Roadha Mihaaru
ގާނޫނުން ބޭރުން އަމަލުކުރާކަށް ނުބުނަން: މައުމޫން

ގާނޫނުން ބޭރުން އަމަލުކުރާކަށް ބުނެފައެއް ނުވާނެ: މައުމޫން

29 ޖެނުއަރީ 2018

ގާނޫނުތަކަށް ބެލުމެއް ނެތި، ބައެއް މީހުން ރައްދު ދޭ ކަމަށާއި ގާނޫނުން ބޭރުން އަމަލުކުރަން އެމަނިކުފާނު އެދިވަޑައިގެންފައި ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގާނޫނުތަކަށް ބެލުމެއް ނެތި، ބައެއް މީހުން ރައްދު ދޭ ކަމަށާއި ގާނޫނުން ބޭރުން އަމަލުކުރަން އެމަނިކުފާނު އެދިވަޑައިގެންފައި ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އިއްޔެ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވައި މައުމޫން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް ބޭފުޅުން ކަމުގެ ހަގީގަތަށް ބެއްލެވުމެއް ނެތި އެމަނިކުފާނަށް ރައްދު ދެއްވަމުން ގެންދަވާ ކަމަށެވެ. އެކަމަކު، އެ ޓްވީޓުގައި ޝައިނީގެ ނަމެއް މައުމޫން ފާހަގައެއް ނުކުރައްވަ އެވެ.

މައުމޫން މިދިޔަ ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓެއްގައި، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނާ ހަވާލާ ދެއްވައި ވިދާޅުވީ، ރައީސްކަން ކުރައްވާފައިވާ ބޭފުޅަކާއި އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށް ހިމާޔަތާއި ރައްކާތެރިކަން ސިފައިން ހަމަޖައްސައިދޭން ވާނެ ކަމަށެވެ.

މައުމޫން ރޭ ކުރެއްވި ޓުވީޓު.

މައުމޫންގެ އެ ޓުވީޓާ ގުޅިގެން، ގާނޫނަށް ވުރެ މަތީގައި ކުރީގެ ރައީސް މައުމޫނަށް ނުހުންނެވޭނެ ކަން ގަބޫލުފުޅު ކުރައްވަން ވެއްޖެ ކަމަށް ވިދާޅުވެ ޝައިނީ ކުރެއްވި ޓުވީޓުގައި ހަވާލާ ދެއްވާފައި ވަނީ، އެކަމާ ގުޅޭ ގާނޫނަށް ނޫން ކަން ވެސް މައުމޫން ރޭ ކުރެއްވި ޓުވީޓުގައި ފާހަގަކުރެއްވި އެވެ.

މައުމޫނަށް ރައްދު ދެއްވައި، ޝައިނީ ކުރެއްވި ޓްވީޓެއްގައި ހަވާލާ ދެއްވާފައި ވަނީ ގާނޫނު ނަމްބަރު 2/2009 އަށެވެ. ނަމަވެސް މައުމޫން ވިދާޅުވީ، އެއީ ރައީސްކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރި ކަމާއި އިނާޔަތްތައް ދިނުމާ ބެހޭ ގާނޫނު ނޫން ކަމަށެވެ.

"ގާނޫނުން ބޭރުން އަމަލުކުރާކަށް އަޅުގަނޑެއް ނުބުނަން. ހުދާއި ކަޅުގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާނެ ވެރިކަން ބަދަލު ކުރެވޭނެ ގޮތްތައް. ހަގީގަތް ބައްލަވާ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން އެ ރައްދު ދެއްވީ ގާނޫނަށް ވުރެ މަތީގައި މައުމޫނަށް ވެސް ނުހުންނެވޭނެ ކަމަށް ވިދާޅުވެ، ޝައިނީ ދެއްކެވި ވާހަކަތަކަށެވެ. އަދި ފަލީހަތްވުމުގެ ކުރިން ހަގީގަތް ބަލާފައި ވާހަކަ ދެއްކުމަކީ ބުއްދިވެރި ކަމެއްކަން ދޭހަވާ ގޮތަށް މައުމޫން ޓުވީޓު ކުރެއްވި އެވެ.

ޝައިނީ ވިދާޅުވީ ކުރީގެ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ވިޔަސް، ގާނޫނުތަކަށާއި ކޯޓުތަކުން ނެރޭ އަމުރުތަކަށް ފިއްލަވައިގެން ނޫޅުއްވޭނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން ބޭނުންފުޅުވާކަން ދޭހަވާ ގޮތަށް، މައުމޫން ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައި ޝައިނީ ވިދާޅުވީ ވެރިކަން ވައްޓާލަން ގޮވާލައްވާ ބޭފުޅުން ވެސް ގާނޫނަށް ވުރެ މަތީގައި ނުހުންނެވޭނެ ކަމަށެވެ.

އެންދެރިމާގެ ފާސްކުރަން ކޯޓުން ނެރުނު ކޯޓު އަމުރަށް މައުމޫން އެއްބާރުލުން ނުދެއްވި ކަމަށް ދޭހަވާ ގޮތަށް ވެސް ޝައިނީ ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ ކޯޓު އަމުރުގައި ވަކި ގެއެއް ފާސްކުރަން ބުނެފައި އޮތް ނަމަ، އެގޭގެ ވެރިފަރާތުން ފުލުހުންނަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ.

މައުމޫން ދިރިއުޅުއްވާ އެންދެރިމާގެ އަށް ފުލުހުން ވަދެ ފާސްކުރީ އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަލުން ހައްޔަރުކުރުމަށް ފަހު އެވެ.

ހަ މަސް ދުވަހު ޖަލުގައި ހުންނެވި ފަހުން ދޫކޮށްލިތާ ދެ ދުވަސް ފަހުން އަލުން އޭނާ ހައްޔަރުކުރީ މަޖިލީހުގެ މެމްބަރުތަކަކަށް ފައިސާ ބެހި ކަމަށާއި މަޖިލީހުގެ މެމްބަރުންތަކަކާ ގުޅިގެން ވެރިކަން ވައްޓާލަން ގާނޫނާ ހިލާފަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ.

މައުމޫން ވިދާޅުވެފައި ވަނީ ފާރިސްއާ ގުޅުން ހުރި ތަނެއް އެންދެރިމާގޭގައި ނުހުންނާނެ ކަމަށެވެ. އަދި ފުލުހުން އެންދެރިމާގެއަށް "ވަދެގަތީ" ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.