Roadha Mihaaru
އިންޑިއާގެ ލާބަ އާއި މަންފާއަށް އެއްބާރުލުން ދޭނަން

އިންޑިއާގެ ލާބަ އާއި މަންފާއަށް އެއްބާރުލުން ދޭނަން: ރައީސް ޔާމީން

26 ޖެނުއަރީ 2018

ރާއްޖެ އާއި އިންޑިއާގެ ލާބަ އާއި މަންފާއަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ އާއި އިންޑިއާގެ ލާބަ އާއި މަންފާއަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ 69 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރައީސް ރާމް ނާތު ކޯވިންދަށާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައީސް ޔާމީން ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ވިދާޅުވީ ދެ ގައުމުގެ ޑިމޮކްރަސީއަށާއި ގައުމުގެ އެތެރޭގެ މަސައްކަތްތަކަށް އިހްތިރާމް ކުރައްވާނެ ކަމަށެވެ.

ދެ ގައުމު ގުޅިގެން އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސްގެ މެސެޖްގައި ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި ‏‏އިތުރަށް ބަދަހިވެގެންދާނެ‏‎ ‎‏ކަމަށް އުއްމީދު ކުރައްވާ ކަމުގައި ‏‏ވިދާޅުވި އެވެ. އަދި އިންޑިޔާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަގުބަލަކަށް ރައީސް އެދިވަޑައިގެންފައިވެ އެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާގެ މެސެޖެއް ފޮނުއްވިއިރު، ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވި ކަމަށް އެންމެ ފަހުން އަޑުފެތުރުނީ، ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ރާއްޖެ ސޮއިކުރުމާ ގުޅިގެންނެވެ.

އެ އެއްބަސްވުމާ އެކު، ޗައިނާގެ ބާރު އިންޑިއާ ކަނޑުގައި ގަދަވެ، ޗައިނާގެ ނުފޫޒު މި ސަރަހައްދަށް ބޮޑުވުމުގެ ބިރު އޮތް ކަމަށް އިންޑިއާގެ ބައެެއް މީޑިއާތަކުގައި ވެސް ބުނެފައިވެ އެވެ. ނަމަވެސް ދިވެހި ސަރުކާރުން ބުނަމުން އަންނަނީ އެފްޓީއޭގެ ސަބަބުން ރާއްޖެ-އިންޑިއާގެ ގުޅުމަށް ބުރުލެއް ނާރާނެ ކަމަށެވެ. އަދި އިންޑިއާއާ އެކު އެފަދަ އެއްބަސްވުމެއް ގާއިމުކުރަން މަސައްކަތް ކުރާ ކަމަށް ރައީސް ކުރިން ވަނީ ވިދާޅުވެފަ އެވެ.