Roadha Mihaaru
އަނިޔާގެ ހިތި ރަހަ، ވަޒީފާ ގެއްލުމުގެ ބިރާ އެކު

އަނިޔާގެ ހިތި ރަހަ އެބަލާ، މިތިބީ ވަޒީފާ ގެއްލުމުގެ ބިރާ އެކު

21 ޖެނުއަރީ 2018

"ބޮޑު މާޔޫސްކަމެއްގައި މިތިބީ. ވަޒީފާ އަށް ވެދާނެ ގޮތަކާ މެދު ވިސްނެނީ. މި ތަން ދޫކޮށްލަން ޖެހިދާނެ ކަމަށް ކުރިން ހިތް ނުބުންޏަސް، މިހާރު އެ އިހްސާސް އެބަކުރެވޭ،" ސަން އައިލެންޑްގެ ކޮފީ ޝޮޕްގައި މަސައްކަތް ކުރަމުން އަންނަ ދިވެހި ޒުވާނަކު އަސަރާއެކު ކިޔައިދިނެވެ.

މުހައްމަދު ޔާމީން ސަން އައިލެންޑް ރިސޯޓުން މުހައްމަދު ޔާމީން

"ބޮޑު މާޔޫސްކަމެއްގައި މިތިބީ. ވަޒީފާ އަށް ވެދާނެ ގޮތަކާ މެދު ވިސްނެނީ. މި ތަން ދޫކޮށްލަން ޖެހިދާނެ ކަމަށް ކުރިން ހިތް ނުބުންޏަސް، މިހާރު އެ އިހްސާސް އެބަކުރެވޭ،" ސަން އައިލެންޑްގެ ކޮފީ ޝޮޕްގައި މަސައްކަތް ކުރަމުން އަންނަ ދިވެހި ޒުވާނަކު އަސަރާއެކު ކިޔައިދިނެވެ.

ރޯޔަލް އައިލެންޑް ރިސޯޓަށް ގެންދާ ރަލާއި އޫރުމަސް އެހެން ރިސޯޓުތަކަށް ގެންގޮސް ބޭނުން ކުރަމުން އަންނަ ކަމަށް ބުނެ، އެ ތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ދާތީ ވިލާގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ ކޮންމެ މުވައްޒަފެއްގެ ކަންބޮޑުވުމަކީ ވެސް މިއީ އެވެ.

ވަޒީފާގައި ދެމިހުރެވިދާނެ ކަމުގެ އުންމީދު މުޅިންހެން ނެތި ހިނގައްޖެ އެވެ. ވަޒީފާ ގެއްލުމުން އިތުރު މަސައްކަތެއް ނުލިބި އާއިލާތައް ބިކަވެދާނެ ކަމުގެ ވިސްނުން އެ މީހުން ގެންގުޅެ އެވެ. ސަން އައިލެންޑްގައި އެކަނިވެސް، 1000 މުވައްޒަފުން ތިބިއިރު، އެ މީހުންގެ ކަންބޮޑުވުމާއި ރުޅިވެރިކަން އިންތިހާ އަށް އެބަ އޮތެވެ. މި އަށް ވުރެ ސުލްހަވެރިކަމާ އެކު، މިކަން ކުރިއަށް ގެންދެވޭނެ ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.

ހަނޫން އިއްޔެ "މިހާރު" އަށް އިންޓަވިއު ދެނީ. ވަޒީފާ ގެއްލުމުގެ ބިރު އޮތް ކަމަށް އޭނާ ބުނި. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ހަނޫން އިއްޔެ "މިހާރު" އަށް އިންޓަވިއު ދެނީ. ވަޒީފާ ގެއްލުމުގެ ބިރު އޮތް ކަމަށް އޭނާ ބުނި. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކަންބޮޑުވުން ހުއްޓަސް، ކަސްޓަމުން ވަނީ ފަން އައިލެންޑަށް އަރައި އެ ރިސޯޓުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ކޭސްތައް އެ މީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ސަބަބެއްގެ ގޮތުގައި ބުނީ ރޯޔަލް އައިލެންޑް ރިސޯޓަށް ގެންދާ ރަލާއި އޫރުމަސް ފަން އައިލެންޑަށް ގެންދާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ. އެކަމަކު، ވިލާގެ ވަކީލުން ބުނަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް މުދަލެއް ރިސޯޓުތަކަށް އެތެރެކޮށްފައި ނުވާނެ ކަމަށެވެ. ރާ ފުޅިތައް ބަލައި ސަން އައިލެންޑަށް ވެސް އަރާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފަ އެވެ.

ސަން އައިލެންޑްގައި މަސައްކަތް ކުރާ އެންމެ ހަގު މުވައްޒަފުންގެ ތެރޭގައި ހިމެނޭ ޅ. ހިންނަވަރު ހުސައިން ހަނޫން، 18، ބުނި ގޮތުގައި ރަލާއި އޫރުމަސް ރިސޯޓުން ބާލައިފި ނަމަ، ރިސޯޓުގެ ވިޔަފާރި އަށް ވަރަށް ބޮޑު އަސަރެއް ކުރާނެ އެވެ. އާންމު ގޮތެއްގައި ޓޫރިސްޓުން އެންމެ ބޮޑަށް ބޭނުންވާ އެކައްޗަކީ ރާ ކަމަށްވެފައި، އެ ނުލިބުމަކީ އެ މީހުން ޗުއްޓީ ހޭދަކުރަން ނާންނާނެ ސަބަބެއް ގޮތުގައި ހަނޫން ފާހަގަ ކުރި އެވެ.

"މިއީ ގާސިމަށް ކުރާ ބޮޑު އަނިޔާއެއް"

"ރަލަކީ އެ މީހުން އާންމުކޮށް ބުއިމަށް ބޭނުން ކުރާ ބާވަތް. މެއިން ބާ އިން އާންމުކޮށް ރާ ރޭގަނޑު ނަގާނީ. އެކަމަކު އެ ނުލިބޭ ކަމަށް ވާ ނަމަ، އެ މީހުންނެއް ނާންނާނެ. އެ މީހުން ޝައުގެއް ނުހުންނާނެ ރިސޯޓުގައި ޗުއްޓީ ހޭދަކުރާކަށް،" ސަން އައިލެންޑްގެ ބާގައި މަސައްކަތް ކުރާ ހަނޫން ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސަން އައިލެންޑްގައި މަސައްކަތް ކުރާތާ އެންމެ އަށް މަސް ވީ އިރު، މިހާ ބޮޑު ބިރަކާ ކުރިމައްޗެއް ނުވެ އެވެ. އެންމެ ބޮޑު ބިރަކީ، އޭނާ ބުނި ގޮތުގައި، ރިސޯޓު ހުއްޓުމަކަށް އަތުވެއްޖެ ނަމަ، ވަޒީފާ ގެއްލުމުގެ ބިރެވެ. އެ ނޫން އެއްވެސް ކަމަކާ ހަނޫނަށް މިހާރު ފިކުރެއް ނުކުރެވެ އެވެ.

ދެ ޓޫރިސްޓަކު ސަން އައިލެންޑްގައި ހުރި ގޮނޑިއެއްގައި އިށީނދެގެން. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދެ ޓޫރިސްޓަކު ސަން އައިލެންޑްގައި ހުރި ގޮނޑިއެއްގައި އިށީނދެގެން. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މިހާ ބޮޑު ބިރުވެރިކަމަކާ ދުވަހަކު ވެސް، މީގެ ކުރިން ކުރިމައްޗެއް ނުވޭ. ވަރަށް ބޮޑު މާޔޫސްކަމެއްގައި މިތިބީ. ކޮންމެ ދުވަހަކު ވިސްނެނީ ވަޒީފާ އަށް ވެދާނެ ގޮތަކާ މެދު،" ހަނޫން ބުންޏެވެ.

ސަން އައިލެންޑްގައި މަސައްކަތް ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ހަސަން އިބްރާހިމް 45، ބުނީ އެ ރިސޯޓުގައި ހުރި ރަލާއި އޫރު މަސް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި ގެންގޮސްފި ނަމަ، އެއީ މުވައްޒަފުންނާއި މެނޭޖްމަންޓަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް އޭނާ ވެސް ގަބޫލުކުރެ އެވެ.

ލައިފްގާޑެއްގެ ގޮތުގައި މަސައްކަތް ކުރާ ހަސަނެކޭ އެއްގޮތަށް އެހެން މުވައްޒަފުންގެ އެދުމަކީ ވެސް މިކަން ސުލްހަވެރިކަމާ އެކު ނިމިގެން ދިއުމެވެ. އެމީހުން ދެކޭ ގޮތުގައި ކަސްޓަމާއި ފުލުހުން ރިސޯޓުތަކަށް ނާރައި، މިއަށް ވުރެ ރީތި ގޮތެއްގައި މިކަން ނިންމާލެވިދާނެ އެވެ. އަދި ކުރިމަގުގައި ދެ ފަރާތުން ވެސް ސުލްހަވެރިކަމާ އެކު ގޮތެއް ނިންމާނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން ކަސްޓަމުން ރަށްތައް ބަލައި ފާސްކުރުމާ އެކު، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ޑިއުޓީގައި އެ ދުވަހު ތިބި މުވައްޒަފުންނާ ވާހަކަ ދައްކާލުމުން، ބުނީ ފުލުހުންނާއި ކަސްޓަމްސްގެ އޮފިޝަލުންނަށް ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށެވެ. މުވައްޒަފުން ބުނި ގޮތުގައި އެ މީހުންނާ މެދު އަމަލު ކުރީ މެހުމާނުންގެ ގޮތުގަ އެވެ.

މުވައްޒަފަކު ބުނީ ކަސްޓަމްސްގެ އޮފިޝަލުން ރިސޯޓަށް އަރައި، ރާ ގުދަނާއި ކޮފީ ޝޮޕާއި ބާގައި ހުރި ރާފުޅިތަކުގެ އަދަދު ބަލައި ނޯޓުކުރި ކަމަށެވެ. އެކަމަކު އެއްވެސް މުދަލެއް ސަން އައިލެންޑަކުން އަދި ނުގެންދެ އެވެ.

ސަން އައިލެންޑްގެ މުވައްޒަފަކު އިއްޔެ "މިހާރު" އަށް އިންޓަވިއު ދެނީ. ---ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ސަން އައިލެންޑްގެ މުވައްޒަފަކު އިއްޔެ "މިހާރު" އަށް އިންޓަވިއު ދެނީ. ---ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ރާއްޖޭގެ އެންމެ ބޮޑެތި ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ސަން އައިލެންޑްގެ މުވައްޒަފުން އަދިވެސް ތިބީ ބިރުވެރިކަމެއްގަ އެވެ. މިއީ ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމަށް ސަރުކާރުން ދެމުން އަންނަ އަނިޔާއެއްގެ ގޮތުގައި އެމީހުން ސިފަކުރެ އެވެ.

"މިސާލަކަށް އަޅުގަނޑުމެން މިތަނުން ކަނޑާލައިފި ނަމަ، އާއިލާ ކައިރި އަށް ދާން ޖެހޭނީ. ކުއްލިއަކަށް އެހެން ވަޒީފާއަކަށް ދިއުމަށް ދަތިވާނެ. ހޯދަން ވެސް ދަތިވާނެ،" ކޮފީ ޝޮޕްގެ މުވައްޒަފަކު ބުންޏެވެ.

"ގާސިމަށް ވެސް އެ ކުރަނީ އަނިޔާ. ސަރުކާރުން އެ ކުރާ އަނިޔާގެ ހިތި ރަހަ މިހާރު އެބަލާ."

"ވަޒީފާ ގެއްލުމުން ވަންނާނެ އިތުރު ތަނެއް ނެތް"

ސަން އައިލެންޑްގައި ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާއިރު، ވިލާގެ އެހެން ރިސޯޓުތައް ކަމަށްވާ ޕެރެޑައިސްގައި 800 މުވައްޒަފުން، ފަން އައިލެންޑްގައި 200 އެއްހާ މުވައްޒަފުންނާއި ހޮލިޑޭ ރޯޔަލްގައި 800 މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ސަން އައިލެންޑްގެ މެނޭޖަރު އަދި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގުރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ ރިސޯޓުތަކުގައި ހުރި އޫރުމަހާއި ރާތައް ގެންދާ ނަމަ، ވިލާގައި މަސައްކަތް ކުރާ 5000 މީހުންގެ އާއިލާތަކަށް ގެއްލުން ލިބޭނެ ކަމަށެވެ. ސަރުކާރުގެ މަސްއޫލިއްޔަތަކީ ރައްޔިތުންނަށް ތަނަވަސްކަމާއި ހައްގުތައް ހޯދައި ދިނުން ކަމަށްވާ އިރު، ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން ބިކަހާލުގައި ޖައްސައި ނިކަމެތި ކުރަން ކަމަށް ވެސް ގައިސަރު ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން ގާސިމާ މެދު ހިޔާލު ތަފާތުވުން އޮތަސް، މުވައްޒަފުންނަށް އުނދަގޫކޮށް، ދުއްތުރާ ކުރާކަށް ނުޖެހޭ. ވަޒީފާ ގެއްލިއްޖެ ނަމަ، ކޮން ތަނަކުންތޯ ވަޒީފާ ހޯދާނީ؟ ރާއްޖޭގައި ނެތް އެންމެނަށް ވަޒީފާ ދެވޭނެ ރިސޯޓުތަކެއް ނޫނީ އެހެނިހެން ވިޔަފާރިތަކެއް. ވަރަށް ބޮޑު މިސްޓޭކުތަކެއް މި ހަދަނީ،" ސަން އައިލެންޑްގައި ހުންނަވައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި ގައިސަރު ވިދާޅުވި އެވެ.

"މީގެ ސަބަބުން ފޫނުބެދޭ ވަރުގެ ގެއްލުންތަކެއް ލިބޭނެ. އިގްތިސާދަށާއި ޓޫރިޒަމަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ."

އޭނާ ވިދާޅުވި ގޮތުގައި މިދަނޑިވަޅުގައި މުވައްޒަފުން ވެސް ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. ރިސޯޓުގައި ތިބި ޓޫރިސްޓުންނަށް އެ މާޔޫސްކަމުގައި އެންމެ ފުރިހަމަ އަށް ހިދުމަތް ނުދެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިލާގެ ރިސޯޓުތައް ނޫނަސް، އެހެން ރިސޯޓުތަކަށް ވެސް މިހެންވުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ، އެ މީހުން ވެސް ގުޅައި ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ގައިސަރު ވިދާޅުވި އެވެ.

ގައިސަރު ވިދާޅުވި ގޮތުގައި ރާއްޖެ އަށް ގިނަ އިން އަންނަނީ ޔޫރަޕާއި އޭޝިއާގެ ޓޫރިސްޓުން ކަމަށް ވުމުން ރަލާއި އޫރު މަހާ ނުލައި ރސޯޓުތަކެއް ނުހިންގޭނެ އެވެ. "ހަލާލް ޓޫރިޒަމް" އަދި ކުރިއަރައިގެން ނުދާ ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ.

ކަސްޓްމުން ބުނި ގޮތުގައި ވިލާގެ ރިސޯޓްތަކުގައި މި ދުވަސްކޮޅު ހިންގާ އޮޕަރޭޝަނަކީ ވަކި ކުންފުންޏެއްގެ ރިސޯޓްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ނޫނެވެ. އަދި މިހާރުގެ އޮޕަރޭޝަންގައި ބަލައި ފާސްކުރަމުންދާ، ވިލާގެ ހަތަރު ރިސޯޓަކީ، އޫރު މަހާއި ރާ އެތެރެ ކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް 22 އިން ފެށިގެން ބާތިލްކޮށްފައި އޮތް ހަތަރު ރިސޯޓެވެ.

އެހެންކަމުން ކަސްޓަމްސްގެ އޮޕަރޭޝަން އަމާޒުކޮށްފައިވަނީ، ހުއްދަ ނެތް ތަނަކަށް އޫރުމަހާއި ބަނގުރާ ގެންގޮސް ވިއްކާ ކަން އެނގިފައިވާތީ އެކަން ބަލައި ތަހުގީގު ކުރުމަށް ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އަދި ވިލާގެ ރިސޯޓްތަކުން މީރާ އަށް ދައްކަން ޖެހޭ ފައިސާ، ގަވާއިދާ އެއްގޮތަށް ނުދައްކާތީ ކަސްޓަމުން އެ ރިސޯޓްތަކަށް ޚިދުމަތް ދިނުން ވެސް ހުއްޓާލާފައިވާ ކަމަށް ކަސްޓަމުން ބުނެ އެވެ.