Roadha Mihaaru
12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އީސީން ނިންމައިފި

12 މެމްބަަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އީސީން ނިންމައިފި

03 އޮކްޓޯބަރ 2018

ގޮނޑި ގެއްލިފައިވާ ކަމަށް ކުރިން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހަމަޖައްސައި، ބައި އިލެކްޝަން ނުބާއްވާ ގޮތަށް އީސީން ނިންމައިފި އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ކުރިން އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހަމަޖައްސައި، ބައި އިލެކްޝަން ނުބާއްވާ ގޮތަށް އީސީން ނިންމައިފި އެވެ.

"މިހާރު" އަށް ކަށަވަރުވެފައިވާ ގޮތުގައި މިއަދު އޮތް އީސީގެ މެމްބަރުންގެ ބައްދަލުވުމެއްގައި އެގޮތަށް ނިންމީ، މިދިއަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި، މެމްބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތައް ކަމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއަށް ނުފެތޭތީ ކަމަށް އެވެ.

ސަރުކާރުގެ ފަޅީގައި ކުރިން ތިއްބެވި 12 މެމްބަރަކު، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރައްވާ، އިދިކޮޅާ ގުޅިވަޑައިގަތުމުން ސުޕްރީމް ކޯޓުން ވަނީ، އިންތިހާބުވި ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވުން، ޕާޓީން ވަކިވުން، އަދި އެހެން ޕާޓީއަކަށް ހިނގައްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފަ އެވެ.

އޭގެ އިތުރުން ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެ އަމުރު ހިނގާނީ އެ ދުވަހުން ފެށިގެން ކަމަށެވެ. ނަމަވެސް ޕީޕީއެމުން، އެ 12 މެމްބަރުން ވަކިކުރީ، އޭގެ ކުރިން ޕާޓިން ކެނޑިވަޑައިގެންނެވި މެމްބަރުން ވެސް ހިމަނައިގެންނެވެ.

އީސީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމި ނިންމުމާއި އޭގެ ތެރެއިން ހަ ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަން ކޮމިޝަނުން ކުރިން ނިންމި ނިންމުން ވެސް ބާތިލްކުރި ކަމަށެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އީސީގެ ނިންމުން ކަމާ ބެހޭ ފަރާތްތަކަށް ރަސްމީކޮށް މިހާރު ވަނީ އަންގައިފަ އެވެ.

އިދިކޮޅާ ގުޅިވަޑައިގެންނެވި 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އީސީން ކުރިން ނިންމުމުން އެ ބޭފުޅުންނަށް މަޖިލިހަކަށް ނުވަދެވެ އެވެ. އަދި ގޮނޑި ހުސްވިކަމާ މެދު އޮތް ހިޔާލު ތަފާތުވުމަށް ސުޕްރީމް ކޯޓުން ހައްލެއް ލިބޭތޯ، މަސައްކަތްކުރާތާ ވެސް މިހާރު އަހަރަކަށް ވުރެ ގިނަ ވެއްޖެ އެވެ.

ސުޕްރީމް ކޯޓުން މިދިއަ ހޯމަދުވަހާއި އިއްޔެ ވަނީ އޭގެ ތެރެއިން ހަތަރު މެމްބަރެއްގެ މައްސަލައިގެ އަޑުތައް ބާއްވާ ނިންމައިފަ އެވެ. ދެން އޮތީ ހުކުމް އިއްވުމެވެ.

ގާނޫނުއަސާސީގައި ކަނޑައަޅާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ އެކަމާ މެދު ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުއްލި މި ނިންމުން މިއައީ ރިޔާސީ އިންތިހާބަށް ފަހު، ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ފާޑުކިއުން އެ ކޮމިޝަނަށް އަމާޒުވެފައި ވަނިކޮށެވެ. ކުރިން ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، މިހާރުގެ އީސީގެ ރައީސް އަހުމަދު ޝަރީފް، ރިޝްވަތު ނަންގަވާފައިވާ ކަމަށް ވެސް، ޕީޕީއެމުން ތުހުމަތުކުރެ އެވެ.

އެކަމަކު ޝަރީފް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބު ބޭއްވީ، ގާނޫނާއި ގަވާއިދާ އެއްގޮތަކަށް ކަމަށާއި އެއްވެސް ފަރާތެއްގެ ނުފޫޒެއް އައިސްފައި ނުވާ ކަމަށެވެ.