Roadha Mihaaru
ރައީސްގެ ހަމަލާތަކެއް ޑރ. ޝަހީދާއި އެމްޑީޕީ އަށް

ދާޚިލީ ކަންކަމަށް ބޭރުގެ ނުފޫޒު ވައްދާ ކަމަށް ވިދާޅުވެ، ރައީސް ޔާމީންގެ ހަމަލާތަކެއް ޝަހީދާއި އެމްޑީޕީ އަށް

26 ޑިސެމްބަރ 2017

ރާއްޖޭގެ ދާޚިލީ މަސްލަހަތުގެ ތެރެއަށް ބޭރުގެ ނުފޫޒު ވައްދަން އަޑުއުފުލުމަކީ ގައުމަށް ގެއްލުން ދިނުން ކަމަށް ވިދާޅުވެ، ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. އިން އީރާނަށް ކަނޑައަޅާފައި ހުންނެވި ޚާއްސަ މަންދޫބު ޑރ. އަހްމަދު ޝަހީދާއި އެމްޑީޕީއަށް ރައީސް އަބްދުﷲ ޔާމީން މިއަދު ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ ދާޚިލީ މަސްލަހަތުގެ ތެރެއަށް ބޭރުގެ ނުފޫޒު ވައްދަން އަޑުއުފުލުމަކީ ގައުމަށް ގެއްލުން ދިނުން ކަމަށް ވިދާޅުވެ، ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. އިން އީރާނަށް ކަނޑައަޅާފައި ހުންނެވި ޚާއްސަ މަންދޫބު ޑރ. އަހްމަދު ޝަހީދާއި އެމްޑީޕީއަށް ރައީސް އަބްދުﷲ ޔާމީން މިއަދު ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވައިފި އެވެ.

ރައީސް ޔާމީން އުތުރުގެ ތިން އަތޮޅަކަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ބ. ތުޅާދު އަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު އަމާޒުކުރެއްވީ ރާއްޖޭގެ ދާޚިލީ ކަންކަމަށް ބޭރުގެ ނުފޫޒު ފޯރުވާ މައްސަލަ އަށެވެ. މިގޮތަށް ރައީސް ވާހަކަފުޅު މި ދެއްކެވީ، ދާޚިލީ ގުޅުންތަކުގައި "އޮޅުންތަކެއް އަރާނެތީ" ކަމަށް ބުނެ، ހުއްދަ ހޯދައިގެން ނޫން ގޮތަކަށް، ބޭރުގެ ޑިޕޮލެމޭޓުންންނާ ބައްދަލުކުރުން ލޯކަލް ކައުންސިލްތަކަށް މަނާކުރި މައްސަލާގައި ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒު ވެއްދުމުގެ އެޖެންޑާ ކުރިއަށް ނެރެގެން ބަޔަކު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެއީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެކަން ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ތުޅާދޫގައި: އެ ރަށުގެ ބަނދަރު ހުޅުއްވައިދެއްވައި ގޮނޑުދޮށް ނިމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަތް.

ރައީސް ތުޅާދޫގައި: އެ ރަށުގެ ބަނދަރު ހުޅުއްވައިދެއްވައި ގޮނޑުދޮށް ނިމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަތް.

"އަޅުގަނޑުމެން ދުށިން ދެއްތޯ އެމްޑީޕީ ސަރުކާރުގައި ޚާރިޖީ ވަޒީރުކަން ކުރެއްވި ޑރ. ޝަހީދު ވެސް، ދިވެހިރާއްޖޭގެ ހާލަތު އޭރު ގޮސްފައި އޮތް ހިސާބުން އަޅުގަނޑުމެންގެ އެކުވެރި ގައުމެއްގެ ސްޕެޝަލް ފޯސަސް ދިވެހި ރާއްޖެ އަށް އައިސް ރާއްޖެ ހިފަންވެއްޖެ ކަމަށް ޓުވީޓް ކުރެއްވި ތަން. މި ހަނދާންތައް އަޅުގަނޑުމެން ގެންނަންވީ ނޫންތޯ. ކީއްވެތޯ އަޅުގަނޑުމެން މި ހަނދާންތައް ނުގެންނަންވީ؟،" އިދިކޮޅު އެމްޑީޕީ އަށް ތާއީދު ބޮޑު ތުޅާދު އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރައީސް ވިދާޅުވި އެވެ.

"އަދި ހަމައެހެންމެ މިހާރު މި ހިނގާ ކަންތައްތަކުގައި ވެސް އަޅުގަނޑުމެންގެ ރާއްޖޭގެ ފުންނާބު އުސް ބައެއް ބޭފުޅުން ބޭރުގެ ދައުލަތްތަކާއި ސަފީރުންނަށް ދައުވަތު ދެއްވުމާއި ދިވެހި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެ މީހުންގެ ނުފޫޒު ފޯރުވަން ދެއްވާ ދައުވަތަކީ ދިވެހި ދައުލަތުގެ ހައްގަކަށް [އަރައިގަތުން]."

ތުޅާދޫގެ ބަނދަރު ހުޅުއްވައި ދެއްވުމާއި ގޮނޑުދޮށް ނިމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ ހައްގަކީ ވަކިވަކި ޕާޓީއެއް ނުވަތަ ވަކި ފަރުދެއްގެ ހައްގަކަށް ވުރެ މާބޮޑު ހައްގެއް ކަމަށެވެ. ރާއްޖެއަކީ ހައްދުފަހަނާޅާފައި އޮތް ތަނެއް ކަމަށާއި މިހާރު އޮތް މުގައްރަރުގެ ބަދަލުގައި އެހެން މުގައްރަރަކާއި އިސްލާމްދީން ނޫން އެހެން ދީނެއް ރާއްޖޭގައި އޮންނަން ޖެހޭ ކަމަށް ބޭރުގެ ގައުމުތަކުގައި ވާހަކަ ދައްކާނަމަ، އެ އަރައިގަނެވެނީ ގައުމުގެ ހައްގަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމަށް ގެއްލުން ދިނުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއް ނޫނެވެ. ދިވެހި ދައުލަތާއި ރައްޔިތުންނަށް ދަތިކުރަން، ޓޫރިސްޓުން ރާއްޖެ ނުފޮނުވަން ގޮވާލުމަކީ ރާއްޖެ އަށް ގެއްލުން ދިނުން ކަމަށް ތަކުރާރުކޮށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިއީކީ އެއްވެސް މީހަކަށް އެއްވެސް ޕާޓީއަކަށް، އަދި ކިތަންމެ މަތިވެރި ދިވެހި އިންސާނަކަށް ވިޔަސް އޭނައަކަށް ހައްގު ލިބިގެންވާ ކަމެއް ނޫން. ދިވެހި ރާއްޖޭގެ ރައީސްކަން ކޮށްފައި ތިބި މީހުންނަކަށް ވެސް މި ހައްގެއް ނުލިބޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މައްސަލަތަކުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން "އުނދުޅި ބާނަން" ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ދާޚިލީ މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން ދިވެހި ދައުލަތާއި ރައްޔިތުންގެ ކިބައިގައި އެބަހުރި ކަމަށް ވިދާޅުވި އެވެ.

ރަށެއްގެ ދެ އަވައްޓެރިންގެ ދެމެދުގައި މައްސަލައެއް ދިމާވުމުން ހައްލު ހޯދަނީ ބޭރުންތޯ ރައީސް ސުވާލު އުފެއްދަވައި ޖަވާބު ދެއްވަމުން ވިދާޅުވީ، އެއީ ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ނިންމޭނެ ކަންކަން ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި، ކުރިމަތިވި ދާޚިލީ މައްސަލަތައް ހައްލުކުރީ ބޭރުގެ ފަރާތްތައް ގެނެސްގެންތޯ ރައީސް އެއްސެވި އެވެ. އޭރު އެކަން އެގޮތަށް ނުކޮށް، މި ސަރުކާރުގައި އެކަން ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.