހަމަލާއަކާ އެންމެ އެކަށީގެންވާ ގޮތަކަށް ރައްދު ދީ ބަދަލު ހިފުމުގެ ގާބިލުކަން އެބަހުރި ކަމަށް، ސީރިޔާގައި އުޅޭ އީރާނަށް ތާއީދުކުރާ ހަނގުރާމަވެރިން ބުނެފި އެވެ.

ހަނގުރާމަވެރިން މި މޭރުމުން އެމެރިކާ ސިފައިންނަށް އިންޒާރު ކުރި އިރު، މިދިޔަ ހުކުރު ދުވަހު އެމެރިކާ ސިފައިން ޑްރޯން ބޭނުންކޮށްގެން ދިން މިސައިލް ހަމަލާތަކެއްގައި، އީރާނަށް ތާއީދުކުރާ ހަނގުރާމަވެރިންގެ ތެރެއިން ބަޔަކު ވަނީ މަރުވެފަ އެވެ. އަދި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ހަނގުރާމަވެރިން ވެސް އެއްބަސްވެ އެވެ.

ސީރިޔާގެ އިރުމަތީގައި ހުންނަ ހަނގުރާމަވެރިންގެ މަރުކަޒަކަށް އެމެރިކާ ސިފައިން، ހުކުރު ދުވަހު މެންދުރު ފަހު ހަމަލާތަކެއް ދިނީ، ސީރިޔާގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒަކަށް އެ ދުވަހު ހެނދުނު ހަނގުރާމަވެރިން މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ސީރިޔާގައި އެމެރިކާ ސިފައިން ތިބޭ ދެ މަރުކަޒަކަށް، ހުކުރު ދުވަހު ހެނދުނު ހަނގުރާމަވެރިން ހަމަލާތަކެއް ދޭން މަސައްކަތް ކުރި އެވެ. އޭގެ ތެރެއިން ފުރަތަމަ ހަމަލާގައި ބޭނުންކުރީ ރޮކެޓް ކަމަށާއި އެހަމަލާގައި އެމެރިކާ ސިފައިންގެ މީހަކަށް އާދައިގެ ޒަޚަމްތަކެއް ލިބުމުގެ އިތުރުން އެހެން ގެއްލުމެއް ނުލިބެ އެވެ.

އެ ދުވަހުގެ ދެ ވަނަ ހަމަލާ ދިނުމަށް ހަނގުރާމަވެރިން މަސައްކަތް ކުރީ ޑްރޯންތަކެއް ބޭނުންކޮށްގެންނެވެ. ނަމަވެސް އެމެރިކާ ސިފައިން ވަނީ އެ ޑްރޯންތަކަށް ހަމަލާދީ ވައިގެ ތެރެއަށް ގޮއްވާލައިފަ އެވެ.

އީރާނަށް ތާއީދުކުރާ ހަނގުރާމަވެރިންނާއި އެމެރިކާ ސިފައިންނާ ދެމެދު ސީރިޔާގައި ހަމަލާތަކެއް ބަދަލުކުރަން މި ފެށުނީ، މިދިޔަ ބުރާސްފަތި ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކެއްގައި އެމެރިކާ ސިފައިންނަށް ގެއްލުންތަކެއް ލިބިފައި ވަނިކޮށެވެ. އީރާންގައި އުފައްދާފައިވާ ޑްރޯނެއް ބޭނުންކޮށްގެން، އެމެރިކާ ސިފައިންގެ މަރުކަޒަކަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި، އެމެރިކާ ސިފައިންގެ ތެރޭގައި ކޮންޓްރެކްޓަށް މަސައްކަތް ކުރާ އެކަކު މަރުވެ، ސިފައިންގެ ފަސް މީހަކު ޒަޚަމްވި އެވެ.

އެ ހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ އީރާނާ އެކުގައި ހަނގުރާމައެއް ފަށަން އެމެރިކާ ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް، އެމެރިކާ ރައްޔިތުން ހިމާޔަތްކުރުމަށްޓަކައި ފުރިހަމަ ގޮތުގައި ބާރުގެ ބޭނުންކުރާނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

އެ ހަމަލާ އަށް ބަދަލު ހިފުމުގެ ގޮތުން އެމެރިކާ ސިފައިން ވަނީ، އީރާންގެ މަދަދާ އެކު ހަރަކާތްތެރިވާ ސީރިޔާ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ ތިން ސަރަހައްދަކަށް ވައިގެ މަގުން ހަމަލާތަކެއް ދީފަ އެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި އެމެރިކާ ސިފައިން ދިން ހަމަލާތަކުގައި، އީރާންގެ މަދަދު ލިބޭ ހަނގުރާމަވެރިންގެ ތެރެއިން 11 މީހަކު މަރުވި އެވެ.

ސީރިޔާގައި އެމެރިކާ ސިފައިން ގާއިމުވެ ތިބެނީ، ސީރިޔާ ސަރުކާރުގެ އެއްވެސް ހުއްދައެއް އަދި ރުހުމެއް ނެތި، ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާ ޚިލާފަށެވެ. ސީރިޔާގައި އެމެރިކާ ސިފައިން ގާއިމުވެ ތިބެނީ، ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުތަކުގަ އެވެ.

އީރާންގެ މަދަދާ އެކު ހަރަކާތްތެރިވާ ސީރިޔާގެ ހަނގުރާމަވެރިންނަކީ، ސީރިޔާ ސަރުކާރުގެ ދިފާއުގައި، އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަކުރާ އަމިއްލަ ޖަމާއަތްތަކެކެވެ.