Roadha Mihaaru
ކުޅުދުއްފުށީ އެއާޕޯޓު ހަދަން މި ހަފުތާގައި ހަވާލުކުރާނެ

ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް މި ހަފުތާގައި ހަވާލު ކުރަނީ

08 ޖެނުއަރީ 2018

ހދ. ކުޅުދުއްފުށީ އެއާޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކައި ނިމި މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، އެ މަސައްކަތް މި ހަފުތާގެ ތެރޭގައި ވަކި ބަޔަކާ ހަވާލު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ހދ. ކުޅުދުއްފުށީ އެއާޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކައި ނިމި މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، އެ މަސައްކަތް މި ހަފުތާގެ ތެރޭގައި ވަކި ބަޔަކާ ހަވާލު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަންނަ ޖުލައި މަހުގެ ނިޔަލަށް އެއާޕޯޓްގެ މަސައްކަތް ނިންމަން އަމާޒު ހިފައި، އެ ތަނުގެ ރަންވޭ ހެދުމުގެ މަސައްކަތް އެމްޓީސީސީ ނުވަތަ އެމްއާރްޑީސީއާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ދެ ފަރާތުން ހުށަހަޅާ ޕްރޮޕޯޒަލަށް ރިއާޔަތްކޮށް، އެންމެ ކުޑަ އަގެއް ހުށަހަޅާ ބަޔަކާ ރަންވޭގެ މަސައްކަތް މި ހަފުތާގައި ހަވާލުކުރެވޭ ވަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ދެ ކުންފުނިން މި ހަފުތާ ތެރޭގައި ޕްރޮޕޯޒަލް ހުށަހަޅާނެ. އަޅުގަނޑުމެން މިބަލަނީ ބަޖެޓަށް އެންމެ ލުއިކޮށް މިކަން ކުރެވޭނެ ގޮތެއް. ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެމްޓީސީސީ އާއި އެމްއާރްޑީސީގައި އެ ގާބިލްކަން އެބަހުރި. އެހެންވީމާ އޭގެ ތެރެއިން ކޮންމެވެސް އެއް ބަޔަކާ ރަންވޭގެ މަސައްކަތް ހަވާލުކުރާނީ،" ޒަމީރު ވިދާޅުވި އެވެ.

ރަންވޭގެ އިތުރުން، ކުޅުދުއްފުށީ ޓާމިނަލް އާއި ފަޔާ އެންޑް ރެސްކިއު ބިލްޑިންގް އަޅައިދޭނެ ބަޔަކު ހޯދަން ރީޖަނަލް އެއާޕޯޓްސް އިން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ކުރިން ކުރަނީ.

ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ކުރިން ކުރަނީ.

ޒަމީރު ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ އެއާޕޯޓުގައި އަޅަނީ ޕްރީފެބްރިކޭޓް ޓާމިނަލް ބިންޑިންގަކާއި ފަޔާ އެންޑް ރެސްކިއު ބިލްޑިންގެކެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ކުރަނީ ދައުލަތުގެ ބަޖެޓުންނެވެ. މި އަހަރުގެ ބަޖެޓުގައި، ހަތަރު އެއާޕޯޓެއް ހެދުމަށް 283 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ނަމަވެސް ކުޅުދުއްފުށީ އެއާޕޯޓަށް ޚަރަދުވާނެ ވަރެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓް ހެދުމަށްޓަކައި ކުޅުދުއްފުށީ ކުޅީ އާއި ފަޅުން ވަނީ 15 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ. އެއީ މޫދުން ހަ ހެކްޓަރު އަދި ކުޅިން ނުވަ ހެކްޓަރެވެ.

ކުޅުދުއްފުށީ ބިން ހިއްކުން ރަސްމީކޮށް ފެށުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު 12 ގައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، މި އަހަރުގެ މެދެއްހާ ހިސާބުގައި އެއާޕޯޓުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.