Roadha Mihaaru
ސަންޗޭޒް ހޯދުމުގެ ރޭހުން ސިޓީ ބޭރުވެއްޖެ

ސަންޗޭޒް ހޯދުމުގެ ރޭހުން ސިޓީ ބޭރުވެއްޖެ

16 ޖެނުއަރީ 2018

ލަންޑަން (ޖެނުއަރީ 16) – އާސެނަލްގެ ޗިލީ ފޯވާޑް އެލެކްސިސް ސަންޗޭޒް ނުގަންނަން މެންޗެސްޓާ ސިޓީން ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (ޖެނުއަރީ 16) – އާސެނަލްގެ ޗިލީ ފޯވާޑް އެލެކްސިސް ސަންޗޭޒް ނުގަންނަން މެންޗެސްޓާ ސިޓީން ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކޯޗު ޕެޕް ގާޑިއޯލާ އާއި ކްލަބުގެ ވެރިޔާ ޚަލްދޫން އަލް މުބާރަކާއި އެހެން ސީނިއާ އޮފިޝަލުން ވެސް ތިބީ އެކަމަށް އެއްބަސްވެގެން ކަމަށްވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަންޗޭޒް ޑިމާންޑްކުރާ މުސާރަ އޭނާ އަށް ދީފި ނަމަ ސިޓީގެ އެހެން މުހިއްމު ކުޅުންތެރިންނަށް ވުރެ އޭނާގެ މުސާރަ ބޮޑުވާނެ އެވެ. އެއީ ސިޓީން ކުރަން ބޭނުންވި ކަމެއް ނޫނެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަކީ ސަންޗޭޒް 2011 ވަނަ އަހަރު ބާސެލޯނާ އަށް ވެސް ގެންދިޔަ ކޯޗެވެ. ސަންޗޭޒް ބޮޑަށް ބޭނުންވަނީ ވެސް ސިޓީ އަށް ކުޅެން ކަމަށްވެ އެވެ. އެކަމަކު ސިޓީން އަލުން އެ މަސައްކަތް ފެށިޔަސް ފަށާނީ ސަންޗޭޒްގެ ޑިމާންޑްތައް ދަށްކުރުމުން ކަމަށްވެ އެވެ.

ސިޓީ ރޭހުން ބޭރުވުމާ ވެސް އެކު ސަންޗޭޒް ގަތުމުގެ ފުރުސަތު މިިހާރު އެންމެ ބޮޑީ މެންޗެސްޓާ ޔުނައިޓެޑެވެ. އެކްލަބުން ވަނީ އާސެނަލުން އޭނާ ވިއްކަން ކިޔާ އަގު ކަމަށްވާ 35 މިލިއަން ޕައުންޑް ދައްކަން ތައްޔާރަށް އޮތް ކަމުގެ އިޝާރާތެއް ދީފަ އެވެ. އަދި ޔުނައިޓެޑުގެ ހެންރިކް މިކިތާރްޔަން ވެސް އެ ޑީލުގެ ތެރޭ ހިމަނަން އާސެނަލުން ބޭނުންވާ ކަމަށް ވެސް ވާހަކަދެކެވެ އެވެ.

އާސެނަލާ އެކު ސަންޗޭޒް ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާތީ ޖެނުއަރީ މަހު އޭނާ ވިއްކާލައިގެން ނޫން ގޮތަކަށް އާސެނަލަށް ފައިދާއެއް ނުވާނެ އެވެ. އޭނާ އެ ކްލަބާ އެކު ކޮންޓްރެކްޓް އާކުރާނެ ކަމަކަށް ނުބެލެވެ އެވެ. އާދީއްތަ ދުވަހުގެރޭ ބޯންމައުތު އަތުން 2-1 އިން އާސެނަލް ބަލިވި މެޗަށް ސަންޗޭޒް ގެންގޮސްފައިނުވާއިރު އެ ޓީމުގެ ކޯޗު އާސެން ވެންގާ ވަނީ އެކަން 48 ގަޑިއިރުގެ ތެރޭގައި ގޮތަކަށް ނިމޭނެ ކަމަށް ބުނެފަ އެވެ.

ރޭ ސްޓޯކް ސިޓީ އަތުން 3-0 އިން މޮޅުވި މެޗަށް ފަހު މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ސަންޗޭޒާ ގުޅޭ ގޮތުން ހަބަރެއް ނެތް ކަމަށެވެ.

"އޭނާ އަކީ އާސެނަލް ކުޅުންތެރިޔެއް. އޭނާ މަޑުކޮށްފިއްޔާ އެއީ އާސެނަލަށް ލިބޭނެ މޮޅެއް. އޭނާ ޔުނައިޓެޑަށް އައިސްފިއްޔާ ޔުނައިޓެޑަށް ރަނގަޅެއް އެއީ. އޭނާ އެހެން ކްލަބަކަށް ގޮސްފިއްޔާ އެއީ އެ ކްލަބަކަށް ލިބޭނެ ކުރިއެރުމެއް،"