Roadha Mihaaru
ބާކީ ތިބި ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލަ ފަށަނީ

މުސްތަފާ، ޝަހުދީ އަދި ޝަހާއި މުހައްމާގެ ގޮނޑީގެ މައްސަލަ ފަށަނީ

23 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ ގޮނޑީގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށަން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހް އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ ގޮނޑީގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށަން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައިވާ ގޮތުން މުސްތަފާ އާއި އަލީ ޝާހްގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި މައްސަލަ އޮތީ މާދަމާ އެވެ. މުހައްމާ އާއި ޝަހުދީގެ މައްސަލަ އޮތީ އަންނަ ބުރާސްފަތި ދުވަހު އެވެ. މި ހުރިހާ މެމްބަރުންގެ ޝަރީއަތްތައް ވެސް ކޯޓުގައި ކުރިއަށް ދާނީ ވަކިވަކިންނެވެ.

ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލް ކުރިއިރު، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މައްސަލައިގެ ބޭއްވި އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ކަނޑައަޅާފައި ތިބި އިދިކޮޅު މެމްބަރުންގެ ތެރެއިން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ނިންމާލައިފަ އެވެ.

އެހެންވެ، ސުޕްރީމް ކޯޓުގައި އަޑުއަހެން ނުފަށަނީ މުސްތަފާ އާއި ޝާހާއި މުހައްމާގެ އިތުރުން ޝަހުދީގެ އެވެ.

ޕީޕީއެމް ދޫކުރައްވައި އިދިކޮޅާ ގުޅިވަޑައިގެންނެވި މަޖިލިހުގެ 12 މެމްބަރުންގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން ބާކީ ތިއްބެވި މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ.

އެ މައްސަލަތައް ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް، 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި އެވެ. އެކަމަކު، ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެ، ކޮމިޝަންގެ އެ ނިންމުން ބާތިލްކޮށް، އެކަމުގައި ގޮތެއް ނިންމޭނީ އެ ކޯޓަށް އެކަނި ކަމަށް ކަނޑައަޅައިފަ އެވެ.

އޭގެ ފަހުން، އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް މެމްބަރުން ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތުގައި އެ ކޮމިޝަންގެ ވަކީލުން ވިދާޅުވީ ކޮމިޝަނުން މެމްބަރުންނާ ގުޅޭ ގޮތުން ނިންމި ނިންމުން ސުޕްރީމް ކޯޓުގެ އަމުރުން ބާތިލް ކުރުމާ ގުޅިގެން، ކޮމިޝަނުން ދެކޭ ގޮތް ބަދަލުވެފައިވާ ކަމަށެވެ.

އެހެންވެ، ބާކީ ތިއްބެވި އަށް މެމްބަރުންގެ ގޮނޑި ވެސް ގެއްލުނު ކަމަށް ކުރިން ކޮމިޝަނުން ނިންމި ނިންމުމާ އެއްގޮތަށް އަމަލު ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ވަކީލުން ވިދާޅުވި އެވެ. އެގޮތަށް އީސީން ނިންމީ ސުޕްރީމް ކޯޓުން މިދިޔަ އަހަރު ނެރުނު ހުކުމާ ގުޅުވައިގެންނެވެ.

މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުން ސޮއިކޮށް، މައްސަލަ ހުށަހެޅުމާ ގުޅިގެން، ދައުލަތުގެ ބަންޑާރަ ނާއިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން، ޖުލައި 13، 2017 ގައި އެ ކޯޓުން ނިންމީ، އެ ތާރީޚުގެ ފަހުން، މަޖިލީހުގެ އެއްވެސް މެމްބަރަކު އޭނާ އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރި ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން ސޮއި އަނބުރާ ނުގެންދިޔަ 12 މެމްބަރުން މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ ސުޕްރީމް ކޯޓުގެ އެ ހުކުމަށް ބިނާކޮށެވެ. އެކަމަކު، މެމްބަރުން ތަކުރާރުކޮށް ވިދާޅުވީ، ހުކުމުގެ ކުރިން ހުރިހާ މެމްބަރުން ވެސް ޕާޓީން ވަކިވެފައިވާތީ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އީސީ އަށް ކަނޑަނޭޅޭނެ ކަމަށެވެ.