Roadha Mihaaru
ނޭފަތުގެ ސާޖަރީ ހަދަން ޕްރޮޑިއުސަރުން ބުނި: ވިދްޔާ

ނޭފަތުގެ ސާޖަރީ ހަދަން ޕްރޮޑިއުސަރުން ބުނި: ވިދްޔާ

03 ޖެނުއަރީ 2018

ވިދްޔާ ބާލަން އަކީ މިއަދު ބޮލީވުޑްގެ ވަރަށް ކާމިޔާބު ބަތަލާއެކެވެ. ނަމަވެސް ފިލްމީ ދުނިޔެއަށް ވިދްޔާ އަށް ވަދެވުނީ ވަރަށް މަސައްކަތުން ވަރަށް ގިނަ ނާކާމިޔާބީއާ ވެސް ކުރިމަތިވުމަށް ފަހު އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ވިދްޔާ ބާލަން އަކީ މިއަދު ބޮލީވުޑްގެ ވަރަށް ކާމިޔާބު ބަތަލާއެކެވެ. ނަމަވެސް ފިލްމީ ދުނިޔެއަށް ވިދްޔާ އަށް ވަދެވުނީ ވަރަށް މަސައްކަތުން ވަރަށް ގިނަ ނާކާމިޔާބީއާ ވެސް ކުރިމަތިވުމަށް ފަހު އެވެ.

ވިދްޔާގެ 39 ވަނަ އުފަން ދުވަސް ފާހަގަކުރަން ބޭއްވި ބޮޑު ޕާޓީއާ ގުޅުވައިގެން ދިން އިންޓަވިއުއެއްގައި ބުނީ ފިލްމީ ދާއިރާއަށް ވަނުމަށް މަސައްކަތް ކުރި ދުވަސްތަކުގައި ވަރަށް ގިނަ މައްސަލަތައް ދިމާވި ކަމަށެވެ.

"ޑައިރެކްޓަރު ވިދޫ ވިނޯދް ޗޯޕްރާ ބުނި އަހަރެންގެ ނޭފަތް ހާދަ ދިގޭ. ލޮސް އެންޖަލިސް އަށް ފޮނުވައިދޭނަމޭ ނޭފަތުގެ ޕްލާސްޓިކް ސާޖަރީ ހަދައިގެން ރަނގަޅުކުރަން. އަހަރެން ބިރުން ގޮސް އޭނާއާ ވާހަކަ ދައްކަން ވެސް ނުކުރެވިފައި އިނީ. އޭނާ ނޫނެކޭ ބުނެފިއްޔާ ފިލްމުން ބޭރުކޮށްލަފާނޭ ހިތަށްއަރާ ވަރަށް ހާސްވި،" ވިދްޔާ ބުންޏެވެ.

އޭނާ ފިލްމީ ދުނިޔެއަށް ނުކުތީ ވިދޫގެ "ޕަރިނީތާ" އިންނެވެ.

ވިދްޔާ ބުނި ގޮތުގައި ވިދޫ އެހެން ބުނުމުން އޭނާ ދިޔައީ "ޕަރިނީތާ"ގެ ޑައިރެކްޓަރު ޕްރަދީޕް ސަރްކާރް ކައިރިއަށެވެ.

"އަހަރެން ޑައިރެކްޓަރު ކައިރި ބުނިން ނޭފަތުގެ ސާޖަރީ ހަދާކަށް ބޭނުމެއް ނޫނޭ. މިގޮތަށް ހުއްޓާ ނުކުޅެވެންޏާ އަހަންނަކަށް އެ ފިލްމެއް ނުކުޅެވޭނޭ. ފިލްމީ ބަތަލާއަކަށް ވާށޭ ކިޔާފައި ނޭފަތް މިހާރު ހުރި ގޮތް ނޫން އެހެން ގޮތަކަށް ބަދަލުކުރާކަށް ބޭނުމެއް ނޫނޭ،" ވިދްޔާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ މައްސަލަ ޑައިރެކްޓަރު ހައްލުކުރި ގޮތެއް އޭނާއަކަށް ނޭނގެ އެވެ. ނަމަވެސް ފަހުން ވިދޫ ވެސް އެކަމާ ގުޅޭ ގޮތުން ވާހަކަ ނުދައްކާ ކަމަށް އޭނާ ބުންޏެވެ.

ޕްލާސްޓިކް ސާޖަރީއާ ބެހޭ ގޮތުން ވިދްޔާ ދެކޭ ގޮތް ވެސް ކިޔައިދިނެވެ.

"ވަރަށް ގިނަ މީހުން ބުނޭ ސާޖަރީ ހަދައިގެން ރޫތައް ފިލުވާލީމަ މާ ރީތިވާނޭ. އަހަންނަކީ އުމުރުން 38 އަހަރު ހޭދަކޮށްފައިވާ މީހެއްކަން މީހުންނަށް އެނގޭށޭ އަހަރެން ބޭނުންވަނީ. ސާޖަރީ ހަދައިގެން މޫނު ވާންކުރާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން ގަބޫލުކުރާ ގޮތުގައި އެކްޓަރެއްގެ ހުރި އެންމެ އުނި ސިފައަކީ މޫނަށް ބޭނުންވާ ގޮތްގޮތް ނުހެދި މޫނު ހަރުވެފައި ހުރުން. އަހަންނަކަށް އެގޮތެއް ކަމަކުނުދޭ،" ވިދްޔާ ބުންޏެވެ.

"ޕަރިނީތާ"ގެ ކުރިން ވިދްޔާ އޮތީ "އޭކް ދޫޖޭ ކޭ ލިޔޭ" އުފެއްދި ކުޅަދާނަ ޑައިރެކްޓަރު ކޭ. ބާލަޗަންދުރަގެ ދެ ފިލްމަކަށް ހޮވިފަ އެވެ. ނަމަވެސް އެންމެ ފަހު ވަގުތު އޭނާ އެ ދެ ފިލްމުން ވަކިކުރުމުން ވަރަށް ހިތްދަތިވީ ކަމަށް ވެސް ބުންޏެވެ.

"އެމީހުން އަހަންނަށް ދެ ފިލްމެއް ކުޅެން ދިން. ނަމަވެސް ފަހުން ޚަބަރެއް ނުވެ ގިނަ ދުވަސްތަކެއް ވާން ފެށީމަ އަހަރެންގެ މަންމަ ގުޅީ ބާލަޗަންދުރަގެ އަންހެން ދަރިފުޅާ. އެމީހުން ބުނެފައި އޮތީ އެއް ފިލްމެއްގެ ޝޫޓިންއަށް ނިއު ޒިލެންޑަށް ދާން ޖެހޭނޭ،" ވިދްޔާ ކިޔައިދިނެވެ.

"ނަމަވެސް ޕާސްޕޯޓް ހޯދަން ވެސް ނުގުޅާތީ ލަސްވަނީ ކީއްވެތޯ ބަލާލަން މަންމަ ލައްވާ ގުޅީ. މަންމަ ކައިރީ އެމީހުން ބުނީ ތިމަންނަމެން ގުޅަން އުޅެނިކޮށޭ ތި ގުޅީއޭ. މިހާރު އެހެން އެކްޓަރަކަށް ފިލްމުތައް ދޭން ނިންމާފައޭ ވަނީ. ސަބަބަކީ އަހަރެން ބައެއް މަންޒަރުތައް ކުޅެން ފަސްޖެހޭކަމަށް ބާލަޗަންދުރަ އަށް ހީވިއްޔޭ."

ވިދްޔާ ބުނި ގޮތުގައި އެހާ ބޮޑަށް ގައިގޯޅިވާ މަންޒަރުތައް ކުޅެން އޭނާ ބޭނުން ނޫން ކަމަށް ޑައިރެކްޓަރަށް ކުރިން ވެސް އޮންނާނީ އަންގައިފަ އެވެ. އެހެންވެ ވަރަށް ޒުވާން ލޯބީގެ ވާހަކައަކަށް ކުޅޭ ފިލްމަކަށް ވާތީ ވިދްޔާއަށް އެ ރޯލު ރަނގަޅަށް ނުކުޅެވޭނެ ކަމަށް ޑައިރެކްޓަރަށް ގަބޫލުކުރެވިގެން ފިލްމު ނުދޭން ނިންމީ އެވެ.

"އެހިސާބުން އަހަރެން ނިންމިން ދެން މަގޭ ދުވަސް މި ދިޔައިއްޔޭ. ބާލަޗަންދުރަން ކަހަލަ ނަން މަޝްހޫރު ޑައިރެކްޓަރެއްގެ ދެ ފިލްމުން އަހަރެން ވަކިކުރީމަ ދެން އަހަންނަށް ފިލްމެއް ދޭނެ މީހަކު ނުވާނޭ،" ވިދްޔާ ބުންޏެވެ.

"ނެޝަނަލް ސެންޓާ ފޯ ޕާފޯމިން އާޓްސް އިން އޭރު ތިއޭޓަރެއްގައި ތަމްސީލެއް ދައްކަމުން ދިޔަ. އަހަރެން އެތަނަށް ތަމްސީލު ބަލަން ދިޔައީ ވެސް ސިކުނޑިއަށް ހަމަޖެހުމެއް ލިބޭތޯ. ތަމްސީލު ނިމުމުން ނުކުމެގެން މަގުމަތީގައި ހިނގަން ފެށުނު. ވަރަށް ދުރަށް ހިނގިއިރު ވެސް އަހަރެންގެ ހަމަ ބުއްދި ނެތް. އަހަރެންގެ ލޮލުން ހޯސް ލާފައި ކަރުނަތައް އޮހެމުން ދިޔަ. ނަސީބަކުން މަގުގެ އެއް ފަރާތުން ހިނގާފައި ދެވުނީމަ އެއްޗެއްގައި ނުޖެހޭ. އެތައް ގަޑިއިރަކު ހިނގި ފަހުން އަހަންނަށް ގެއާ ހަމައަށް އާދެވުނުއިރު އަހަރެންގެ ސިކުނޑިއަށް ވަނީ ލުއިވެފައި. އެ ދުވަހު އަހަރެން އަޒުމް ކަނޑައެޅިން ގޮތް ދޫނުކޮށް ހިތްވަރުކުރަން. އަހަންނަށް މި ހިސާބަށް އާދެވުނީ އެ ދުވަހު ކަނޑައެޅި އަޒުމުގެ ވަރުގަދަކަމުން."

ވިދްޔާ ވަނީ އޭނާއަކީ ކުޅަދާނަ އަދި ހިތްވަރުގަދަ ބަތަލާއެއްކަން ސާބިތުކޮށްދީފަ އެވެ. އޭނާގެ ފުރަތަމަ ފިލްމު "ޕަރިނީތާ" ނުކުތް ދުވަސްވަރު ވަރަށް ގިނަ ބައެއްގެ ތައުރީފު އޮހުނެވެ. އަދި އޭގެ ފަހުން އޭނާ ކުޅުނު ގިނަ ފިލްމުތަކުން ބޮޑު ކާމިޔާބީތަކާއި ގިނަ އެވޯޑުތައް ވެސް ވަނީ ލިބިފަ އެވެ.