Roadha Mihaaru
12 މެމްބަރުންނާ ބެހޭ އީސީގެ ނިންމުން ބާތިލު ކޮށްފި

12 މެމްބަރުން ވަކިނުވާ ކަމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލު ކޮށްފި

03 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއް އެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ނިންމި ނިންމުން މިއަދު ބަދަލުކޮށް އެ މެމްބަރުން މަޖިލީހުން ވަކިނުވާ ކަމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން މި ރޭ ބާތިލު ކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއް އެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ނިންމި ނިންމުން މިއަދު ބަދަލުކޮށް އެ މެމްބަރުން މަޖިލީހުން ވަކިނުވާ ކަމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން މި ރޭ ބާތިލު ކޮށްފި އެވެ.

އެ 12 މެމްބަރުން މަޖިލީހުން ވަކިނުވާ ކަމަށް ކަނޑައަޅައިދިނުމަށް އެ މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި ހިނގަމުން ދަނިކޮށް އީސީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އެ މެމްބަރުންގެ މަޖިލީހުން ވަކިވެއްޖެ ކަމަށް ނިންމި ނިންމުމާއި އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން ކޮމިޝަނުން ކުރިން ނިންމި ނިންމުން ވެސް ބާތިލްކުރި ކަމަށެވެ.

އެ ނިންމުން ބާތިލްކޮށް ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރެއްގައި ބުނެފައިވަނީ އެ މައްސަލައާ މެދު ދުސްތޫރީ ނަޒަރަކުން ބަލައި ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށެވެ. އެގޮތަށް އެކަން އޮއްވައި އަދި އެ މައްސަލަ އެ ކޯޓުގައި ހިނގަމުން ދަނިކޮށް އީސީ އަށް ވެސް އަދި ދައުލަތުގެ އެހެން އިދާރާއަކަށް ވެސް ވަކި ގޮތެއް ނިންމުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ބާރެއް ނޫން ކަމަށެވެ.

އެ ކޯޓުން އެ މައްސަލަ ބަލަމުން ދަނިކޮށް އެހެން މުއައްސަސާއަކުން އެކަމާ ގުޅޭ ގޮތުން ވަކިގޮތެއް ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބެލެވޭ ކަމަށް ވެސް އަމުރުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނިމެންދެން މަޖިލީހުގެ މަސައްކަތެއްގައި އެ 12 މެމްބަރުންނަށް ބައިވެރިނުވެވޭނެ ކަމަށް ވެސް އަމުރުގައި ބުނެފައިވެ އެވެ.

"... ބަޔާން ކުރެވުނު 12 ފަރާތް [12 މެމްބަރުން] ހިމަނައިގެން ރައްޔިތުންގެ މަޖިލީހުގައި ބާއްވާ ޖަލްސާއެއްގައި ނުވަތަ ކޮމެޓީއެއްގައި ނިންމާ ކޮންމެ ނިންމުމެއް ވާނީ އޭގެ ޒާތުގައި ވެސް ބާތިލު އަދި ޣައިރު ދުސްތޫރީ ނިންމުމަކަށް ކަމަށް ކަނޑައަޅައި މިކަން ރައްޔިތުންގެ މަޖިލީހަށާއި އިލެކްޝަން ކޮމިޝަނަށާއި ދައުލަތުގެ އެންމެހާ އިދާރާތަކަށާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އަންގައި އަމުރުކޮށްފީމެވެ،" އަމުރުގައި ބުނެފައިވެ އެވެ.

އިދިކޮޅާ ގުޅިވަޑައިގެންނެވި 12 މެމްބަރުން މަޖިލީހުން ވަކިވެއްޖެ ކަމަށް އީސީން ކުރިން ނިންމުމުން އެ ބޭފުޅުން މަޖިލީހަށް ވަނަކަ ނުދެ އެވެ. އަދި އެ މައްސަލައިގައި ގޮތެއް ނިންމައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ސުޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހާއި އިއްޔެ ވަނީ އޭގެ ތެރެއިން ހަތަރު މެމްބަރެއްގެ މައްސަލައިގެ އަޑުތައް ބާއްވައި ނިންމައިފަ އެވެ. ދެން އޮތީ ހުކުމް އިއްވުމެވެ. ގާނޫނުއަސާސީގައި ކަނޑައަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ އެކަމާ މެދު ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

މަޖިލީހުން ވަކިވެފައިވާ ކަމަށް އީސީން ކުރިން ކަނޑައެޅި މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ. ދާދި ފަހުން ޕީޕީއެމުން ވަކިކުރުމުން، ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދުގެ ގޮނޑި ވަނީ، އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން ހުސްވެފަ އެވެ.