Roadha Mihaaru
މައުމޫނާއި ފަނޑިޔާރުން ވަނީ "ފްރޭމްކޮށްފައި":އިދިކޮޅު

މައުމޫނާއި ފަނޑިޔާރުން އެ ވަނީ "ފްރޭމްކޮށްފައި": އިދިކޮޅު

07 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށާއި ކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް "ފްރޭމް ކޮށްފައިވާ" ކަމަށް އިދިކޮޅު ޕާޓީތަކުން މިރޭ ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށާއި ކުރީގެ ރައީސް މައުމޫން އަބްދުގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް "ފްރޭމް ކޮށްފައިވާ" ކަމަށް އިދިކޮޅު ޕާޓީތަކުން މިރޭ ބުނެފި އެވެ.

އެ ޕާޓީތަކުގެ ވަކީލުން ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ދަރިކަލުން ސިޔާދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވެސް ޖަލަށް ލީ ގާނޫނާ ޚިލާފަށް ކަމަށެވެ. ބޭނުމަކީ އިދިކޮޅު ފަރާތްތަކަށް ބިރު ދެއްކުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެބަ އެނގޭ ފުރަތަމައިނުން އެ މީހުން ބަލައި ފާސްކޮށްގެން ވެސް އެއްޗެއް ނުފެނުކަން. މިސާލަކަށް ހަސަން ސައީދުގެ ގެ ފާސްކޮށްގެން ވެސް އެއްޗެއް ނުފެނިގެން އޭނާ ހައްޔަރުކުރުމަށް ފަހު، އަނެއްކާ ގޮސް ކޮންމެވެސް އެހެން ތަނަކުން އެއްޗެއް ހޯދައިގެން މި އުޅެނީ،" އަލީ ހުސެއިން ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވީ، ހަސަން ސައީދުގެ ގެ ބަލައި ފާސްކުރިއިރު ރިޝްވަތުގެ ގޮތުގައި ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ އެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވާތީ އެވެ.

އަލީ ހުސެއިން ވިދާޅުވި ގޮތުގައި ފުލުހުންނަކީ ސިޔާސީ ބޭފުޅުން ފްރޭމް ކުރުމުގައި މާޒީއެއް އޮތް ބައެކެވެ. މިސާލެއްގެ ގޮތުން ދެއްކެވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލަ އެވެ.

މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ދައުލަތުގެ އެއް ބާރު ކަމަށްވާ ސުޕްރީމް ކޯޓަށް ސަލާމަތީ ބާރުތަކުން ވަދެ އުއްތަމަ ފަނޑިޔާރު ގެންދިޔައީ "ބިންމަތީގައި ދަމާކޫއްތާފައި" ކަމަށް އަޑު އިވިވަޑައިގެންނެވި ކަމަށާއި މިއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓަށް ލިބިގެންވާ ހުރުމަތް ވެސް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަން މާރިޔާ ފާހަގަކުރެއްވި އެވެ.

ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓަށް ވަދެ، އެ ކޯޓުގެ ހުރުމަތް ކެނޑުމަކީ ޖިނާއީ ދައުވާ ކުރެވޭނެ ކަމެއް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ރާއްޖޭގައި މިހާރު ކުރަނީ މިލިޓަރީ ވެރިކަމެއް ކަމަށެވެ. ސުޕްރީމް ކޯޓުގެ ފުރާޅު މަތިންނާއި ދޮރުތައް ވައްޓާލައިގެން ވަދެ ގާނޫނާ ޚިލާފަށް ފަނޑިޔާރުން ހައްޔަރުކޮށްގެން ގެންދިއުމުން، އެއީ ސައްހަ ކަމެއް ކަމަށް ގަބޫލު ކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރާޅުމަތިންނާއި ސުޕްރީމް ކޯޓުގެ ހައެއްކަ ދޮރު ފަޅާލައި ސިފައިން ވަދެގަނެ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ޖަލަށް ލެވިފައި މިވަނީ. ރައްޔިތުންގެ މަޖިލިސް ވެސް އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި މިއޮތީ. އެހެންވީމަ މިއީ މިލިޓަރީ ވެރިކަމެއް،" އިންތި ވިދާޅުވި އެވެ.

ފަނޑިޔާރުން ފްރޭމްކޮށްފައިވާ ކަމަށް އިދިކޮޅުން ފާހަގަކުރާއިރު، ފުލުހުން މިއަދު ބުނެފައި ވަނީ ރިޝްވަތުގެ ގޮތުގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އެތައް މިލިއަން ރުފިޔާއެއް ނަގާފައިވާ ކަމަށެވެ. އެކަމުގެ ހެކި ތަހުގީގަށް ހޯދިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.