Roadha Mihaaru
ލަންކާގެ ރައީސްގެ ކޮއްކޮގެ މައްސަލަ ބަލަން އަންގައިފި

ޕެނަރޯމާ ޕޭޕާސްއާ ގުޅިގެން ލަންކާގެ ރައީސްގެ ކޮއްކޮގެ މައްސަލަ ބަލަން އަންގައިފި

07 އޮކްޓޯބަރ 2021

ކޮލަމްބޯ (އޮކްޓޯބަރު 7) - ބައެއް ގައުމުތަކުގެ އެންމެ އިސް މީހުން ގައުމުން ބޭރުގައި ގެންގުޅުއްވާ ބައެއް މިލްކިއްޔާތުތައް ފަޅާއަރުވާލިއިރު، ޕެންޑޯރާ ޕޭޕާސްގައި ނަން އޮތް ސްރީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ އަށް ބޮޑުބޭބެ ވިދާޅުވާ އަންހެނަކާއި އޭނާގެ ފިރިމީހާގެ މައްސަލަ ތަހުގީގު ކުރަން އަންގައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮކްޓޯބަރު 7) - ބައެއް ގައުމުތަކުގެ އެންމެ އިސް މީހުން ގައުމުން ބޭރުގައި ގެންގުޅުއްވާ ބައެއް މިލްކިއްޔާތުތައް ފަޅާއަރުވާލިއިރު، ޕެންޑޯރާ ޕޭޕާސްގައި ނަން އޮތް ސްރީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ އަށް ބޮޑުބޭބެ ވިދާޅުވާ އަންހެނަކާއި އޭނާގެ ފިރިމީހާގެ މައްސަލަ ތަހުގީގު ކުރަން އަންގައިފި އެވެ.

ގޯޓާބޭގެ މި އެންގެވުމާ ގުޅިގެން ލަންކާގެ އިދިކޮޅު ފަރާތްތަކުން ވަނީ ޝައްކު އުފައްދައިފަ އެވެ. އަދި އެ ތަހުގީގު ވެގެންދާނީ ރާޖަޕަކްސާ އާއިލާ އިން ހިންގާ ކަންކަން ފޮރުވުމުގެ އުކުޅަކަށް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެންބަރެއް ކަމަށްވާ އަނޫރާ ޑިސަނައިކަ ވިދާޅުވީ ތަހުގީގެއް ކުރަން ގޯޓާބޭ އެންގެވީ އާއްމުންގެ ރުޅިގަނޑު މައިތިރި ކުރުމުގެ ގޮތުން ކަމަށެވެ.

"ތަހުގީގަކީ ތެދު ފޮރުވައި ކުށްވެރިން ހިމާޔަތް ކުރުމުގެ މެކޭނިޒަމެއް،" އޭނާ ވިދާޅުވި އެވެ.

ކެބިނެޓުގެ ތަރުޖަމާން ޑުލެސް އަލަހައްޕެރުމާ ވިދާޅުވީ ނިރުޕަމާ ރާޖަޕަކްސާ އާއި އޭނާގެ ފިރިމީހާ ތިރުކުމާރު ނަދޭސަންގެ މައްސަލަ ލަންކާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލައި މަސް ދުވަސްތެރޭގައި ރިޕޯޓް ނެރުމަށް ރައީސް ގޯޓާބޭ އަންގަވާފައިވާ ކަމަށެވެ. އުމުރުން 59 އަހަރުގެ ނިރުޕަމާ ރާޖަޕަކްސާ އަކީ އޭނާގެ އެެހެން ބޮޑުބޭބެއެއް ކަމަށްވާ މަހިންދާ ރާޖަޕަކްސާގެ ރައީސްކަމުގައި 2004 އިން 2015 އަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކުރެއްވި ފަރާތެކެވެ. އޭނާ ވަނީ ޖޫނިއާ މިނިސްޓަރުކަން ފަސް އަހަރުގެ މުއްދަތަކަށް ކުރައްވައިފަ އެވެ. މަހިންދާ ރާޖަޕަކްސާ އަކީ ލަންކާގެ މިހާރުގެ ބޮޑުވަޒީރެވެ.

ތަހުގީގަކީ ތެދު ފޮރުވައި ކުށްވެރިން ހިމާޔަތް ކުރުމުގެ މެކޭނިޒަމެއް - ލަންކާގެ އިދިކޮޅު މެންބަރު

ޕެންޑޯރާ ޕޭޕާޒް އަކީ އިންޓަނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓްސް (އައިސީއައިޖޭ) އާއި ވޮޝިންޓަން ޕޯސްޓުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ 650 އަށް ވުރެ ގިނަ ނޫސްވެރިން ގުޅިގެން، އެތައް މިލިއަން ލިޔެކިޔުންތަކެއް ދިރާސާކޮށްގެން ހިންގި ތަހުގީގީ ނޫސްވެރިކަމުގެ މަސައްކަތަކުން އެކުލަވައިލި ސިއްރު މައުލޫމާތުތަކެކެވެ. މިއީ އައިސީއައިޖޭ އިން މިހާތަނަށް އެންމެ ފުޅާ ދާއިރާއެއްގައި ކުރި ތަހުގީގީ ނޫސްވެރިކަމުގެ ދިރާސާއެވެ.

އައިސީއައިޖޭ އިން ބުނެފައި ވަނީ ނަދޭސަން ޓްރަސްޓުގެ މާލީ ބަޔާނަށް ބަލާއިރު ނިރުޕަމާ އާއި ނަދޭސަން ގައުމުން ބޭރުގައިވާ މިލްކިއްޔާތުގެ އަގު 2017 ވަނަ އަހަރާ ހަމައަށް 18 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ. ގައުމުން ބޭރުގައި މިލްކިއްޔާތު ގެންގުޅުމަކީ ލަންކާގެ ގާނޫނުތަކުން މަނާކަމެއް ނޫނެވެ. ނަމަވެސް އެ ގައުމުގެ ޓެކްސް އޮތޯރިޓީއަށް އެކަން ޑިކްލެއާ ކުރަން ޖެހެ އެވެ.

ނަދޭސަން އާއި ގޯޓާބޭގެ އެހެން ކޮއްކޮއެއް ކަމަށްވާ ބަސިލް ރާޖަޕަކްސާގެ މައްޗަށް 2016 ވަނަ އަހަރު ވަނީ މަނީ ލޯންޑަރިންގެ ތުހުމަތުކޮށްފަ އެވެ. އެ މައްސަލަ އަދިވެސް އޮތީ ޕެންޑިންގަ އެވެ. ބާސިލް އަކީ ލަންކާގެ މިހާރު ފައިނޭންސް މިނިސްޓަރެވެ.