Roadha Mihaaru
400 ޓީޗަރުން ލިބޭނެ ކަމާ މެދު ޝައްކު: އިދިކޮޅު

ސްކޫލްތައް ހުޅުވެންވާއިރަށް 400 ޓީޗަރުން ލިބޭނެ ކަމާ މެދު ޝައްކު: އިދިކޮޅު ޕާޓީތައް

04 ޖެނުއަރީ 2018

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މި މަހުގެ 14 ގައި ފަށާއިރު ވެސް، ސްކޫލްތަކަށް ބޭނުންވެގެން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކުރި 400 ޓީޗަރުން އެ އަދަދަށް ހަމަވާނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށް އިދިކޮޅު ހަރަކާތުން މިއަދު ބުނެފި އެވެ.

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މި މަހުގެ 14 ގައި ފަށާއިރު ވެސް، ސްކޫލްތަކަށް ބޭނުންވެގެން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކުރި 400 ޓީޗަރުން އެ އަދަދަށް ހަމަވާނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށް އިދިކޮޅު ހަރަކާތުން މިއަދު ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގައި، އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ފާހަގަކުރެއްވި ގޮތުގައި މި އަހަރަށް ސްކޫލްތައް ހުޅުވޭއިރު، ޓީޗަރުން ހޯދައިގެން ތަމްރީން ދީ، ސްކޫލަށް އަހުލުވެރި ކުރަންޖެހެ އެވެ. އަދި އެކަމަށް ވަގުތުތަކެއް ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއިން އެނގެނީ އެޑިއުކޭޝަން މިނިސްޓްރީ މިވަނީ މިކަމުގައި ވަރަށް ބޮޑަށް އިހުމާލުވެފައި ކަން. ދަރިވަރުންނާ މެދު މިވަނީ އިހުމާލުވެފައި. އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކާމެދު އިހުމާލުވާ ތަން،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޫލްތައް ހުޅުވެންވާ އިރަށް، ބޭނުންވާ މިންވަރަށް ޓީޗަރުން ނުލިބުމަކީ އިދިކޮޅު ޕާޓީތަކުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން އެކަމާމެދު އިހުމާލުވެފައިވާތީ އެކަން ކުށްވެރިކުރާ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

"މި ދައްކަނީ ހަތަރު ސަތޭކަ ޓީޗަރުން ހޯދާ ވާހަކަ. މައިންބަފައިން ކުރާ އެންމެ ބޮޑު އެންމެ ބޮޑު އިންވެސްޓްމަންޓަކީ ދަރިންނަށް ތައުލީމް ހޯދައި ދިނުން. އެޑިއުކޭޝަން މިނިސްޓްރީން މިކަމާ އިހުމާލުވެފައިވާތީ އަޅުގަނޑުމެން އެކަން ކުށްވެރި ކުރަން،" އޭނާ ވިދާޅުވި އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން 10 ދުވަހަށް ވެފައިވާ އިރު މިދިޔަ ހަފުތާ އިން ފެށިގެން ގިނަ ސްކޫލުތަކަކުން އަންނަނީ ޓީޗަރުން ހޯދުމަށް ގެޒެޓުގައި އިއުލާނު ކުރަމުންނެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޕްރީ ސްކޫލު ޓީޗަރުންނާއި ވަގުތީ ޓީޗަރުން ވެސް ހިމެނެ އެވެ.