Roadha Mihaaru
އެންމެ ގިނައިން ޓޫރިސްޓުން އައީ ޑިސެމްބަރު މަހު

މިދިޔަ މަހަކީ ތާރީހުގައި ވެސް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި މަސް: މިނިސްޓަރު

17 ޖެނުއަރީ 2018

މިދިޔަ ޑިސެމްބަރު މަހަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި މަސް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މިދިޔަ ޑިސެމްބަރު މަހަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި މަސް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެެއްޖެ އެވެ.

ކ. އެނބޫދޫފަޅުގައި "ކްރޮސް ރޯޑްސް"ގެ ނަމުގައި ތަރައްގީކުރާ އިންޓަގްރޭޓެޑް ރިސޯޓު ޕްރޮޖެކްޓްގައި ހިންގާ ބައެއް ރީޓެއިލް ވިޔަފާރިތަކާ ދިވެހި ވިޔަފާރިވެރިންނާ ގުޅުވައިދިނުމަށް ނެޝަނަލް އާޓްގެލަރީގައި މިއަދު ފެށި ފޯރަމް ހުޅުވައިދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ މިދިޔަ އަހަރު ރާއްޖެ އަށް 1.3 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި ކަމަށެވެ. އެއީ 2016 ވަނަ އަހަރާ އަޅާބަލާއިރު އަށް ޕަސެންޓްގެ ކުރިއެރުމެއްކަން ޒަމީރު ފާހަގަކުރެއްވި އެވެ.

"އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްލަން ބޭނުންވަނީ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރެކޯޑް މިންވަރަކަށް މިދިޔަ ޑިސެމްބަރު މަހު ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފައި. އަދި މިދިޔަ މަހަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި މަސް،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހަކީ ތާރީހުގައި ވެސް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި މަސް ކަމަށް ވިދާޅުވި ނަމަވެސް އެއީ ކިހާ އަދަދެއް ކަމެއް ޒަމީރު ވިދާޅެއްނުވެ އެވެ.

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމަށް އެހާ ބޮޑު ކާމިޔާބީއެއް ހޯދުނީ ސަރުކާރާއި އިންޑަސްޓްރީން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން ކުރި ބުރަ މަސައްކަތުން ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި ރާއްޖެއަކީ ދުނިޔޭގެ އެއްވަނަ ޓޫރިޒަމް މަންޒިލަށް ހަދާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"އެކަމަށްޓަކައި އަޅުގަނޑު ވަރަށް ފަޚުރުވެރިވަން،" މިނިސްޓަރު ވިދާޅުވި އެވެ.