Roadha Mihaaru
ކައިގެ ހެޓްރިކާ އެކު ޗެލްސީ އަނެއް ބުރަށް

ކައިގެ ހެޓްރިކާ އެކު ޗެލްސީ އަނެއް ބުރަށް

24 ސެޕްޓެމްބަރ 2020

ލަންޑަން (ސެޕްޓެމްބަރު 24) - އިނގިރޭސި ލީގު ކަޕްގެ ތިން ވަނަ ބުރުގައި ރޭ ކައި ހާވާޓްޒްގެ ހެޓްރިކާ އެކު 6-0 އިން ދެ ވަނަ ޑިވިޝަނުގެ ބާންސްލީ ބަލިކޮށް ޗެލްސީ މުބާރާތުގެ އަނެއް ބުރުން ފުރުސަތު ހޯދައިފި އެވެ.

ލަންޑަން (ސެޕްޓެމްބަރު 24) - އިނގިރޭސި ލީގު ކަޕްގެ ތިން ވަނަ ބުރުގައި ރޭ ކައި ހާވާޓްޒްގެ ހެޓްރިކާ އެކު 6-0 އިން ދެ ވަނަ ޑިވިޝަނުގެ ބާންސްލީ ބަލިކޮށް ޗެލްސީ މުބާރާތުގެ އަނެއް ބުރުން ފުރުސަތު ހޯދައިފި އެވެ.

މިއީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބަޔާ ލެވަކޫސަން ދޫކޮށް 71 މިލިއަން ޕައުންޑަށް ޗެލްސީއާ ގުޅުނު ހުނަރުވެރި ފޯވާޑް ކައި ޗެލްސީ އަށް ޖަހައިދިން ފުރަތަމަ ގޯލުތަކެވެ. އަދި އޭނާގެ ކެރިއަރުގެ ފުރަތަމަ ހެޓްރިކް އެވެ. ޕްރިމިއާ ލީގުގައި ބްރައިޓަން އާއި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނުނު ނަމަވެސް ކައި އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފައިވަނީ އެއްކޮށް ފިޓްވުމުން ކައިގެ ކުޅުން ފެންނާނެ ކަމުގެ ޔަގީންކަން ކުރިން ވެސް އޮތް ކަމަށާއި މި މެޗަކީ ފެށުމެއް ކަމަށެވެ.

"ރަނގަޅު ޕްރީ ސީޒަނެއް ނެތި ވެސް ކައި ލައްވައި މެޗުތަަކުގައި ކުޅުވަން އަހަރެން ބޭނުންވީ ވީ އެންމެ އަވަހަށް އޭނަ މި ސިސްޓަމަށް ހާނުވަން. މިއީ އޭނަގެ މޮޅު ކުޅުން ފެނިއްޖެ. އުއްމީދަކީ މީގެ ގިނަ މެޗުތަކެއް ފެނުން،" ލަމްޕާޑް ބުންޏެވެ.

ކައިގެ އިތުރުން ރޭގެ މެޗުގައި ދެން ޗެލްސީގެ ގޯލުތައް ޖެހީ ޓެމީ އަބްރަހަމް އާއި އޮލިވިއޭ ޖިރޫޑާއި ރޮސް ބާކްލޭ އެވެ. މި މެޗުގައި ޗެލްސީގެ ގޯލު ބެލެހެއްޓީ ތަޖުރިބާކާރު ގޯލްކީޕަރު ވިލީ ކަބަލޭރޯ އެވެ. ރޭގެ މެޗުގައި ވެސް ޗެލްސީން ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާގެ ނުފެނެ އެވެ. ރިޕޯޓްތައް ބުނާގޮތުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އޭނާ ޗެލްސީ ދޫކޮށްލާނެ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީއާ ގުޅުނު ދެ ކުޅުންތެރިން ކަމަށްވާ ބެން ޗިލްވެލް އާއި ތިއާގޯ ސިލްވާ ވަނީ ފުރަތަމަ ފަހަރަށް އެ ޓީމަށް ކުޅެފަ އެވެ. ޗެލްސީއާ އަލަށް ގުޅުނު ކުޅުންތެރިންގެ ތެރެއިން މިހާތަނަށް ރަސްމީ މެޗެއްގައި ނުކުޅޭ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ އަޔަކްސް ދޫކޮށް އެ ޓީމާ ގުޅުނު ހަކީމް ޒިޔެޗް އެވެ.

ލީގު ކަޕްގައި ރޭ އާސެނަލުން ވަނީ ލެސްޓާ ސިޓީ ދަނޑުގައި 2-0 އިން މޮޅުވެފަ އެވެ. ދެ ޓީމަށް ވެސް ގިނަ ބަދަލުތަކެއް ގެނެސްގެން ކުޅުނު މި މެޗުގައި އާސެނަލުން ޖެހި ފުރަތަމަ ގޯލަކީ ލެސްޓާގެ ޑިފެންޑަރު ކްރިސްޓިއަން ފުޗްސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ގޯލު ޖެހީ ޒުވާން ފޯވާޑް އެޑީ އެންކެޓިއޭ އެވެ.

ލީގު ކަޕްގެ ހަތަރު ވަނަ ބުރުގައި ޗެލްސީ ކުޅެން ޖެހޭނީ ލޭޓަން އޯރިއެންޓާއި ޓޮޓެންހަމް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އާސެނަލް ކުޅޭނީ ލިވަޕޫލާއި ލިންކަން ސިޓީ މިރޭ ކުޅޭ މެޗުން މޮޅުވާ ޓީމަކާ އެވެ.