Roadha Mihaaru
ގާނޫނަށް ވުރެ މަތީގައި މައުމޫނަކަށް ނުހުރެވޭނެ: ޝައިނީ

ގާނޫނަށް ވުރެ މަތީގައި މައުމޫނަށް ނުހުރެވޭނެކަން ގަބޫލުކުރަން ވެއްޖެ: ޝައިނީ

28 ޖެނުއަރީ 2018

ގާނޫނަށް ވުރެ މަތީގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނުހުންނެވޭނެ ކަން އެމަނިކުފާނު ގަބޫލުފުޅު ކުރައްވަންވެއްޖެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގާނޫނަށް ވުރެ މަތީގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނުހުންނެވޭނެ ކަން އެމަނިކުފާނު ގަބޫލުފުޅު ކުރައްވަންވެއްޖެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

މ. އެންދެރިމާގެ އަށް ފުލުހުން ވަދެ، ބަލައި ފާސްކޮށްފައިވާތީ އެކަމާ ނުރުހުން ފާޅުކުރައްވައި، މައުމޫން ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުން ޝައިނީ ވިދާޅުވީ ކުރީގެ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ވިޔަސް، ގާނޫނުތަކަށާއި ކޯޓުތަކުން ނެރޭ އަމުރުތަކަށް ފިއްލަވައިގެން ނޫޅުއްވޭނެ ކަމަށެވެ.

މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކާއި އަނބިކަލުން ނުވަތަ ފިރިކަލުންނަށް ހިމާޔަތާއި ރައްކާތެރިކަން އެމްއެންޑީއެފުން ހަމަޖައްސައިދޭން ވާނެ ކަމަށެވެ.

ފުލުހުން ބޭނުންހާ ވަގުތަކު، އެމަނިކުފާނުގެ ގެކޮޅަށް ވަދެ އާއިލާގެ ސަލާމަތަށް ނުރައްކާވިޔަ ދެނީ ކީއްވެތޯ މައުމޫން ސުވާލުކުރެއްވި އެވެ.

ޝައިނީގެ ޓްވީޓާ ގުޅިގެން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ "މިހާރު" އަށް ވިދާޅުވީ އެއްވެސް ބޭފުޅަކަށް ގާނޫނަށް ވުރެ މަތީގައި ނުހުރެވޭނެ ކަން ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރަން ވެއްޖެ ކަމަށެވެ. އަދި މައުމޫނަށް ހިމާޔަތާއި ރައްކާތެރިކަން ދެނީ އެމަނިކުފާނަކީ ދައުލަތަށް އެތައް ހިދުމަތްތަކެއް ކުރައްވާފައި ހުންނެވި ބޭފުޅަކަށް ވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

މައުމޫން ކުރެއްވި ޓުވީޓަށް ޝައިނީ ދެއްވި ރައްދު.

"ބަޣާވާތެއް ގެނައުމަށް ގާނޫނުން މަނިކުފާނަށް (މައުމޫނަށް) ފުރުސަތު ލިބޭތޯ؟ އެއްވެސް މީހަކަށް ގާނޫނަށް ވުރެ މަތީގައި ނުހުންނެވޭނެ. އެކަން ދަންނަން އެބަ ޖެހޭ،" ޝައިނީ ވިދާޅުވި އެވެ.

އޭނާ ވަނީ އިދިކޮޅު ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން ބޭނުންފުޅުވާކަން ދޭހަވާ ގޮތަށް، މައުމޫން ދެއްކެވި ވާހަކަފުޅަށް ވެސް ރައްދު ދެއްވައިފަ އެވެ. ޝައިނީ ވިދާޅުވީ ވެރިކަން ވައްޓާލަން ގޮވާލައްވާ ބޭފުޅުން ވެސް ގާނޫނަށް ވުރެ މަތީގައި ނުހުންނެވޭނެ ކަމަށެވެ.

މައުމޫން ދިރިއުޅުއްވާ އެންދެރިމާގެ އަށް ފުލުހުން ވަދެ ރޭ ފާސްކުރީ އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަލުން ހައްޔަރުކުރުމަށް ފަހު އެވެ. ފުލުހުން ވަނީ ފާރިސް ދިރިއުޅުއްވާ މ. ސްނޯ ރޯޒަށް ވެސް ވަދެ ފާސްކޮށްފަ އެވެ.

ހަ މަސް ދުވަހު ޖަލުގައި ހުންނެވި ފަހުން ދޫކޮށްލިތާ ދެ ދުވަސް ފަހުން އަލުން އޭނާ ހައްޔަރުކުރީ މަޖިލީހުގެ މެމްބަރުތަކަކަށް ފައިސާ ބެހި ކަމަށާއި މަޖިލީހުގެ މެމްބަރުންތަކަކާ ގުޅިގެން ވެރިކަން ވައްޓާލަން ގާނޫނާ ހިލާފަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ.

މައުމޫން ވިދާޅުވެފައި ވަނީ ފާރިސްއާ ގުޅުން ހުރި ތަނެއް އެންދެރިމާގޭގައި ނުހުންނާނެ ކަމަށެވެ. އަދި ފުލުހުން އެންދެރިމާގެއަށް "ވަދެގަތީ" ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރަށް މައުމޫން އެއްބާރުލުން ނުދެއްވި ކަމަށް ދޭހަވާ ގޮތަށް ވެސް ޝައިނީ ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ ކޯޓު އަމުރުގައި ވަކި ގެއެއް ފާސްކުރަން ބުނެފައި އޮތް ނަމަ، އެގޭގެ ވެރިފަރާތުން ފުލުހުންނަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ.

ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކުރާ މައްސަލައާ ގުޅުން ހުރި އެއްވެސް ހެއްކެއް އެންދެރިމާގެއިން ނުފެންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ރެ އިން ފެށިގެން ފުލުހުން ގެންދަނީ އެންދެރިމާގެ ހުންނަ ސަރަހައްދުގެ ފޯރިމަރަމުންނެވެ.