Roadha Mihaaru
އާސެނަލް ކުއާޓާ އަށް، ޗެލްސީ ސަލާމަތްވީ ޕެނަލްޓީން

އާސެނަލް ކުއާޓާ އަށް، ޗެލްސީ ސަލާމަތްވީ ޕެނަލްޓީން

27 އޮކްޓޯބަރ 2021

ލަންޑަން (އޮކްޓޯބަރު 27) - އިނގިރޭސި ލީގް ކަޕްގެ ކުއާޓާ ފައިނަލުން އާސެނަލް އާއި ޗެލްސީ ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޮކްޓޯބަރު 27) - އިނގިރޭސި ލީގް ކަޕްގެ ކުއާޓާ ފައިނަލުން އާސެނަލް އާއި ޗެލްސީ ޖާގަ ހޯދައިފި އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް އާސެނަލް ކުޅުނު ލީގް ކަޕްގެ ހަތަރުވަނަ ބުރުގެ މެޗް ކާމިޔާބުކުރީ 2-0 އިންނެވެ. އާސެނަލްގެ ދެ ލަނޑު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ.

ފުރަތަމަ ލަނޑު، ކުޅެން ނުކުތްތާ މަދު ސިކުންތުކޮޅެއް ތެރޭގައި މެޗުގެ 55 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ކެލަމް ޗެމްބާސް އެވެ. ދެވަނަ ލަނޑު 69 ވަނަ މިނިޓުގައި، ޒުވާން ފޯވަޑް އެޑީ ކެޓިއާ އެވެ.

ލީޑްސް އިން ޗެމްޕިއަންޝިޕް (އިނގިރޭސި ދެވަނަ ޑިވިޝަން) ކާމިޔާބު ކޮށްގެން 16 އަަހަރަށް ފަހު ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ސީޒަނުގައި ކެޓިއާ ވަނީ ލޯނު އުސޫލުން ލީޑްސް އަށް ކުޅެފަ އެވެ. އަދި އާސެނަލްގައި ކުޅުމުގެ ފުރުސަތު ނުލިބޭތީވެ ކެޓިއާ ވަނީ މިސީޒަނުގައި ޕްރިމިއާ ލީގް ކްލަބް ކްރިސްޓަލް ޕެލަސް އަށް ބަދަލުވާން މަސައްކަތްކޮށްފަ އެވެ.

ނަމަވެސް ރޭގެ ގޯލަށް ފަހު އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ވަނީ ކެޓިއާ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. "އަހަރެން ވަރަށް އުފާވޭ އޭނާ [ކެޓިއާ] ޓީމުގައި ހިމެނޭތީ، އެއީ އަހަރެމެންގެ ކުޅުންތެރިއެއް، އަހަރެން ދެކެނީ އެއީ ވަރަށް މަތީ ލެވެލްގެ ކުޅުންތެރިއެއް ގޮތުގައި. އަދި އަހަރެން ބޭނުންވޭ އޭނާ ޓީމުގައި ހުންނަން ވެސް،" އާޓެޓާ ބުންޏެވެ.

މި ސީޒަނުގެ ނިޔަލަށް ކެޓިއާގެ ކޮންޓްރެކްޓް ހަމަވާއިރު، ރޭގެ މެޗަކީ އޭނާ މިސީޒަނުގައި ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗަކީ ލީގް ކަޕް ތިންވަނަ ބުރުގައި އޭއެފްސީ ވިމްބްލްޑަންއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގައި ވެސް ކެޓިއާ ވަނީ ލަނޑު ޖަހައިފަ އެވެ.

ސައުތެމްޓަންއާ ވާދަކޮށްގެން ޗެލްސީން ކުއާޓާގެ ޖާގަ ހޯދީ 1-1 އިން އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ހަކީމް ޒިޔެޗް ނެގި ކޯނަރަކުން ކައި ހަވަޓްޒް އެވެ. ސައުތެމްޓަން އެއްވަރުކުރީ ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ޗޭ އެޑަމްސް ޖެހި ގޯލުންނެވެ.

ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ޗެލްސީން ސައުތެމްޓަންގެ މައްޗަަށް ކުރި ހޯދީ 4-3 އިންނެވެ. ސައުތެމްޓަންގެ ތިއޯ ވޮލްކޮޓް ފޮނުވާލި ޕެނަލްޓީ ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލާގާ މަތަކުރިއިރު، ވިލް ސްމޯލްބޯން ޖެހި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. ޗެލްސީގެ ޕެނަލްޓީތައް ކާމިޔާބުކުރީ ރޭގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މާކޮސް އޮލޮންސޯ އާއި ކެލަމް ހަޑްސަން އޮޑޯއި ގެ އިތުރުން ބެން ޗިލްވެލް އާއި ރީސް ޖޭމްސް އެވެ. ނާކާމިޔާބުވީ މޭސަން މައުންޓް ޖެހި ޕެނަލްޓީ އެވެ.

ސަންޑަލޭންޑް ވެސް ވަނީ ރޭ ކުޅުނު މެޗުގައި ޕެނަލްޓީ ޖަހައިގެން ކިއުޕީއާރު ބަލިކޮށް ލީގް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ދެ ޓީމު ކުރެ ޓީމަކަށް ލަނޑެއް ނުޖެހި ފުރިހަމަ ވަގުތު ހަމަވުމުން ސަންޑަލޭންޑުން ޕެނަލްޓީގައި ކުރި ހޯދީ 3-1 އިންނެވެ.