Roadha Mihaaru
ސަރީރު އަނެއްކާވެސް އިންޑިއާގެ ސަފީރާ ބައްދަލުކޮށްފި

ހަފުތާއެއްގެ ތެރޭގައި ދެ ވަނަ ފަހަރަށް ސަރީރު، މިޝްރާއާ ބައްދަލުކުރައްވައިފި

21 ފެބުރުއަރީ 2018

ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މި މަހު 1 ގައި ނެރުނު އަމުރު ވަގުތުން ތަންފީޒުކުރަން އިންޑިއާ އިން ހަރުކަށިކޮށް އިއްޔެ ގޮވާލާފައި ވަނިކޮށް، ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހްމަދު ސަރީރު، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ މިއަދު ބައްދަލުކުރައްވައިފި އެވެ. މިއީ ހަފުތާއެއްގެ ތެރޭގައި އެ ދެ ބޭފުޅުން ބައްދަލުކުރެއްވި ދެ ވަނަ ފަހަރެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މި މަހު 1 ގައި ނެރުނު އަމުރު ވަގުތުން ތަންފީޒުކުރަން އިންޑިއާ އިން ހަރުކަށިކޮށް އިއްޔެ ގޮވާލާފައި ވަނިކޮށް، ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހްމަދު ސަރީރު، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ މިއަދު ބައްދަލުކުރައްވައިފި އެވެ. މިއީ ހަފުތާއެއްގެ ތެރޭގައި އެ ދެ ބޭފުޅުން ބައްދަލުކުރެއްވި ދެ ވަނަ ފަހަރެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް ސަރީރު އާއި މިޝްރާ ބައްދަލުކުރައްވައި ރާއްޖެއާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

މިއަދު ބޭއްވި ބައްދަލުވުމުގެ ވެސް މާބޮޑު ތަފްސީލެއް ނުދީ، ފޮރިން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އިންޑިއާ ސަފީރާއެކު ބައްދަލުކުރައްވައި ރާއްޖެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ފޮރިން ސެކްރެޓަރީ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އިންޑިއާގެ އިތުރުން ވެސް ބައިނަލްއަގުވާމީ ފަރާތްތަކާއެކު މަސައްކަތް ކުރަން ދިވެހި ސަރުކާރު ތައްޔާރަށް އޮތް ކަން، ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ސަރީރު ފާހަގަކުރެއްވި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީގެ ޓުވީޓް.

މި މަހު 1ގައި ސުޕްރީމް ކޯޓުން ވަނީ، ސިޔާސީ ބައެއް ބޭފުޅުން ހިމެނޭ ގޮތުން، ބަންދުގައި ތިބި ނުވަ މީހަކު މިނިވަން ކުރަން ދައުލަތުގެ މުއައްސަސާތަކަށް އަމުރުކޮށްފަ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ އިދިކޮޅު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް ކަނޑައެޅި އެވެ. މި އަމުރު ތަންފީޒު ނުކޮށް ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހައްޔަރުކޮށްފަ އެވެ. އެ އަމުރުން ބައެއް ބާތިލްކޮށް ކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުން ވަނީ އަމުރެއް ނެރުއްވައިފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ނެރުނު ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރަން މަޖިލީހަށް ހުށަހެޅުމުން އިންޑިއާ އިން އިއްޔެ ބަޔާނެއް ނެރުނެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ނުކުރާނެ ކަމަށް އިންޑިއާއިން އުންމީދުކުރާ ކަމަށެވެ. އެކަމަކު ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު 38 މެމްބަރުންގެ ވޯޓާއެކު ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ޖުޑީޝަރީ އާއި މުއައްސަސާތައް، ގާނޫނު އަސާސީގައިވާ ގޮތަށް މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ފުރުސަތު ދޭންޖެހޭނެ އެވެ. އަދި ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު އޭގައި ބުނާ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރަންޖެހޭނެ އެވެ." އިންޑިއާގެ ބަޔާނުގައި ބުނެފައިވެ އެވެ.