Roadha Mihaaru
އެންދެރިމާގެ ދޮށުގައި ފުލުހުން އަދިވެސް ފޯރިމަރަނީ!

އެންދެރިމާގެ ދޮށުގައި ފުލުހުން އަދިވެސް ފޯރިމަރަނީ!

29 ޖެނުއަރީ 2018

އިދިކޮޅު ހަރަކާތްތަކުގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި ރާއްޖޭގައި މި ވަގުތު ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅު، މ. އެންދެރިމާގެ ކައިރީގައި ފުލުހުން އަދިވެސް ފޯރިމަރަމުން އެބަ ގެންދެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު ހަރަކާތްތަކުގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި ރާއްޖޭގައި މި ވަގުތު ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅު، މ. އެންދެރިމާގެ ކައިރީގައި ފުލުހުން އަދިވެސް ފޯރިމަރަމުން އެބަ ގެންދެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ފުލުހުން އެންދެރިމާގެ އަށް ވަދެ، އެގެ ފާސް ކުރީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މަޖިލީހުގެ މެމްބަރުންތަކަކަށް ފައިސާ ބެހި ކަމަށާއި މަޖިލީހުގެ މެމްބަރުންތަކަކާ ގުޅިގެން ވެރިކަން ވައްޓާލަން ގާނޫނާ ހިލާފަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރާ މައްސަލައިގެ ހެކި ހޯދުމަށެވެ. އެ މައްސަލައިގައި ފުލުހުން ވަނީ އެ ދުވަހު ފާރިސް ހައްޔަރު ވެސް ކޮށްފަ އެވެ.

ފުލުހުން އެންދެރިމާގެ ކައިރީގައި ފޯރިމަރާތާ 48 ގަޑިއިރު ވާން ކައިރިވެފައިވާ އިރު، އެސްއޯ ފުލުހުންގެ ދެ މީހަކު އެންދެރިމާގެ ދޮރު ކައިރީގައި މިއަދު ވެސް ފޯރި އަށް އެބަތިއްބެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ފާރިސް ދިރިއުޅުއްވާ ސްނޯ ރޯޒް އާއި އޭނާގެ ބައްޕާފުޅު ދިރިއުޅުއްވާ އެންދެރިމާގެ ބަލައި ފާސް ކުރުމަށް މިިދޔަ ހޮނިހިރު ދުވަހު ފުލުހުން އެ ދެ ގެއަށް ވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުންނެވެ. ނަމަވެސް ފާރިސްގެ މައްޗަށް ފުލުހުން ތުހުމަތުކުރާ މައްސަލައާ ގުޅުން ހުރި އެއްވެސް ހެއްކެއް އެ އިން އެއްވެސް ގެއަކުން ނުފެންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފާރިސްއާ ގުޅުން ހުރި ތަންތަނުގެ ގޮތުގައި އެންދެރިމާގެ ފާސްކުރި ކަމުގައި ވިއަސް އޭނާގެ ކޮޓަރިއެއް އަދި އޮފީހެއް ވެސް އެ ތަނުގައި ނުހުންނާނެ ކަމަށް، މައުމޫން ވަނީ ވިދާޅުވެފަ އެވެ.

ސްނޯ ރޯޒް ބަލައި ފާސް ކުރުމަށް ފަހު ފުލުހުން ފާރިސް ހައްޔަރުކުރުމުން ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް އިތުރު ކޮށްދީފަ އެވެ.