Roadha Mihaaru
ޕަލްމިއޭރީގެ ސޮއި ހޯދައި ޗެލްސީގެ މިސްރާބު ޖިރޫ އަށް

ޕަލްމިއޭރީގެ ސޮއި ހޯދައި ޗެލްސީގެ މިސްރާބު ޖިރޫ އަށް

31 ޖެނުއަރީ 2018

ލަންޑަން (ޖެނުއަރީ 31) - ރޯމާ އަށް ކުޅޭ ބްރެޒިލްގެ ފުލްބެކް އެމަސަން ޕަލްމިއޭރީގެ ސޮއި ހޯދުމަށް ފަހު ޗެލްސީން މިހާރު މިސްރާބު ޖަހާފައިވަނީ މިއަދު ޓްރާންސްފާގެ މުއްދަތު ހަމަވުމުގެ ކުރިން އާސެނަލަށް ކުޅޭ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ ހޯދުމަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖެނުއަރީ 31) - ރޯމާ އަށް ކުޅޭ ބްރެޒިލްގެ ފުލްބެކް އެމަސަން ޕަލްމިއޭރީގެ ސޮއި ހޯދުމަށް ފަހު ޗެލްސީން މިހާރު މިސްރާބު ޖަހާފައިވަނީ މިއަދު ޓްރާންސްފާގެ މުއްދަތު ހަމަވުމުގެ ކުރިން އާސެނަލަށް ކުޅޭ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ ހޯދުމަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 23 އަހަރުގެ ޕަލްމިއޭރީ ވަނީ ޗެލްސީއާ އެކު ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ޗެލްސީން ޕަލްމިއޭރީ ގެނައީ ރޯމާ އަށް 17.1 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު އެވެ. ވާތު ފަޅިން ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ޕަލްމިއޭރީ ރޯމާއާ ގުޅުނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބްރެޒިލްގެ ސަންޓޯސް އިންނެވެ.

ބީޓީ ސްޕޯޓްސް އާއި ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި ޗެލްސީން ވަނީ ޖިރޫ ގެންނަން އާސެނަލާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އާސެނަލުން ފުރަތަމަ ޖިރޫ ވިއްކާލަން ކީ އަގަކީ 30 މިލިއަން ޕައުންޑެވެ. އެހެން ނަމަވެސް މިހާރު ޗެލްސީން ޖިރޫ ގަންނަނީ 18 މިލިއަން ޕައުންޑަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ކުޅުމަށް ބަލާފައި އިތުރު ހަ މިިލިއަން ޕައުންޑް އިތުކުރާ ގޮތަށެވެ.

ޗެލްސީއާ ގުޅުނު ބްރެޒިލްގެ ފުލްބެކް ޕްލިމިއޭރީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީއާ ގުޅުނު ބްރެޒިލްގެ ފުލްބެކް ޕްލިމިއޭރީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީން ވަނީ ޖިރޫ ހޯދަން އެ ޓީމަށް ކުޅޭ ބްރެޒިލް ޑިފެންޑަރު ޑޭވިޑް ލުއިޒް ދޫކޮށްލަން ވެސް ވާހަކަ ދައްކައިފަ އެވެ. އެހެން ނަމަވެސް އެ ގޮތަށް އާސެނަލުން އެއްބަހެއްނުވި އެވެ. ރޭ ސްވަންސީ ސިޓީ އަތުން ޕްރިމިއާ ލީގުގައި އާސެނަލް ބަލިވި މެޗުގެ ދެ ވަނަ ހާފުގައި ޖިރޫ ވަނީ ކުޅެން އަރުވައިފަ އެވެ.

ޓްރާންސްފާގެ އެހެން ހަަބަރުތަކަށް ބަލާއިރު މެންޗެސްޓާ ސިޓީން ވަނީ އެ ކްލަބްގެ ރެކޯޑް އަގެއް ކަމަށްވާ 57 މިލިއަން ޕައުންޑަށް އެތުލެޓިކް ބިލްބާއޯ އަށް ކުޅޭ ފްރާންސްގެ ޑިފެންޑަރު އައިމެރިކް ލަޕޯޓޭ ގެނެސްފަ އެވެ. ސިޓީން މީގެ ކުރިން އެންމެ އަގުބޮޑުކޮށް ގަތް ކުޅުންތެރިޔަކީ 55 މިލިއަން ޕައުންޑަށް ކެވިން ޑިބްރޭނާ އެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސިޓީން އަންނަނީ ލެސްޓާ ސިޓީ އަށް ކުޅޭ އަލްޖީރިއާގެ މިޑްފީލްޑަރު ރިޔާދު މާރޭޒް ހޯދަން ވެސް މަސައްކަތް ކުރަމުންނެވެ. ސިޓީން މާރޭޒަށް ހުށަހަޅާފައިވަނީ 60 މިލިއަން ޕައުންޑުގެ ބިޑެކެވެ. ބީޓީ ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި މާރޭޒް ވަނީ ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށް އަންގައިފަ އެެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ ނުކުންނާނީ އަމިއްލަ ދަނޑުގައި ބޯންމައުތާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.