Roadha Mihaaru
ފުރަތަމަ ލެގުގައި ޗެލްސީ އާއި އާސެނަލް އެއްވަރު

ފުރަތަމަ ލެގުގައި ޗެލްސީ އާއި އާސެނަލް އެއްވަރު

11 ޖެނުއަރީ 2018

ލަންޑަން (ޖެނުއަރީ 11) – އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ޗެލްސީ އާއި އާސެނަލް ކުޅުނު މެޗު 0-0 އިން އެއްވަރުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (ޖެނުއަރީ 11) – އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ޗެލްސީ އާއި އާސެނަލް ކުޅުނު މެޗު 0-0 އިން އެއްވަރުވެއްޖެ އެވެ.

ދެ ވަނަ ލެގު އޮންނާނީ މި މަހުގެ 24 ގައި އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގަ އެވެ. ރޭގެ މެޗުގައި ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ސިސްޓަމް ބޭނުންކޮށްފަ އެވެ. އެއަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ތާއީދުކޮށްފަ އެވެ.

މި މެޗުގައި ޗެލްސީން ޕެނަލްޓީއަކަށް ކުރި ދެ އެޕީލެއްގައި ރެފްރީ މާޓިން އެޓްކިންސަން ވަނީ ވީޑިއޯ ރިޕްލޭ ބަލައިފަ އެވެ. އެ ދެ ފަހަރު ވެސް ރެފްރީ ނިންމީ އެއީ ޕެނަލްޓީ ދޭން ޖެހޭ ފަދަ ހާލަތްތަކެއް ނޫން ކަމަށެވެ.

"ވީއޭއާރްއާ މެދު އަހަރެން ވަރަށް ޕޮޒިޓިވް. ސަބަބަކީ މެޗެއްގައި ބޮޑު ޝައްކެއް އުފެއްދިއްޖެ ނަމަ އެންމެ ރަނގަޅު ނިންމުން ނިންމަން ޗެކްކޮށްލަން ރެފްރީ އާއި ދެ ވަނަ ރެފްރީ ވީޑިއޯ ބަލާލުމަކީ ރަނގަޅު ކަމަކަށްވާތީ،" ކޮންޓޭ ބުންޏެވެ.

އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވެ އެފްއޭ ކަޕުން ކަޓާފައިވާތީ އާސެނަލަށް މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުން ވަރަށް މުހިއްމެވެ. ސަސްޕެންޝަނުގެ ސަބަބުން އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް ރޭގެ މެޗުގައި ވެސް ބެންޗަކަށް ނުދެވުނެވެ.

އޭނާ ރޭގެ މެޗަށް ފަހު ބުނީ މެޗުގައި ފެނިގެން ދިޔައީ ރަނގަޅު ކުޅުމެއް ކަމަށެވެ. އަދި އާސެނަލް ފެނިގެންދިޔައީ ވަރަށް އޯގަނައިޒްކޮށް ކަމަށް އޭނާ ބުންޏެވެ.

ރޭގެ މެޗުގައި ޗެލްސީގެ ސެސް ފެބްރިގާސް އާއި އަންދްރެއަސް ކްރިސްޓެންސެން އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނުއިރު އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް އޮސްޕިނާ ވަނީ ޗެލްސީގެ ވިކްޓަ މޮސެސް އާއި އަލްވާރޯ މޮރާޓާގެ ހަމަލާތައް މަތަކޮށްފަ އެވެ.