Roadha Mihaaru
އިނގިރޭސި އެމްބަސީ ގުދުސަށް ބަދަލުކުރަން ވިސްނަނީ

އިނގިރޭސި އެމްބަސީ ގުދުސަށް ބަދަލުކުރަން ވިސްނަނީ

22 ސެޕްޓެމްބަރ 2022

އިޒްރޭލުގައި ހުންނަ އިނގިރޭސި ވިލާތުގެ އެމްބަސީ، އިޒްރޭލުން އަޅުވެތިކޮށްފައިވާ ގުދުސަށް ބަދަލުކުރުމަށް ވިސްނަމުންދާ ކަމަށް، އިނގިރޭސި ބޮޑުވަޒީރު ލީޒް ޓްރަސް، އިޒްރޭލުގެ ބޮޑުވަޒީރު ޔައީރް ލެޕިޑް އަށް އިއްޔެ ދަންނަވައިފި އެވެ.

އިޒްރޭލުގައި ހުންނަ އިނގިރޭސި ވިލާތުގެ އެމްބަސީ، އިޒްރޭލުން އަޅުވެތިކޮށްފައިވާ ގުދުސަށް ބަދަލުކުރުމަށް ވިސްނަމުންދާ ކަމަށް، އިނގިރޭސި ބޮޑުވަޒީރު ލީޒް ޓްރަސް، އިޒްރޭލުގެ ބޮޑުވަޒީރު ޔައީރް ލެޕިޑް އަށް އިއްޔެ ދަންނަވައިފި އެވެ.

އދ.ގެ އަންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް މިހާރު އެމެރިކާގެ ނިއު ޔޯކަށް ވަޑައިގެން ތިއްބެވި އެ ދެ ބޭފުޅުން އިއްޔެ ވަނީ ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވައިފަ އެވެ. ހުޅަނގުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ބޮޑުވަޒީރު ލީޒް ވަނީ، އިޒްރޭލުގެ ވެރިރަށް ތެލް އަބީބްގައި ހުންނަ އިނގިރޭސި އެމްބަސީ ގުދުސަށް ބަދަލުކުރުމާ މެދު ވިސްނަމުންދާކަމަށް ވިދާޅުވެފަ އެވެ.

އިނގިރޭސި ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުން، ތެލް އަބީބްގައި ހުންނަ އިނގިރޭސި އެމްބަސީ އެހެން ތަނަކަށް ބަދަލުކުރުމާ މެދު، ބޮޑުވަޒީރު ލީޒް އަށް ފެނިވަޑައިގަންނަވާ ގޮތް އޭނާ ވަނީ އިޒްރޭލުގެ ބޮޑުވަޒާރާއެކު ވަރަށް ތަފްސީލުކޮށް ހިއްސާ ކުރައްވައިފަ އެވެ. ނަމަވެސް އިޒްރޭލު ސަރުކާރުން މި ކަމާ ބެހޭ ގޮތުން މިހާތަނަށް ރަސްމީ ސިފައެއްގައި ވާހަކައެއް ނުދައްކަ އެވެ.

ސެޕްޓެމްބަރ 21، 2022: އިނގިރޭސި ބޮޑުވަޒީރު ލީޒް ޓްރަސް (ކ) އައި އިޒްރޭލުގެ ބޮޑުވަޒީރު ޔައީރް ލެޕިޑް އެމެރިކާގެ ނިއު ޔޯކްގައި ބައްދަލުކުރައްވަނީ. --އޭއެފްޕީ

ސެޕްޓެމްބަރ 21، 2022: އިނގިރޭސި ބޮޑުވަޒީރު ލީޒް ޓްރަސް (ކ) އައި އިޒްރޭލުގެ ބޮޑުވަޒީރު ޔައީރް ލެޕިޑް އެމެރިކާގެ ނިއު ޔޯކްގައި ބައްދަލުކުރައްވަނީ. --އޭއެފްޕީ

މުޅި ދުނިޔެ ދެކޮޅު ހަދަމުން އަންނަ އިރު ވެސް، އިޒްރޭލުން އަމިއްލަ އަށް ކަނޑައަޅާފައިވާ ގޮތުން އެ ގައުމުގެ ވެރިރަށަކީ ގުދުސް އެވެ. ނަމަވެސް އިނގިރޭސި އެމްބަސީ ގުދުސަށް ބަދަލުކުރުމަށް މިހާތަނަށް އިނގިރޭސި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

ދެ ބޭފުޅުން ނިއު ޔޯކްގައި ބައްދަލުކުރެއްވުމުގެ ކުރިން، އިޒްރޭލުގެ ޖެރޫސަލަމް ޕޯސްޓް ދުވަހު ނޫހުގައި، އެ ގައުމުގެ ބޮޑުވަޒީރު ޔައީރް ލެޕީޑްއާ ހަވާލާދީ ބުނެފައިވަނީ، އިނގިރޭސި ސަރުކާރުން އެ ގައުމުގެ އެމްބަސީ ގުދުސަށް ބަދަލުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން ބޮޑުވަޒީރު ލީޒްއާ އެކުގައި މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ޔައީރް ވިދާޅުވި އެވެ.

އިނގިރޭސި ބޮޑުވަޒީރުގެ މަގާމަށް އިންތިހާބުވުމުގެ ކުރިން، ލީޒް ވަނީ އިޒްރޭލު ސަރުކާރުގައި ހިމެނޭ ކޮންޒަވޭޓިވް ފިކުރުގެ ބޭފުޅުންނަށް ސިޓީފުޅެއް ފޮނުއްވައި، އެމްބަސީ ގުދުސަށް ބަދަލުކުރައްވަން ވިސްނަވާ ކަމަށް ވިދާޅުވެފަ އެވެ. އިނގިރޭސި އެމްބަސީ ބަދަލުކުރުމަކީ ކިހާ ހައްސާސީ މައްސަލައެއް ކަމާއި އެކަމުގެ މުހިންމުކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ލީޒް ވިދާޅުވެފައިވެ އެވެ.

އިޒްރޭލުގެ މުހިންމު ބައިވެރިންގެ ތެރެއިން، އެމެރިކާގެ އެމްބަސީ ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި ގުދުސަށް ބަދަލުކޮށްފަ އެވެ. އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރިއާސީ ގަރާރަކުން، އެމްބަސީ ބަދަލުކުރުމާ އެކު، ބައިނަލްއަގުވާމީ މުޖްތަމައުންނާއި ފަލަސްތީނު ސަރުކާރާއި ރައްޔިތުން އެކަން ކުށްވެރިކުރި އެވެ.

ފަލަސްތީނުން ގަބޫލުކުރާ ގޮތުގައި އިރުމަތީ ގުދުސަކީ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށެވެ. ނަމަވެސް އިޒްރޭލުން ދެކޭ ގޮތުގައި މުޅި ގުދުސަކީ އިޒްރޭލުގެ ވެރިރަށެވެ. މި އަރާރުން ހައްލު ވުމުގެ ކުރިން، އެމްބަސީތައް ތެލް އަބީބުން ބޭރުކުރުމަށް ގިނަ ގައުމުތައް ބޭނުމެއް ނުވެ އެވެ.