Roadha Mihaaru
ބޭނުންވާ ހެކި އެންދެރިމާގެއިން ވެސް ނުފެނުުނު

ބޭނުންވާ ހެކި އެންދެރިމާގެއިން ވެސް ނުފެނުުނު

28 ޖެނުއަރީ 2018

މ. އެންދެރިމާގެ އިއްޔެ ބަލައި ފާސްކުރި އިރު ވެސް، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކުރާ މައްސަލައާ ގުޅުން ހުރި އެއްވެސް ހެއްކެއް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މ. އެންދެރިމާގެ އިއްޔެ ބަލައި ފާސްކުރި އިރު ވެސް، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކުރާ މައްސަލައާ ގުޅުން ހުރި އެއްވެސް ހެއްކެއް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ކުރީގެ ރައީސް އަދި ފާރިސްގެ ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގެ އަށް އިއްޔެ ފުލުހުން ވަދެ ފާސްކުރީ، ފާރިސް، މަޖިލީހުގެ މެމްބަރުތަކަކަށް ފައިސާ ބެހި ކަމަށާއި މަޖިލީހުގެ މެމްބަރުންތަކަކާ ގުޅިގެން ވެރިކަން ވައްޓާލަން ގާނޫނާ ހިލާފަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރާ މައްސަލައިގެ ހެކި ހޯދުމަށް، އޭނާއާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުންނެވެ.

ފާރިސްއާ ގުޅުން ހުރި ތަންތަނުގެ ގޮތުގައި އެންދެރިމާގެ ފާސްކުރި ކަމުގައި ވިއަސް އޭނާގެ ކޮޓަރިއެއް އަދި އޮފީހެއް ވެސް އެ ތަނުގައި ނުހުންނާނެ ކަމަށް، މައުމޫން ވަނީ ވިދާޅުވެފަ އެވެ. ފާރިސް ދިރިއުޅުއްވަމުން އަންނަނީ އޭނާގެ އަނބިކަނބަލުންގެ ގެ، މ. ސްނޯ ރޯޒް ގަ އެވެ.

ސްނޯ ރޯޒް ބަލައި ފާސް ކުރުމަށް ފަހު އިއްޔެ ފުލުހުން ވަނީ ފާރިސް ހައްޔަރުކޮށްފަ އެވެ. އަދި ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ރޭ ވަނީ 15 ދުވަސް އިތުރު ކޮށްދީފަ އެވެ.

އެންދެރިމާގޭގައި ދިރިއުޅުއްވަނީ މައުމޫނާއި އެ މަނިފާނުގެ އާއިލާގެ ބައެއް މެމްބަރުންނެވެ. އެ ގެކޮޅު ބަލައި ފާސްކުރުމަށް ފަހު ފުލުހުން ދިން ފޯމުގައި ބުނެފައިވަނީ އެ މައްސަލައާ ގުޅުން ހުރި އެއްވެސް އެއްޗެއް އެ ގެކޮޅުން ނުފެންނަ ކަމަށެވެ.

ފުލުހުން އެންދެރިމާގޭ ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ މިއަދު ބަލަަހައްޓަނީ.

ފުލުހުން އެންދެރިމާގޭ ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ މިއަދު ބަލަަހައްޓަނީ.

އެތަން ފާސްކުރަން ފެށީ އިއްޔެ މެންދުރު 3:00 ގަ އެވެ. ފުލުހުން އެންމެ ފުރަތަމަ ފާސްކުރީ މައުމޫންގެ ދެކަނބަލުން ދިރިއުޅުއްވާ އެ ގެކޮޅުގެ ފުރަތަމަ ބުރި އެވެ. އެ ތަނުގެ ސިޓިން ރޫމު ބަލައި ފާސްކުރުމަށް ފަހު ފުލުހުން ދިޔުމަށް ފަހު، ދެ ވަނަ ފަހަރަށް އެ ގެކޮޅަށް ވަންނަން ފުލުހުން މަސައްކަތް ކުރުމުން މައުމޫން ވަނީ އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ދެ ފަހަރަށް ވަންނަން ފުލުހުން މަސައްކަތް ކުރި. ބާރުގެ ބޭނުންކޮށްގެން ވަންނާނެ ކަމުގެ އިންޒާރު ވެސް ދިން. ފަހުން ބުނި ބަލައި ފާސްކޮށް ނިމުނީއޭ އެކަމަކު އެންދެރިމާގޭގެ ސެކިއުރިޓީ ބަލަހައްޓާނަމޭ،" މައުމޫނުގެ އާއިލާއާ ގާތް ބޭފުޅަކު ވިދާޅުވި އެވެ.

ރެ އިން ފެށިގެން ފުލުހުން ދަނީ އެންދެރިމާގެ ހުންނަ ސަރަހައްދުގެ ފޯރި މަރަމުންނެވެ.