Roadha Mihaaru
ފަނޑިޔާރުންނާ މެދު އުންމީދު ކަނޑައެއް ނުލަން: ޝާހު

ފަނޑިޔާރުންނާ މެދު އުންމީދު ކަނޑައެއް ނުލަން، އިތުބާރު އެބައޮތް: ޝާހު

28 ޖެނުއަރީ 2018

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނާ މެދު އުންމީދު ކަނޑާނުލައްވާ ކަމަށާއި އެބޭފުޅުންނަށް އިތުބާރު ކުރައްވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނާ މެދު އުންމީދު ކަނޑާނުލައްވާ ކަމަށާއި އެބޭފުޅުންނަށް އިތުބާރު ކުރައްވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން އެދިގެން، މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އީސީން ބުނިތާ އެތައް ދުވަހެއްވީއިރު ވެސް ސުޕްރީމް ކޯޓަށް މެމްބަރުން ހުށަހެޅުއްވި މައްސަލައިގައި ގޮތެއް ނުނިމި ލަސްވާތީ، ގިނަ އަދަދެއްގެ މެމްބަރުން ކޮންމެ ދުވަހަކުހެން އެ ކޯޓަށް ވަޑައިގަންނަވަ އެވެ. އެގޮތުން މިއަދު ވެސް ފަނޑިޔާރުންނާ ބައްދަލުކުރެއްވޭތޯ މެމްބަރުން ކޯޓުގައި ދެ ގަޑިއިރު ތިއްބެވި އެވެ.

ސުޕްރީމް ކޯޓަށް މިއަދު ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، ވިދާޅުވީ ޕީޕީއެމްގެ ކުރީގެ މެމްބަރު ޝާހު ވިދާޅުވީ، އަދުލު އިންސާފުގެ ދާއިރާ ހަރުދަނާވެ، ރައްޔިތުން ގަބޫލުކުރާ ފެންވަރަކަށް އެ ދާއިރާ ބަދަލުވެ، ރައްޔިތުން ބޭނުންވާ ކުލަ ޖެހޭނެ ކަމަށް ކުރައްވާ އުންމީދު ކަނޑާނުލައްވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބޭފުޅުންގެ [ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ] ފައިންޕުޅު ފެނި، ވާހަކަ ދެއްކެވޭނެ ކަމަށް އުންމީދު ކުރަނީ،" ޝާހު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އިދިކޮޅު ގިނަ މެމްބަރުން ތިއްބެވީ ރައްޔިތުންގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ހާލަތުގަ އެވެ. އެކަމަކު، ސުޕްރީމް ކޯޓަކުން، މެމްބަރުންނަށް ނުވަދެވޭ ކަހަލަ ހުކުމެއް ނުވަތަ އަމުރެއް ނެރެފައި ނުވާ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، މެމްބަރުން ކޯޓަށް ވަޑައިގަންނަވާތާ 11 ދުވަސްވީއިރު، އެ ބޭފުޅުންނަށް އެއްވެސް ޖަވާބެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އެކަމަކު ފަނޑިޔާރުން ކިތަންމެ ބުރަ ނަމަވެސް، ކޮންމެވެސް ވަގުތެއް ދެއްވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އުސޫލެއްގެ ގޮތުން ސިޓީއެއް ލައިފި ނަމަ، ތިން ދުވަސް ތެރޭގައި ޖަވާބު ދޭން ޖެހޭނެ. އަޅުގަނޑުމެންނަށް އެންގީ މިއަދަށް އެޕޮއިންޓްމަންޓު ހަމަޖެހެން ނެތް ކަމަށް،" އަލީ ޒާހިރު ވިދާޅުވި އެވެ.

އީސީން ކަނޑައަޅާފައި ވަނީ، ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީގެ ގޮނޑި ގެއްލުނު ކަމެވެ.

މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް ބައެއް މެމްބަރުން ވަކިކޮށްފައިވާތީ، މި މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށް، އިންތިޚާބުތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެކަމަކު އަދިވެސް އިންތިހާބު ބާއްވާނެ ތާރީހު އިއުލާންކޮށްފައި ނުވާތީ ވެސް އެ ކޮމިޝަނަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.