Roadha Mihaaru
އަދީބު ގޭބަންދަށް ބަދަލުކުރެވޭކަށް ނެތް: ކަރެކްޝަންސް

އަދީބު ގޭބަންދަށް ބަދަލުކުރެވޭކަށް ނެތް: ކަރެކްޝަންސް

19 ޑިސެމްބަރ 2017

އެތައް ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ދެކޮޅު ހަދައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެތައް ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ދެކޮޅު ހަދައިފި އެވެ.

އަދީބު ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް އާއިލާ އިން އެދުނީ އޭނާގެ ލޮލަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުންނެވެ. އަދީބުގެ ލޮލަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން، ހިރަފުސް ނުހުންނަ ތަނެއްގައި އޭނާ ބަހައްޓަން ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށް އަދީބުގެ އާއިލާ އިން ބުނެ އެވެ.

އެކަމަކު، ކަރެކްޝަންސްގެ ޑެޕިއުޓީ ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް ނާޝިދު ސޮއި ކުރައްވައި، އަދީބުގެ އާއިލާ އަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ ރާއްޖޭގެ ޕެރޯލްގެ ގާނޫނުގެ ދަށުން ގައިދީއަކު ޖަލު ނޫން އެހެން ތަނަކަށް ބަދަލު ކުރެވޭނެ ހާލަތެއް އަދީބަށް މެދުވެރިނުވާ ކަމަށެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި އަދީބުގެ ލޮލަށް ޖެހިފައިވާ ބަލިތަކަށް ދޭން ޖެހޭ އެކަށީގެންވާ ފަރުވާ ނުދޭތީ އަދީބުގެ ލޮލުގެ ފެނުން ދަނީ ފަނޑުވަމުންނެވެ. އަދި ލޮލުގެ ނަންބަރު ބަދަލުވެ، އައިނު ހެދުން ލަސްވަމުން ދިއުމަކީ އަދީބަށް ދެވޭ އިތުރު އަނިޔާއެއް ކަމަށް ވެސް ނަޝްވާ ވިދާޅުވި އެވެ.

"އަދީބު މިހާރު ބޭނުން ކުރަމުން އެ ދަނީ ކުރީގެ އައިނު. އެހެންވެ، ތަންތަން ފެނުން ފުސް ކަމަށް އަދީބު ވަނީ ފާހަގަކޮށްފައި،" ދޫނިދޫގައި އަދީބާ ބައްދަލު ކުރެއްވުމަށް ފަހު، ނަޝްވާ ވިދާޅުވި އެވެ.

ތަފާތު ތިން ކުށެއް ސާބިތުވެ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ އަދީބު ގޭ ބަންދަށް ބަދަލު ކޮށްދިނުމަށް އާއިލާ އިން މީގެ ކުރިން ވެސް އެދުނެވެ. އެކަމަކު، އެ ފަހަރު ވެސް ކަރެކްޝަނުން ވަނީ އަދީބު ގޭބަންދަށް ބަދަލުކޮށް ދިނުމަށް ދެކޮޅު ހަދައިފަ އެވެ.

އަދީބުގެ އާއިލާ އިން ކުރިން ބުނެފައިވާ ގޮތުގައި އަދީބުގެ ލޮލަށް ޖެހިފައިވަނީ "ގްލުކޮމާ" ކިޔާ ބައްޔެކެވެ. އަދި އެތެރެހަށީގައި ސިސްޓެއް އުފެދިފައިވާ ކަމަށް ވެސް އާއިލާ އިން ބުނެފައިވެ އެވެ.

އަދީބު ގެ އަށް ބަދަލުކޮށްދޭން އާއިލާ އިން އެދުމާ ގުޅިގެން ކަރެކްޝަނުން އެކަމަށް ދެކޮޅު ހެދި އިރު، އިތުރު ފަރުވާ އަށް އަދީބު ރާއްޖޭން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އަދީބުގެ ފަރާތުން ވަނީ ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ މައްސަލަ މިހާރު ދަނީ ހިނގަމުންނެވެ.