Roadha Mihaaru

ލަންކާގެ ސެންޓްރަލް ބޭންކުގެ ބޮންޑުގެ ޚިޔާނާތް 11 މިލިއަން ޑޮލަރަށް

ކޮލަމްބޯ (ފެބްރުއަރީ 3) - ސްރީ ލަންކާގެ ސެންޓްރަލް ބޭންކުން 2015 އަދި 2016 ވަނަ އަހަރު ބޮންޑު ވިއްކުމުގައި ހިންގާފައިވާ ޚިޔާނާތުގައި ސަރުކާރަށް 11 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި އެ ޚިޔާނާތުގައި ސެންޓްރަލް ބޭންކުގެ ކުރީގެ ގަވަރުނަރު އަރުޖުނާ މަހެންދުރަން އާއި އޭނާގެ ދަނބިދަރިއެއް ބައިވެރިވެފައިވާ ކަމަށް ކޯޓުގައި ބުނެފި އެވެ.

ލަންކާގެ ސެންޓްރަލް ބޭންކުގެ ޚިޔާނާތް 11 މިލިއަން ޑޮލަރަށް
ހަސަން އާމިރު
ހަސަން އާމިރު

03 ފެބުރުއަރީ 2018

ކޮލަމްބޯ (ފެބްރުއަރީ 3) - ސްރީ ލަންކާގެ ސެންޓްރަލް ބޭންކުން 2015 އަދި 2016 ވަނަ އަހަރު ބޮންޑު ވިއްކުމުގައި ހިންގާފައިވާ ޚިޔާނާތުގައި ސަރުކާރަށް 11 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި އެ ޚިޔާނާތުގައި ސެންޓްރަލް ބޭންކުގެ ކުރީގެ ގަވަރުނަރު އަރުޖުނާ މަހެންދުރަން އާއި އޭނާގެ ދަނބިދަރިއެއް ބައިވެރިވެފައިވާ ކަމަށް ކޯޓުގައި ބުނެފި އެވެ.

ބޮންޑު ވިއްކި މައްސަލަ ވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކޮށްފަ އެވެ. އަދި ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި މަހެންދުރަންގެ އިތުރުން އޭނާގެ ދަނބިދަރި ޕާޕަޗުއަލް ޓްރެޝަރީ ލިމިޓެޑުގެ ޑިރެކްޓަރު އަރްޖުން އަލޮއިސިއަސް އާއި އެ ކުންފުނީގެ ސީއީއޯ ކަސުން ޕަލިސެނާ ވަނީ ބައިވެރިވެފަ އެވެ.

ސިންގަޕޫރުގައި ދިރިއުޅޭ ލަންކާ ދަރިކޮޅު މީހެއް ކަމަށްވާ މަހެންދުރަ ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. ކޯޓުން ވަނީ މި މަހު 15 ގެ ކުރިން މަހެންދުރަން ލަންކާ އަށް ގޮސް ސީއައިޑީ އަށް ބަޔާން ދިނުމަށް އަންގައިފަ އެވެ.

ބޮންޑު ވިއްކި މައްސަލައިގެ ޚިޔާނާތް ތަހުގީގު ކުރަން ރައީސް މައިތުރިޕާލާ ސިރިސޭނާ އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް ވެސް ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅައިފަ އެވެ. ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން ބޮންޑުގެ ޚިޔާނާތުން ސަރުކާރަސް ވަނީ 8.52 ބިލިއަން ރުޕީސްގެ ގެއްލުންވެފަ އެވެ.

ކޮމިޝަނުގެ 1،154 ސަފްހާގެ ރިޕޯޓުގައިވާ ގޮތުން ބޮންޑުގެ ޚިޔާނާތުން ސަރުކާރަށް ލިބުނު ގެއްލުން މަހެންދުރަން އާއި އޭނާގެ އަނބިދަރީގެ އަތުން ހޯދުމަށް ވެސް ލަފާދީފައިވެ އެވެ. އަދި ބޮންޑު ވިއްކި އިރު މާލީ ވަޒީރަކަށް ހުންނެވި ރަވީ ކަރުނަނަޔަގެ މައްޗަށް ދައުވާ ކުރަން ވެސް ރިޕޯޓުގައި ވަނީ ހުށަހަޅައިފަ އެވެ. މަހެންދުރަންގެ ދަނބިދަރި އާއި ރަވީ އަކީ ގާތް ދެ ރަހުމަތްތެރިންނެވެ. މި މައްސަލާގައި ރަވީގެ މައްޗަށް ކުރި ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެން އޭނާ ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އިސްތިއުފާ ދެއްވައިފަ އެވެ.

ސެންޓްރަލް ބޭންކުގެ ގަވަރުނަރުގެ މަގާމަށް މަހެންދުރަން 2015 ވަނަ އަހަރު ހަމަޖެއްސީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ. ބޮންޑުގެ ޚިޔާނާތާ ގުޅިގެން ރަނިލް އާއި ސިރިސޭނާގެ ކޯލީޝަނުގެ ގުޅުން ވެސް ވަނީ ގޯސްވެފަ އެވެ. އަދި އިގްތިސާދީ ހުރިހާ ކަމެއް ބެލެހެއްޓުން ރަނިލްގެ އަތްޕުޅުން ނަންގަވާ ސިރިސޭނާ ވަނީ ދާދި ފަހުން ހަވާލުވެވަޑައިގެންފަ އެވެ.