Roadha Mihaaru
މަޝްވަރާގެ ޝަރުތު ކަނޑައެޅީ ފާރިސް އަށް އަމާޒުކޮށް؟

ޝަރުތު ކަނޑައެޅީ މަޝްވަރާގައި ފާރިސް ބައިވެރިވިޔަ ނުދޭން؟

05 އޮކްޓޯބަރ 2016

ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން ކަނޑައެޅުމާ ގުޅޭ ގޮތުން ސަރުކާރުން ޝަރުތެއް ކަނޑައެޅީ ޕީޕީއެމްގެ ފަރާތުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ބައިވެރިވެވަޑައިގަންނަވާތީ ކަމަށް އެ ޕާޓީ އާއި އިދިކޮޅު ބައެއް ޕާޓީތަކުން ވެސް މިއަދު ތުހުމަތުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން ކަނޑައެޅުމާ ގުޅޭ ގޮތުން ސަރުކާރުން ޝަރުތެއް ކަނޑައެޅީ ޕީޕީއެމްގެ ފަރާތުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ބައިވެރިވެވަޑައިގަންނަވާތީ ކަމަށް އެ ޕާޓީ އާއި އިދިކޮޅު ބައެއް ޕާޓީތަކުން ވެސް މިއަދު ތުހުމަތުކޮށްފި އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވާނެ މަންދޫބުންގެ ނަންތައް އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރުމަށް ފަހު ފޮނުވަން ރައީސް އޮފީހުން އިއްޔެ ވަނީ އަންގައިފަ އެވެ. މަންދޫބުންގެ ނަންތައް ފޮނުވައިދޭން އެދި ކުރިން ފޮނުވި ސިޓީގައި، ކައުންސިލުން ފާސްކުރަން ޖެހޭނެ ކަމަށް ބުނެފައެއް ނުވެ އެވެ.

ކައުސިލުން ފާސްކުރާ މަންދޫބުންގެ ނަންތައް ފޮނުވަން މި އެންގީ، މަޝްވަރާގައި ޕީޕީއެމް ތަމްސީލްކުރައްވާނީ ފާރިސް އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ކަމަށް އެ ޕާޓީން ނިންމައި ރައީސް އޮފީހަށް ސިޓީ ފޮނުވުމުންނެވެ. ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް ތަމްސީލުކުރައްވާނީ މި ދެ ބޭފުޅުން ކަމަށް ކަނޑައެޅުއްވީ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

މެމްބަރު ފާރިސް (ކ) އަދި ވަހީދު: ސަރުކާރުގެ ބައެއް ނިންމެވުންތަކާ ދެކޮޅަށް ދެ ބޭފުޅުން ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވޭ. -- ފޮޓޯ: މަޖިލިސް

މެމްބަރު ފާރިސް (ކ) އަދި ވަހީދު: ސަރުކާރުގެ ބައެއް ނިންމެވުންތަކާ ދެކޮޅަށް ދެ ބޭފުޅުން ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވޭ. -- ފޮޓޯ: މަޖިލިސް

މަޝްވަރާގެ މަންދޫބުންގެ ނަންތައް ކައުންސިލުން ފާސްކުރަން އެންގި ސަބަބެއް، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ފޯނު ނުނަންގަވާތީ، ސާފެއް ނުވި އެވެ.

ޕީޕީއެމްގެ އިސް މެމްބަރަކު ވިދާޅުވީ މިއީ ފާރިސް އަށް އަމާޒުކޮށްގެން ނިންމި ނިންމުމެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އަދި އެގޮތަކަށް ނޭންގޭނެ ކަމަށާއި އެ ޕާޓީއެއްގެ މަންދޫބުން ކަނޑައެޅުމުގެ އިހްތިޔާރު އޮންނަން ޖެހޭނީ އެ ޕާޓީއަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަކި މީހަކު ނުވަތަ ވަކި ތަނަކުން ނިންމައިގެން މެމްބަރުން ފޮނުވާކަށް ރައީސް އޮފީހަކަށް ނޭންގޭނެ. ޕާޓީތައް ހިންގަނީ ގާނޫނާއި އެ ޕާޓީއެއްގެ ހިންގާ ގަވާއިދާ އެއްގޮތަށް. މަޝްވަރާގައި ޕީޕީއެމް ތަމްސީލްކުރައްވާނެ މަންދޫބުން މި ކަނޑައެޅީ އަސާސީ ގަވާއިދާ އެއްގޮތަށް،" އޭނާ ވިދާޅުވި އެވެ.

މަންދޫބުން ކަނޑައެޅުމާ ގުޅޭ ގޮތުން ސަރުކާރުގެ އެންގުމަށް އެމްޑީޕީގެ އިސް ބައެއް މެމްބަރުން ވެސް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. ޕާޓީތަކުން މަންދޫބުން ކަނޑައަޅަން ޖެހޭނެ ވަކި ގޮތެއް އެންގިއިރު، ސަރުކާރުގެ ފަރާތުން ބައިވެރިވާ މަންދޫބުން ކެބިނެޓުން ފާސްނުކުރީ ކީއްވެތޯ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

މަންދޫބުން ކަނޑައެޅުމާ ގުޅޭ ގޮތުން ސަރުކާރުގެ އެންގުމަށް ފާޑުވިދާޅުވެ އަނަސް ކުރެއްވި ޓުވީޓެއް.

މަޝްވަރާގައި ސަރުކާރުގެ ފަރާތުން ބައިވެރިވާ މަންދޫބުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޝައިނީ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ

މަޝްވަރާގައި ސަރުކާރުގެ ފަރާތުން ބައިވެރިވާ މަންދޫބުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޝައިނީ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ

ސިޔާސީ މަޝްވަރާތަކުގައި ޕީޕީއެމުން ބައިވެރިވާނެ ބަޔަކު، ރައީސް ޔާމީނަށް ތާއީދުކުރާ މީހުންގެ ކޮންޓްރޯލް އޮންނަ ޕީޕީއެމް ކައުންސިލުން ފާސްކުރާ ނަމަ ފާރިސް އާއި ވައްޑެ އަށް އެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަކަށެއް ނުބެލެވެ އެވެ.

ފާރިސް އަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ މީހުން ގަބޫލެއް ނުކުރެ އެވެ. ރައީސް ޔާމީން ފަޅީގައި އަޣުލަބިއްޔަތު އޮންނަ ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ވަނީ ފާރިސް އެ ޕާޓީން ވަކިކޮށްފަ އެވެ. އެ ފިޔަވަޅު އެޅީ ވިޕްލައިނާ ހިލާފަށް ރައްޔިތުންގެ މަޖިލިހުގައި ވޯޓު ދެއްވި މައްސަލައެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން އަންގައިގެންނެވެ.

ސުލޫކީ ކޮމެޓީގެ މި ނިންމުން ގަބޫލުނުކުރަން ޕީޕީއެމުން ވަނީ ނިންމައިފަ އެވެ.

އެންމެ ފަހުން ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން ވެސް ހުއްޓާލަން ޖެހުނީ އެ ބައްދަލުވުމުގައި ފާރިސް ބައިވެރިވެވަޑައިގަތުމާ ދެކޮޅު ހައްދަވައި މެމްބަރުން ބައްދަލުވުމުން ނުކުމެ ވަޑައިގަތުމުންނެވެ.

ފާރިސް އާއި ވައްޑެ ފަހަކަށް އައިސް ގެންދަވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ފާޅުގައި ދެކޮޅު ހައްދަވަމުންނެވެ. އެގޮތުން ސަރުކާރުން ކުއްލި ގޮތަކަށް ކާޑުގެ އަގު އެތައް ގުނައެއް ބޮޑުކުރި މައްސަލާގައި ފާރިސް އާއި ވައްޑެ މިހާރު ވެސް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.

ސަރުކާރާ އެކު އިދިކޮޅު ފަރާތްތަކުގެ މަޝްވަރާ މީގެ ކުރިން ވެސް ފޭލްވީ ޕާޓީތަކުން ބައިވެރިވާން ނިންމި މަންދޫބުން ސަރުކާރުން ގަބޫލުނުކޮށްގެންނެވެ. އެމްޑީޕީން ބައިވެރިވާނެ މަންދޫބެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ހުށަހެޅިއިރު އަދާލަތުން ފޮނުވީ އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ނަމެވެ. އެކަމަކު ދެ ބޭފުޅުންނަކީ ވެސް ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުށްވެރިން ކަމަށް ބުނެ ދެ ބޭފުޅުން ވެސް މަޝްވަރާގައި ބައިވެރިކުރަން ސަރުކާރުން އެއްބަހެއް ނުވި އެވެ.

މަޝްވަރާގަައި ސަރުކާރު ތަމްސީލްކުރައްވާ އިސް މަންދޫބު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މަޝްވަރާގައި މަންދޫބުން ކަނޑައެޅުމާއި މަޝްވަރާ ކުރާނެ ކަންކަން ކަނޑައަޅާނީ އެ ޕާޓީއަކުން ކަމަށެވެ. މަޝްވަރާގައި އެމްޑީޕީ އާއި އަދާލަތު ތަމްސީލުކުރާނީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން ކަމަށް ނިންމައި ފޮނުވިއަސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަޝްވަރާގެ މޭޒަށް ހުށަހަޅާ ހުރިހާ ކަމަކާ ވާހަކަ ދައްކާނެ ކަމަށާއި މުހިއްމީ މަޝްވަރާގެ މޭޒަށް އައުން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.