Roadha Mihaaru
އިމްތިޔާޒު ލިބުނަސް ގާނޫނު މުގުރައެއް ނުލެވޭނޭ: ރައީސް

އިމްތިޔާޒު ލިބުމަކީ ގާނޫނު މުގުރަން ލިބޭ ލައިސަންސެއް ނޫން: ރައީސް

30 ޖެނުއަރީ 2018

ގައުމަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުން އިމްތިޔާޒުތަކެއް ލިބިވަޑައިގަތުމަކީ ގާނޫނު މުގުރަން ލިބޭ ލައިސަންސެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގައުމަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުން އިމްތިޔާޒުތަކެއް ލިބިވަޑައިގަތުމަކީ ގާނޫނު މުގުރަން ލިބޭ ލައިސަންސެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މަޖިލީހުގެ މެމްބަރުން ރިޝްވަތު ނަގައިގެން ކަންކަން ކުރެއްވުމަކީ އެ މެމްބަރުންގެ އިމްތިޔާޒްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. މެމްބަރުންގެ އިމްތިޔާޒްގެ ތެރޭގައި ހިމެނޭ ކަމަކީ އިސްލާމީ ރިވެތި އުސޫލުން އެ މެމްބަރަކަށް ފެންނަ ގޮތަކަށް، ވާހަކަ ދައްކަވައި، ވޯޓު ލެއްވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި ރައީސް ޔާމީން އެ އިޝާރާތް ކުރެއްވީ އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅަށާއި ރިޝްވަތު ދިނުމުގެ ތުހުމަތުގައި މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރުމާ ގުޅިގެން އެކަމަށެވެ.

މައުމޫނާއި ފާރިސްގެ ނަން ފާހަގަ ނުކުރައްވައި، ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން ގާނޫނާ ޚިލާފު ކަންތައްތައް ކުރުމަކީ އަބަދުވެސް ކުށެއް ކަމަށެވެ.

"އެ ކުށުގެ އަދަބު ތަފާތުވެދާނެ ހާލަތަށް ބަލާފައި. އެކަމަކު އެއީ އަބަދުވެސް ކުށެއް. އެއީ ހަމަ ބުއްދިން އިންސާނުން ގަބޫލު ކުރާނެ ކަމެއް ނޫން. ކުރީގައި ވެސް ކުށެއް. ފަހުން ވެސް ކުށެއް. މިހާރު ވެސް ކުށެއް. އެކަން އަޅުގަނޑުމެން ގަބޫލު ކުރަންވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަޖިލީހުގެ މެމްބަރުންނާ ރައްޔިތުން އަމާނާތް ހަވާލުކުރީ "އަގު ކިޔާފައި ނޫން" ކަމަށެވެ. އަދި ރިޝްވަތު ނަގައިގެން ކަމެއް ކުރާނަމަ، މެމްބަރަކު ނުވަތަ ސިޔާސީ ބޭފުޅަކަށް ވިޔަސް އެ ކުރައްވަނީ ކުށެއް ކަމަށާއި އެ ކުށުގެ އަދަބު ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި، މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން ބޭނުންފުޅުވާކަން ދޭހަވާ ގޮތަށް، މައުމޫން ދެއްކެވި ވާހަކަފުޅަށް ނުސީދާ ގޮތެއްގައި ރައީސް ޔާމީން މިރޭ ފާޑު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އިމްތިޔާޒަކީ ހުރިހާ ކަމަކަށް ފާޑު ކިޔޭނެ ކަމަށް ހިޔާލު ގެނައުމެއް ނޫނެވެ. ކަންކަމަށް ފާޑު ކިއަން ވާނީ އޭގެ ހަގީގަތް ބެލުމަށް ފަހު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިމްތިޔާޒްތަކެއް ލިބުމަކީ ހުރިހާ ކަމަކަށް ފާޑު ކިޔޭނެ ސަބަބެއް ނޫން ކަމަށާއި، ގާނޫނަށް ވުރެ މަތީގައި ތިބޭ ބަޔަކަށް އަދަބެއް ލިބުނަސް ހިތާމަ ނުކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ގާނޫނު އެންމެންގެ މައްޗަށް ހަމަހަމަކޮށް ހިނގާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޝަރުއީ މަރުހަލާ ކަޑައްތު ކުރުމަށް ފަހު ނޫނީ އެމަނިކުފާނުގެ ސަރުކާރުގައި އެއްވެސް ބޭފުޅަކު ބަންދެއް ނުކުރާނެ ކަމަށެވެ. ޖަލު ގޮޅިއަށް ދާ ކޮންމެ މީހަކަށް ސުޕްރީމް ކޯޓާ ހަމައަށް ދިއުމުގެ ބާރު އޮންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން، އެމަނިކުފާނު މަގާމުން ދުރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ވެސް އެމަނިކުފާނު ރައްދު ދެއްވި އެވެ. ރައީސް ވިދާޅުވީ އެފަދަ މައްސަލައެއް ކޯޓަށް ހުށަހަޅާނީ ކޯޓުގެ އިތުބާރު އޮތީމަ އެވެ.