Roadha Mihaaru
ގުދުސްގެ ހިމާޔަތުގައި މިސްރުން ގަރާރެއް ހުށަހަޅަނީ

ގުދުސްގެ ހިމާޔަތުގައި މިސްރުން ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅަނީ

17 ޑިސެމްބަރ 2017

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އަމިއްލަ އަށް ކަނޑައެޅި ކަނޑައެޅުމަކީ ގުދުސްގެ ގާނޫނީ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަނޑައެޅުމެއް ކަމަށް ބަޔާންކުރާ ގަރާރެއް، މިސްރުން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އަމިއްލަ އަށް ކަނޑައެޅި ކަނޑައެޅުމަކީ ގުދުސްގެ ގާނޫނީ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަނޑައެޅުމެއް ކަމަށް ބަޔާންކުރާ ގަރާރެއް، މިސްރުން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވެއްޖެ އެވެ.

މި ގަރާރުގައި ބުނެފައިވާ ގޮތުގައި ގުދުސްއާ ބެހޭ ގޮތުން އެމެރިކާ އިން ކަނޑައެޅި ކަނޑައެޅުން ބާތިލު ކުރަންޖެހެ އެވެ. މިސްރުން މިހާރު ވަނީ މި ގަރާރުގެ ދެލިކޮޕީ، ސަލާމަތީ މަޖިލީހުގެ 15 މެމްބަރުންނަށް މިދިޔަ ހޮނިހިރު ދުވަހު ފޮނުވައިފަ އެވެ.

މިސްރުން ހުށަހަޅާ މި ގަރާރާ މެދު ބަހުސްކޮށް ގޮތެއް ކަނޑައެޅުން އޮންނާނީ މާދަމާ ބާއްވާ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. ސަލާމަތީ މަޖިލީހަށް ހުށަހަޅާ ގަރާރެއް، ދާއިމީ މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކު ވީޓޯ ނުކޮށްފި ނަމަ، ނުވަ ވޯޓުން ފާސްވާނެ އެވެ. ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ މެމްބަރުންނަކީ، އެމެރިކާ، ރަޝިޔާ، އިނގިރޭސި ވިލާތް، ޗައިނާ، ފަރަންސޭސި ވިލާތް އެވެ.

މިސްރުގެ ޑިޕޮލޮމޭޓުން ބުނާ ގޮތުގައި ސަލާމަތީ މަޖިލީހުގައި އެއްވެސް ގައުމަކުން ވީޓޯ ކޮށްގެން މި ގަރާރު ފެއިލްވެއްޖެ ނަމަ، އދ.ގެ އާންމު މަޖިލީހަށް މި ގަރާރު ހުށަހަޅާނެ އެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އިޒްރޭލުން ނިންމާފައިވާ ނިންމުމަށް އެމެރިކާ އިން ރަސްމީކޮށް އިއުތިރާވެ، އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރާނެ ކަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާން ކުރެއްވީ މި މަހުގެ 6 ވަނަ ދުވަހު އެވެ.

ޓްރަމްޕުގެ އެ ނިންމުމާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ. އަދި އެ ދުވަހުން ފެށިގެން ފަލަސްތީނުގެ ބިންތަކުގައި ދަނީ އިޒްރޭލާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

އެމެރިކާގެ އެ ނިންމުމަށް ރައްދު ދިނުމުގެ ގޮތުން އިސްލާމީ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމެއް ތުރުކީ ވިލާތުގައި ބާއްވައި، އިރުމަތީ ގުދުސަކީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށް ކަމުގައި ކަނޑައަޅައި އެ ކަން ގަބޫލު ކުރުމަށް ބައިނަލްއަގުވާމީ މުޖްތަމައަށް ވަނީ ގޮވާލައިފަ އެވެ.