Roadha Mihaaru
އަގުއޭރޯ އާއި ސަންޗޭޒް ބަދަލުކުރަން ސިޓީން ހުށަހަޅައިފި

އަގުއޭރޯ އާއި ސަންޗޭޒް ބަދަލުކުރަން ސިޓީން ހުށަހަޅައިފި

03 އޯގަސްޓް 2017

ލަންޑަން (އޮގަސްޓް 3) - އާސެނަލްގެ ފޯވާޑް އަލެކްސިސް ސަންޗޭޒް އާއި މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯ ބަދަލުކުރަން އެ ޓީމުން ހުށަހަޅައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (އޮގަސްޓް 3) - އާސެނަލްގެ ފޯވާޑް އަލެކްސިސް ސަންޗޭޒް އާއި މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯ ބަދަލުކުރަން އެ ޓީމުން ހުށަހަޅައިފި އެވެ.

ސިޓީން އަންނަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓް ހުޅުވުނު ފަހުން ސަންޗޭޒް ހޯދުމަށް ގިނަ މަސައްކަތް ކުރަމުންނެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ދެ ފަހަރެއްގެ މަތިން ސަންޗޭޒްގެ އޭޖެންޓާ ވެސް މަޝްވަރާ ކޮށްފަ އެވެ. އެހެން ނަމަވެސް ސަންޗޭޒް ހޯދުމަށް ކުރެވޭ މަސައްކަތުގައި އަލިމަގެއް ފެނިފައިނުވަނީ އާސެނަލުން އޭނާ ވިއްކަން އެއްބަސްނުވާތީ އެވެ.

ސަންޗޭޒް އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރު ހަމަވާނެ އެވެ. އަންނަ ސީޒަނުގައި އާސެނަަލަށް ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ނެތްއިރު، ސަންޗޭޒް ވަނީ ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ ދާދި ފަހުން ބުނީ ސަންޗޭޒް މި ސީޒަނުގައި ވެސް ފެންނާނީ އެ ޓީމުން ކަމަށެވެ. އެހެން ނަމަވެސް ސިޓީން އަދިވެސް ސަންޗޭޒް ހޯދުމުގެ މަސައްކަތުގައި ދުލެއް ދީފައިނުވެ އެވެ. އެ ޓީމުން އެންމެ ފަހުގެ ހުށަހެޅުމެއްގެ ގޮތުގައި މިހާރު ވަނީ ސަންޗޭޒާއި އަގުއޭރޯ ބަދަލު ކުރަން އެދިފަ އެވެ.

މިދިޔަ ސީޒަނުގައި ގާޑިއޯލާ ސިޓީއާ ހަވާލުވިފަހުން އަގުއޭރޯގެ ކުޅުން އެންމެ ރަނގަޅަށް ނުދެއްކެ އެވެ. އަގުއޭރޯ ނުވިއްކާލާނެ ކަމަށް ސިޓީން ޓްރާންސްފާ މާކެޓްގެ ކުރީކޮޅުގައި ބުނި ނަމަވެސް ސިޓީން މިހާތަނަށް ކޮށްފައިވާ ހޭދަ އަށް ބަލާއިރު އެ ޓީމަށް ވަނީ އިތުރު ކުޅުންތެރިއަކު ގަތުމުގެ ކުރިން ޓީމުގެ ބައެއް ކުޅުންތެރިން ވިއްކާލަން ޖެހިފަ އެވެ.

ސަންޗޭޒް ވިއްކާނެ ވަކި އަގެއް އާސެނަލުން އަދި ހާމަކޮށްފައިނުވާއިރު ބަދަލުގައި އަގުއޭރޯ ލިބޭނަމަ އާސެނަލުން ދެ ވަނަ ވިސްނުމަކަށް ދިއުމުގެ ފުރުސަތު ބޮޑުކަަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ފާއިތުވި އަހަރުތަކުގައި ވަކި ވަކި ކުޅުންތެރިންގެ ލަނޑުޖެހުމުގެ ރެކޯޑަށް ބަލާއިރު ސަންޗޭޒާއި އަގުއޭރޯ އަކީ އެންމެ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނެވެ.