Roadha Mihaaru
ސަންޗޭޒް ލިބިއްޖެނަމަ ސިޓީން އަގުއޭރޯ ދޫކޮށްލަނީ

ސަންޗޭޒް ލިބިއްޖެނަމަ ސިޓީން އަގުއޭރޯ ދޫކޮށްލަނީ

18 ޖުލައި 2017

ލަންޑަން (ޖުލައި 18) - އާސެނަލްގެ އަލެކްސިސް ސަންޗޭޒް ލިބިއްޖެނަމަ މެންޗެސްޓާ ސިޓީން އެ ޓީމަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ދޫކޮށްލަން ތައްޔާރު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖުލައި 18) - އާސެނަލްގެ އަލެކްސިސް ސަންޗޭޒް ލިބިއްޖެނަމަ މެންޗެސްޓާ ސިޓީން އެ ޓީމަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ދޫކޮށްލަން ތައްޔާރު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސަންޗޭޒް ވަނީ ދާދި ފަހުން ޗެމްޕިއަންސް ލީގު ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަންނަ ސީޒަނުގައި އާސެނަލުން ޗެމްޕިއަންސް ލީގުގައި ނުކުޅޭއިރު، ބެލެވޭ ގޮތުގައި ސަންޗޭޒް މިހާރު ވިސްނުންހުރީ އެ ކްލަބް ދޫކޮށްލުމަށެވެ.

ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި ސިޓީގެ ކީޕަރު ޗިލީގެ ކްލައުޑިއޯ ބްރާވޯގެ އެހީގައި އެ ޓީމުން އަންނަނީ ސަންޗޭޒް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ޗިލީގެ މީޑިއާތައް ރިޕޯޓްކުރާ ގޮތުގައި ސަންޗޭޒް ބޭނުންވަނީ އާސެނަލް ދޫކޮށް ޕްރިމިއާ ލީގުގެ ކްލަބަކަށް ކުޅުމަށެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ސަަންޗޭޒްގެ އޭޖެންޓާ ދާދި ފަހުން ބައްދަލުކޮށްފަ އެވެ. އެހެން ނަމަވެސް ރަސްމީ ސިފައެއްގައި ސަންޗޭޒް ގެންނަން އަދި ސިޓީން ބިޑްކޮށްފައެއް ނުވެ އެވެ. ރިޕޯޓްތައް ބުނާގޮތުގައި އާސެނަލުން ސަންޗޭޒް ދޫކޮށްލަން ބޭނުންނަމަ އެ ޓީމުގެ ވިސްނުން ހުރީ އިތުރު ފޯވާޑެއް ގެނައުމަށެވެ.

ކުރިން އާސެނަލާއި ސިޓީ އަށް ކުޅުނު ޕެޓްރިކް ވިއެރާ ބުނީ ސަންޗޭޒް އާސެނަލް ދޫކޮށްލާނަމަ އެ ޓީމުން ވިސްނަންވީ ސިޓީގެ އަގުއޭރޯއާ ބަދަލުކުރުމަށް ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އާސެނަލުން އަގުއޭރޯ ހޯދަން އަދި މަސައްކަތް ކޮށްފައެއް ނުވެ އެވެ.

ޗެލްސީގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އެ ޓީމު ދޫކޮށްލަން ނިންމާފައިވާއިރު އެ ކްލަބުން ވެސް އަންނަނީ އިތުރު ފޯވާޑެއް ހޯދަން މަސައްކަތް ކުރަމުންނެވެ. ޗެލްސީން މީގެ ކުރިން ފާރަލަމުން އައި ފޯވާޑުންނަކީ ޓޮރީނޯގެ ފޯވާޑް އަންޑްރެއަ ބެލޮއްޓީ، ރެއާލް މެޑްރިޑްގެ އަލްވާރޯ މޮރާޓާ، ޑޯޓްމަންޑްގެ ޕިއޭ އެމެރިކް އޯބާމަޔަންގެވެ. މީގެ ތެރެއިން އެއްވެސް ކުޅުންތެރިއެއް ހޯދަން ޗެލްސީން ކުރަމުން އައި މަސައްކަތް އަދި ކާމިޔާބުވެފައިނުވާއިރު، އެ ޓީމުން މިހާރު ވަނީ އަގުއޭރޯ އަށް ވެސް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޗެލްސީން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެންމެ ބޭނުންވި ފޯވާޑް ރޮމެލޫ ލުކާކޫ ނުލިބުމުން އެ ޓީމުން މިހާރު ދެން ވިސްނަނީ ޕްރިމިއާ ލީގުގެ ތަޖުރިބާހުރި އެހެން ފޯވާޑަކަށެވެ. އަދި ސިޓީން އަގުއޭރޯ ވިއްކާނަމަ ޗެލްސީން އޮތީ އޭނާ އަށް ބިޑް ކުރަން ތައްޔާރަށެވެ.